
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު މިސްރާބު ޖަހައިފައިވަނީ އަޅުވެތިކަމާ ދިމާއަށް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވަނީ ރާއްޖޭގެ މިނިވަންކަން ވިއްކާލަން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ހިންގަނީ ވަކިބަޔަކު ބުނާގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ނުވަތަ ކޮން ޤައުމުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙާއި ރައީސް ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި މިވަގުތު ހުންނެވީ ރައީސް ނަޝީދުގެ "ޕަޕެޓެއް" ކަމަށެވެ. ވެރިކަން ކުރައްވަމުން ގެންދަވަނީ ބޭރުގެ ބައެއް ކަރަތަކުގެ މީހުން ބުނާގޮތަށް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހިފާފައި މިވަނީ ނުރައްކާތެރި ދިމާއަކަށް ކަމަށެވެ. އެހެން ކަމުން ރައްޔިތުން ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރާއްޖޭގެ ޙާލަތު މިހާރުވަނީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން މިޤައުމު ސަލާމަތް ކުރެއްވިއިރު ޙާލަތުއޮތް ހިސާބުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.