ސޫދާނުގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 24 މީހުން މަރުވެއްޖެ

ސޫދާނުގެ ވެރިރަށް ޚުރްޠޫމުގެ އުތުރުގައި ހުރި ކާރުޚާނާއެއްގައި އަލިފާން ރޯވެ އެތަން އަނދައިގެން ދިއުމުގެ ސަބަބުން 24 މީހުން މަރުވެ 130 މީހުން ޒަޚަމްވެއްޖެއެވެ. ޒަޚަމްވި ބައެއެް މީހުންގެ ހާލު ދެރަކަމަށް ވެއެެވެ. ފިހިފައިވާ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދާއިރު، އިތުުރު މީހުން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.   

އަލިފާން ރޯވެފައި ވަނީ ޚުރްޠޫމުގެ ސިނާއީ ސަަރަހައްދުގައި ހުރި ތަށިމުށި ކާރުޚާނާއެއްގައެވެ. ޚަބަރު ލިބޭ ގޮތުގައި އެ ކާރުޚާާނާއަށް ގޭސް ދިޔަ ގޭސް ޓޭންކަރެއް ހުސްކުރަނިކޮށް އޭތިގޮވައިގެން ރޯވި އަލިފާންގަނޑު މުޅި ކާރުޚާނާއަށް ފެެތުރިގެނެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން އަލިފާން ރޯވާން ދިމާވީ ސަލާމަތީ ކަންކަން ދޯދިޔާކޮށް ހުރުމުންނެވެ.

"ފުރަތަމަ ބެލިބެލުމުން ފާހަގަވީ އެ ކާރުޚާނާގައި ކޮންމެހެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނެތްކަން. މީގެ އިތުރަށް އަލިފާން ހިފާ ޒާތުގެ ތަކެތި ރައްކާކޮށްފައި ހުރީވެސް އެއްވެސް ތަރުތީބެއް ނެތި. "  ސޫދާނު ސަރުކާރުގެ ބަޔާނުގައި ވެއެވެ.

"ގޭސް ޓޭންކަރުން ގޭސް ހުސްކުރި އިރު ޓެކްނިކަލް ގޯސްތެކެއް ވަނީ ހެދިފައި." ފުލުސް އޮފިސަރެއް ކަމުގައިވާ މުޙައްމަދު ޙަސަން ބުންޏެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއްޗެއް ގޮވުމުގެ އަޑާއެކު މީހުން އެހީއަށް އެދި ގޮވަމުން ކޮޅުކޮޅަށް ދުއްވައިގަނެއެވެ. އަދި ބޮޑު ކަޅު ދުމާއެކު ބޮޑު އަލިފާންގަނޑެއް އަރައިގެންދާ ތަން ފެނެއެވެ.

"ވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ. އެއްޗެއް ގޮވި އަޑާއެކު އަހަރެން ދުއްވައިގަތީ. ޖުއްބާއެއް ލައިގެން ހުރި މީހަކު އަހަރެންގެ ފަހަތުން ދުވަމުން އައިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ޒަޚަމްވެފައި. އަހަރެންގެ ފަޔަށް ވެސް ވަނީ އަނިޔާވެފައި." ކާރުޚާނާގައި މަސައްކަތްކުރާ ވިލިއަމް ނަމަކަށް ކިޔާ މީހަކު ބުންޏެެވެ.

"އަހަރެން މުޅިން އަނދާފައިވާ 14 ހަށިގަނޑު ނެރުނިން." އަލިފާން ރޯވިތަނުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި މީހަކު ބުންޏެވެ.

ކާރުޚާނާގައި ރޯވި އަލިފާންގަނޑުގައި އަނދައިގެން ދިޔަ މީހުންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އޭޝިޔާގެ ގައުމުތަކުގެ މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.