ދިބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ރިވިއުކުރުމަށް ފޮނުވަނީ

ދިބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ރިވިއުކުރުމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރެއްވީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުދެއްވުމަށް ނިންމެވި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވުމަށްފަހުއެވެ.

މައްސަލަ ދިރާސާކޮށް ނިންމެވުމަށްފަހު މަޖިލީހުން ފާސްކުރެއްވި ރިޕޯޓުގައި ބުނަނީ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތާއި އެ އޮފީހުގެ ކަމާބެހޭ ބޭފުޅުންނާ މާލިއްޔަތު ކޮމިޓީން ބައްދަލުކުރެއްވިކަމަށެވެ. އަދި ގާނޫނީ ގޮތުން ނުކުތާއެއް އޮވެއްޖެނަމަ، އެމައްސަލަ ރިވިއުކުރައްވާނެކަމަށް އޭޖީ ވިދާޅުވެފައިވާކަމަށެވެ. އަދި ޙުކުމް ރިވިއުކުރަން ހުށަހެޅުމަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށެވެ. ކޯޓުތަކު ގައި މިހާރު ތިއްބަވާ ފަނޑިޔާރުން ތިއްބަވައިގެން ޢަދުލުވެރި، އިންސާފުވެރި، ދެފުށް ފެންނަ ޙުކުމްތަކެއް ކުރެވިދާނެކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށް ކޮމެޓީގައި އޭޖީ ވިދާޅުވެފައިވާ ކަމަށްވެސް ރިޕޯރޓްގައި ވަނީ ފާހަގަކުރައްވައިފައެވެ.

ދީބާޖާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ހިންގާފައިވާ އެންމެހައި މުޢާމަލާތްތައް ބަލައިތަޙުޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރޖެނެރަލް ދެންނެވުމަށް ވެސް ކޮމެޓީން ފާސްކުރެއްވި ރިޕޯރޓްގައި ވެއެވެ. މިރިޕޯރޓް ފާސްކުރައްވައިފައި ވަނީ 65 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މާލިއްޔަތު ކޮމެޓީން މައްސަލަ ދިރާސާކޮށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދީބާޖާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އުފުލަންޖެހޭ އިލްތިޒާމުތަކެއް ހުރި ކަމާއި އެއްބަސްވުން ބާތިލު ކޮށްފައިވަނީ ދެ ފަރާތުން ވެސް ޙަޤީޤީ މާނައިގައި އިލްތިޒާމުތައް އަދާނުކުރުމުގެ ސަބަބުންކަން އެނގެއެވެ.

 ދީބާޖާއަށް 948 ލމިލިއަން ރުފިޔާ ދައްކަން ޙުކުމްކޮށްފައިވަނީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން 2013 ވަނައަހަރު ސަރުކާރުން ބާތިލުކުރި މައްސަލައިގައެވެ. ދީބާޖާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުން އުފެދޭނެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި އެކުންފުނިން އިހުމާލުވެފައިވާކަން ކޮމެޓީއަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ސަރުކާރުން އެކުންފުންޏަށް ހަވާލުކުރުމަށް އެއްބަސްވެފައިވާ 46 ބިމުގެ ތެރެއިން ހަވާލުކޮށްފައިވަނީ 26 ބިންކަން ވެސް ކޮމިޓީއަށް ފާހަގަކުރެވޭ ކަމަށް ރިޕޯރޓްގައި ވެއެވެ.

"އެއްބަސްވުމުގައިވާ ގޮތުންނަމަ، ވިދިވިދިގެން ފަސް ދުވަހު ގައި ޚިދުމަތްނުދީފިނަމަ، ސަރުކާރަށް އެއްބަސްވުން ބާތިލުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ފުރަތަމަ ފަހަރަށް ޚިދުމަތް ނުލިބި ވިދިވިދިގެން ފަސް ދުވަސް ފާއިތުވުމުން، އެއްބަސްވުން ބާތިލުނުކޮށް، ދެވަނަ ފަހަރަށް ވިދިވިދިގެން ތިން ދުވަސް ފާއިތުވުމުން އެއްބަސްވުން ބާތިލުކޮށްފައިވާކަން" ރިޕޯރޓްގައި ފާހަގަކުރައްވައިފައި ވެއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ޙުކުމުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށް ލަފާދޭ ސެޓުލްމަންޓް ކޮމިޓީން 123 މިލިއަން ރުފިޔާ އެކުންފުންޏަށް ދިނުމަށް ނިންމާފައި ވީނަމަވެސް، ދީބާޖާ އިންވެސްޓްމަންޓާއި ސަރުކާރާ ކުރެވުނު މަޝްވަރާތަކަށްފަހު، ދެ ފަރާތު ން އެއްބަސްވެފައިވާ ގޮތަށް 174 މިލިއަން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދެއްވުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވެސް ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

 ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓުން އެކަށައަޅުއްވާފައި އޮތީ، އާއްމު އުސޫލުން ގެއްލުމުގެ ބަދަލު މިނެކިރުމުގައި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ބެލުމެއް ނެތި ކަމަށާއި، ގެއްލުން މިނެކިރުމުގައި ރަނގަޅަށް އޮޑިޓުކުރެ ވިފައިނުވާ ކަމަށް ވެސް ފާހަގަކުރެވިފައިވާކަމަށް ރިޕޯރޓްގައި ވެއެވެ.

"ހަމަ އެއާއެކުގައި ދީބާޖާއާ އެކު ސަރުކާރުން އެއްބަސްވެފައިވާ އެއްބަސްވުން ބާތިލުކުރުމުން 50 އަހަރަށް ލިބެން ލަފާކޮށްފައިވާ ފައިދާއަށް ރިޢާޔަތްކޮށް، އަހަރަކަށް 9.6 މިލިއަން ރުފިޔާގެ މަގުން 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި، އަދި ދައުލަތުން އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެތަކެއް ފައިސާއެއް ހޭދަކުރައްވާފައިވާއިރު، ދައުލަތަށް ލިބުނު ގެއްލުމަށް އެއްވެސް ވަރަކަށް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަން" ވެސް ރިޕޯރޓްގައި ފާހަގަ ކުރައްވައިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.