
ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަޙުމަދު ހައިލަމް އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައަކީ ގުޅިގެން އޭނާ މަޤާމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވާފައި ވަނިކޮށްނެވެ.
ހައިލަމް މަޤާމުން ވަކިކުރަން ނިންމެވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށްޓަކައި ވައިބަރ ގުރޫޕަކަށް ލެއްވި ފޮޓޯއަކާ ގުޅިގެންނެވެ. އެފޯޓުގައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދުގެ ކަރުގައި ޗޭނުފަށެއް ޖަހައިގެން ގަންހިންގާ މަންޒަރެވެ. އެމައްސަލަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހޫނުވެގެންދިޔައެވެ. އަދި އޭނާ މަޤާމުން ވަކިކުރުމަށް ވެސް ގޮވާލައިފައިވެއެވެ.
ޖޭއެސްސީން އޭނާ ވަކިކުރުމުގެ ކުރިން ވަނީ ސަސްޕެންޑްކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ރައީސް ޔާމީނަށް ޙުކުމް އިއްވަން ތައްޔާރުވެފައިވަނިކޮށްނެވެ. އެ މައްސަލާގައި ސިޔާސީ ޕްރެޝަރު ވަރަށްބޮޑަށް އޭނާއަށް ކުރިމަތިވި ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމެއް އަންނާނެ ކަމުގެ ޔަޤީންކަން ހޯދުމަށް ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން އޭނާއަށް ގުޅައި އެސްއެމްސްކޮށްފައިވާ ކަމަށެވެ. އަދި ގާތް މީހުން މެދުވެރިކޮށް އެކަމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ހައިލަމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ޖޭއެސްސީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޝަރުޢީ ނިޒާމް އިސްލާހު ކުރުމުގެ ނަމުގައި ސިޔާސީ ވަކިބައެއްގެ އަތްދަށަށް ނުވަތަ މުށުތެރެއަށް ކޯޓައް ނުވަތަ ފަނޑިޔާރުގޭގެ ބާރުތައް ޖަމާކޮށް ދިނުމަށް ކަމަށެވެ. އަދި ޖޭއެސްސީން އޭނާއާ މެދު ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޖޭއެސްސީއާއި މަޖިލީހުގެ ޖުޑިޝަރީން ކޮމިޓީން މަސައްކަތް ކުރަމުން ގެންދަނީ ޢަދުލުއިންސާފު ޤާއިމް ކުރުމުގެ ނިޒާމް ސިޔާސީ ގޮތުން ވަކި ދިމާއަކަށް މިސްރާބު ކުރުމަށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.