
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އިތުރަށްވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރުމަށް އެދިފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ މިއަދު ކަމަށެވެ.
މަނީލޯންޑަރ ކުރިކަމުގެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ ކްރިމިނަލްކޯޓުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމްކުރެއްވީ މިމަހު 28 ވަނަދުވަހުއެވެ.
ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސްއަހަރުގެ ޖަލު ޙުކުމަކީ މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެއްޖެނަމަ އޮންނަ އެންމެ ކުޑަ އަދަބެވެ. ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އަދި ޙުކުމްކުރި ދުވަހުން ފެށިގެން 6 މަސްތެރޭގައި އެފައިސާ މީރައަށް ދައްކައި ޚަލާސް ކުރުމަށް ވެސް ޙުކުމުގައިވެއެވެ. އަދި އެމަނިކުފާނަށް ވެސް މައްސަލަ އިސްތިއުނާފު ކުރުމުގެ ޙައްޤު އޮންނާނެ ކަމަށް ޙުކުމް ކުރެއްވުމަށްފަހު ފަނޑިޔާރުން ވިދާޅުވިއެވެ.