މަޖިލީހުން ކައުންސިލަރުން ވަކިކުރެވޭ އިޞްލާހާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ރައްޔިތުންގެ މަޖިލީހަށް އަމާޒުކުރަމުން އެބަ ގެންދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން، ލާމަރުކަޒީ ބިލަށް ގެނެސްފައިވާ އިޞްލާޙުގައި ބުނަނީ އެއްވެސް ކައުންސިލް މެމްބަރެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާނަމަ، އެ ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއް ވަކިކުރަން މަޖިލިހަށް ފޮނުވަން ޖެހޭނީ އެމައްސަލައެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީން(އެލްޖީއޭ)އިން ކަމަށެވެ. އެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުން ފާސްކޮށްގެން ކަމަށެވެ. އިޞްލާޙުގައި ވާގޮތުން ކައުންސިލަރު، މޭޔަރަކު ނުވަތަ ރައީސަކު ވަކިކުރަން ބޭނުން ވަނީ މަޖިލިހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ. ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއް ވަކިކުރަން މަޖިލީހުގެ އަޣްލަބިއްޔްތުން ފާސްކޮށްފިނަމަ އެކައުންސިލަރެއްގެ މަޤާމު ގެއްލޭނެއެވެ.
ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިންވެސް ކުރިއަށް ގެންދަންޖެހޭ މަރުޙަލާތަކެއް އިޞްލާޙުގައި ވެއެވެ. ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއްގެ ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކޮށް ނުވަތަ އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ، މަޖިލިހުގެ އިރުޝާދާ އެކު، އެފަދަ ކައުންސިލަރުންނާ މެދުގައި ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށް ބިލުގައި ވެއެވެ. އެގޮތުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި މަޖިލިހުން ދޭ ލަފައެއްގެ މައްޗަށް ބިނާކޮށް، އެ މެމްބަރަކު ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާ ކުރުމުގެ ބާރު އެލްޖީއޭ އަށް ލިބިގެން ވެއެވެ.
ޚިޔާލު ފާޅުކޮށްފައިވާ ބައެއް ފާރާތްތަކުން ވިދާޅުވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން މަޤާމުން ވަކިކުރެވޭނަމަ މަޖިލީހުގެ މެމްބަރުންވެސް މަޤާމުން ވަކި ކުރެވޭނެ އުޞޫލެއް އޮންނަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ މިކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރައްވައިފައެވެ.
ވިލިމާލޭ މެމްބަރ އަޙްމަދު އުޝާމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެމްބަރުންގެ ވޯޓަކުން ވަކިކުރުން އެއީ ރަނގަޅު ގޮތެއްނޫންކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ ވޯޓުން ހޮވާ ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެއެވެ.
ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުން އެއީ ރަގަޅު ގޮތެއް ނޫން. ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން/ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ. https://t.co/m1p0zBKzx2
— Ahmed Usham (@a_usham) December 3, 2019
ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ޙުޞައިން ވިދާޅުވެފައި ވަނީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށެވެ.
" ރަށެއްގެ ރައްޔިތުން އެރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިމިގެން ނުވާނެ" ޢަލީ ހުޞައިން ވިދާޅުވިއެވެ.
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ. ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ.
— Ali Hussain (@AleeVoice) December 4, 2019
ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ހުސައިންގެ ޚިޔާލު ތަފާތެވެ. ކައުންސެލަރުން ވަކިކުރުން ކުރިއަށް ދާނީ ދެ މަރުޙަލާއަކުން ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގައި އިސްނަގަނީ މަޖިލީހުން ނޫންކަމަށެވެ. މަޖިލީހަށް ކައުންސެލަރު ވަކިކުރުމަށް މަޖިލީހަށް ފޮނުވާނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުން ފާސްކޮށްގެން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ކައުންސިލަރުން އިންތިޚާބުކުރަނީ ތަފާތު އެހެންބާރުތަކާއެކު ރައްޔިތުންގެ ފައިސާ ޚަރަދުމުގެ ބާރާއެކު ފަސް އަހަރުގެ މުއްދަތަކަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
Proposed amendment to impeach councillors has 2 tiers.Majlis can’t initiate a removal.LGA must follow the process in the law & with 2/3 of LGA votes, request for removal can be sent to Majlis.Councillors are elected for 5yr term with power to spend public money among other powers
— Hisaan ?؟ (@hisaanhussain) December 3, 2019