އެތައް އަހަރެއްގެ ވެރިކަމަށް ފަހު 1947 ވަނަ އަހަރު އިނގިރޭސިން އިންޑިއާ ދޫކޮށް ދިޔައީމާ، އުފެދުނު ދެ ގައުމު ކަމުގައިވާ އިންޑިއާއާއި ޕާކިސްތާނުން ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކޮށް އަމާން ވެރިކަމެއް ކުރަމުން ގެންދާނޭ ކަމަށް އުއްމީދު ކުރެވުނެވެ.
އިނގިރޭސިންގެ ވެރިކަން އިންޑިއާގައި އޮތް ދުވަސްވަރުވެސް އިންޑިއާގައި މިނިވަން ސްޓޭޓްތައް ހުއްޓެވެ. އެ ސްޓޭޓްތަކުގައި ވެރިކަން ކުރަމުން އައީ ރަސްކަލުންނެވެ. ނުވަތަ ރަސްރަސްކަލުންގެ ދަރިދަރިކަލުންނެވެ. އެފަދަ ސްޓޭޓްތަކަށް އިނގިރޭސިން ކިޔަމުން އައީ ޕްރިންސްލީ ސްޓޭޓެވެ. އެއީ އިންޑިއާގެ ބައެއް ނޫނެވެ. 1947 ވަނަ އަހަރާ ހަމައަށް އައި އިރު މިފަދަ 565 ނުވަތަ 584 ޕްރިންސްލީ ސްޓޭޓް އޮތެވެ. ސްޓޭޓްތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. ފުރަތަމަ ބައިގައި 140 ސްޓޭޓް ހިމެނެއެވެ. ޖައްމޫ އާއި ކަޝްމީރު ހިމެނެނީ މިބައިގައެވެ. މިއީ ފުރިހަމަ ގާނޫނީ ސިޔާސީ ބާރު ލިބިގެން ހިނގަމުން އައި ސްޓޭތްތަކެވެ. ދެވަނަ ބައިގައިވެސް ހިމެނެނީ ގާތްގަނޑަކަށް 140 ސްޓޭޓެވެ. މި ސްޓޭޓްތަކުގައި އިނގިރޭސި ސަރުކާރުގެ ކޮންމެވެސް މިންވަރެއްގެ ބާރެއް އޮވެއެވެ. އެއީ ދާޚިލީ ހިންގުމުގައި އިނގިރޭސިންގެ ބާރު ހިނގާނޭ ކަމަށް ލިޔުމުން އެއްބަސް ވެފައިވާ މިންވަރަށެވެ. މި ބާރު އެކި ސްޓޭޓްގައި އޮތީ އެކި މިންވަރަށެވެ. ތިންވަނަ ބައިގައި ހިމެނެނީ ތިން ސަތޭކައެއްހައި ކުދި ސްޓޭޓެވެ. މި ސްޓޭޓްތަކުގައި އަމިއްލަ ސަރުކާރުގެ ބާރު އޮންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ.
ޕްރިންސްލީ ސްޓޭޓްތަކުގެ ތެރެއިން އިނގިރޭސި ދައުލަތާ ގުޅުން ބާއްވަން އެއްބަސް ވެގެން ތިބި އެގާރަ ޕްރޮވިންސާއި، ބައެއް ގަބީލާތައް ފިޔަވައި އެހެން އެއްވެސް ސްޓޭޓަކަށް އިނގިރޭސި ވެރިކަމުގެ ބާރެއް ނުފޯރައެވެ. އެކަމަކު ބައެއް ތަންތާނގައި އިނގިރޭސި ގަވަރުނަރުން ތިއްބެވިއެވެ. ނުވަތަ ވިޔަޒޯރެއް މެދުވެރިކޮށް އިނގިރޭސި ސަރުކާރުގެ އެހީތެރިކަން ލިބޭނޭ މަގު ފަހި ކޮށްފައި އޮތެވެ. މުޅި އިންޑިއާއަކީ އިނގިރޭސި ރަސްކަމުގެ ބައެއް ކަމަށް ބަލަމުން ދިޔަ ނަމަވެސް އުސޫލެއްގެ ގޮތުން މުޅި އިންޑިއާގެ މައްޗަކަށް އިނގިރޭސީންނަކަށް ވެރިކަމެއް ނުހިންގެއެވެ.
އިނގިރޭސިން އިންޑިއާ ދޫކޮށް ދާން އެއްބަސްވީ އިރު މި ދެންނެވުނު އަމިއްލަ ވެރިކަން އޮތް ޕްރިންސްލީ ސްޓޭޓްތައް އޮތީ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ކަނޑައަޅާން ނިންމައިފައެވެ. މި ނިންމުމެއް ނިންމާފައި ވަނީ 12 މޭ 1946 ގައި އިންޑިއާއަށް އައި އިނގިރޭސި ކެބިނެޓުގެ ވަފުދެއްގެ މަޝްވަރާގެ މަތީންނެވެ. މީގެ އިތުރަށް އެ ދައުލަތްތަކުގެ ވެރިން ބޭނުން ވެއްޖެ ނަމަ އިނގިރޭސިން ފޭބީމާ ވެރިކަމަށް އަންނަ ބަޔަކާ ގުޅުމުގެ އިޚްތިޔާރުވެސް ސްޓޭޓްތަކަށް އެބައޮތް ކަމަށް ކަނޑައެޅުނެވެ. 1947 ވަނަ އަހަރަށް އަޅައިގަތް އިރު ވެރިކަމަށް އަންނާނޭ ބަޔަކު އޮތީ އެނގިފައެވެ. އިންޑިއާ ދެ ގައުމަށް ވާނޭކަން ކަށަވަރު ވެއްޖެއެވެ. އެހެންވީމާ ސްޓޭޓްތަކަށް އޮތީ އިންޑިއާ ނުވަތަ ޕާކިސްތާނާ ގުޅުމެވެ. ނުވަތަ ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަމާއެކު އޮތުމެވެ.
ޕްރިންސްލީ ސްޓޭޓެއް އިންޑިއާގެ ބަޔަކަށް ވެގަންނާނޭ ގޮތްވެސް އޮތީ 1935 ވަނަ އަހަރު އިންޑިއާއިން ފާސްކުޅަ ގާނޫނެއްގައި ވަނީ ބަޔާން ކޮށްފައެވެ. އެ ގާނޫނަކީ ޕްރިންސްލީ ސްޓޭޓެއް އިންޑިއާގެ ވެރިކަމުގެ ދަށަށް (އޭރު އިނގިރޭސި ވެރިކަމުގެ ދަށަށް) އަންނާން ބޭނުން ވެއްޖެ ނަމަ ކަންތައް ކުރާނޭ ގޮތް ބަޔާންކޮށް އެކަށައެޅުނު ގާނޫނެކެވެ. އެ ގާނޫނު ބުނާ ގޮތުގައި ފުރިހަމަ ވެރިކަމެއްގެ އިޚްތިޔާރު ލިބިފައިވާ ސްޓޭޓެއް ނަމަ އިންޑިއާގެ ދަށަށް ގެންދިއުމުގެ އިޚްތިޔާރު ލިބިދެނީ ދިފާޢީ ކަންތައްތަކާއި، ޚާރިޖީ ކަންތައްތަކާއި، މުވާސަލާތުގެ ކަންތައްތަކެވެ. (ކަޝްމީރު ހިމެނެނީ މިބައިގައެވެ.) 1947 ވަނަ އަހަރުގެ އުސޫލުތައް ބިނާކުރީ މި ގާނޫނުގެ މައްޗަށެވެ. ދެވަނަ ބައިގައި ހިމެނޭ ސްޓޭޓްތަކަށް އޮތީ އިނގިރޭސި ވެރިކަމުގައިވެސް ގަބޫލުކޮށްގެން ނުވަތަ ހަމަޖައްސައިގެން ތިބި މިންވަރުގެ މިނިވަންކަމެކެވެ. މާނައަކީ އަމިއްލައަށް ވަކި ގޮތެއް އިޚްތިޔާރު ކުރުމުގެ މާ ބޮޑު ބާރެއް ނެތެވެ. ތިންވަނަ ބަޔަކަށް އަމުދުން އެއްވެސް އިޚްތިޔާރެއް ނެތެވެ. އެބައިގައި ހިމެނޭ ސްޓޭޓްތައް އޮޓޮމެޓިކުން ކަހަލަ ގޮތަކަށް އަލަށް އަންނަ ވެރިކަމުގެ ދަށަށް ދާނީއެވެ.
1857 ވަނަ އަހަރު އިނގިރޭސި ވެރިކަމާ ދެކޮޅަށް ސިފައިން ކުރި ބަޣާވާތާ ގުޅިގެން އިނގިރޭސީންގެ ސިޔާސަތަށް ބަދަލުތަކެއް އައެވެ. ވިސްނުން ބަދަލު ވެގެން ދިޔައީ ވީހައިވެސް ގިނަ ޕްރިންސްލީ ސްޓޭޓެއް ނުވަތަ ވީހައިވެސް ގިނަ މުސްތަގިއްލު ރިޔާސަތެއް ސީދާ އިނގިރޭސި ވެރިކަމުގެ ދަށަށް ގެންނާން މަސައްކަތް ކުރާ ގޮތަށެވެ. އެކަމަކު އެ ހާދިސާގެ ސަބަބުން އެހެން ކަމެއްވެސް ވިސްނުނެވެ. އެއީ މުސްތަގިއްލު ރިޔާސަތުތަކުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް މާ ބޮޑަށް ވަދެގަންނާން އުޅުމުގެ ނުރައްކާތެރިކަން ބޮޑު ކަމެވެ. އިނގިރޭސިން އިންޑިއާ ދޫކުރި އިރު މުސްތަގިއްލު އެތައް ރިޔާސަތެއް އޮތެވެ. އެއިން ބައެއް ރިޔާސަތުތަކަށް ވަނީ އިންޑިއާއާ ގުޅުން ނުވަތަ ޕާކިސްތާނާ ގުޅުން ނުވަތަ މިނިވަންކަމާއެކު އޮތުމުގެ އިޚްތިޔާރު ލިބިފައެވެ.
އިނގިރޭސިން ފައިބައި ޕާކިސްތާނާއި އިންޑިއާ އުފެދުމާއެކު ސްޓޭޓްތައް ބައިބަޔަށް ބެހެން ފަށައިފިއެވެ. އެއް ބަޔަކު ޕާކިސްތާނަށް އަނެއް ބަޔަކު އިންޑިއާގެ ދަށަށް ހިނގައްޖެއެވެ. އެކަމަކު ތިން ސްޓޭޓެއްގެ މައްސަލަ ހައްލު ނުވެ އޮވެއްޖެއެވެ. އެއް ސްޓޭޓަކީ ހުޅަނގު އިންޑިއާގެ ކާތިއާވަރްގައި އޮންނަ ޖޫނާގަޅް ނަމަކަށް ކިޔާ ވަރަށް ކުޑަ ސްޓޭޓެކެވެ. މި ސްޓޭޓްގެ 80 އިންސައްތައަކީ ހިންދޫންނެވެ. ވެރިއަކަށް ހުންނެވީ މުސްލިމް މަހާރާޖާއެކެވެ. އޭނާ ބޭނުންފުޅުވީ ޕާކިސްތާނުގެ ދަށަށް ދާށެވެ. ދެވަނަ ސްޓޭޓަކީ ދަކަންގައި އޮންނަ ހައިދަރްއާބާދެވެ. މިއީވެސް ހިންދޫ އަޣުލަބިއްތެއް އޮންނަ ތަނެކެވެ. ވެރިއަކަށް ހުންނެވީ މުސްލިމް މަހާރާޖާއެކެވެ. އޭނާ ބޭނުންފުޅުވީ ދެ ގައުމުންކުރެ ގައުމެއްގެ ދަށަށް ނުގޮސް މިނިވަން ސްޓޭޓެއްގެ ގޮތުގައި އޮންނާށެވެ. ތިންވަނައަށް އޮތީ ހުޅަނގު އުތުރުގައި އޮތް ޖައްމޫއާއި ކަޝްމީރެވެ. ޖޫނާގަޅް އިންޑިއާގެ ދަށަށް ދިޔައީ އެ ސްޓޭޓްގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން އިންޑިއާގެ ދަށަށް ދާން ފާސްވީމައެވެ. މި ވޯޓަކީ އަދި އަދަށް ދާންދެންވެސް ޕާކިސްތާނުން ގަބޫލުކުރާ ވޯޓެއް ނޫނެވެ. ދެވަނައަށް އޮތް ހައިދަރްއާބާދަށް އިންޑިއާ ސިފައިން އަރައި ހިފީއެވެ. ޖައްމޫ އާއި ކަޝްމީރުގައި އަޣްލަބިއްޔަތަކީ މުސްލިމުންނެވެ. ވެރިއަކީ ހިންދޫ މަހާރާޖާއެކެވެ. އެހެންވީމާ އެ ސްޓޭޓްގައި ވޯޓެއް ނެގިޔަސް ޕާކިސްތާނުގެ ދަށަށް ދާން ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވުމާއެކު ސްޓޭޓަށް ހަދާނޭ ގޮތެއް ނޭނގި ފައުޖީ، ސިޔާސީ، ޑިޕްލޮމެޓިކް ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުނު ގޮތަށް އަދި އަދަށް ދާންދެންވެސް އޮތީއެވެ.
ދެ ގައުމު އުފެދުމާއެކު ދެ ގައުމުންކުރެ އެއް ގައުމެއްގެ ދަށަށް ދިއުމުގެ ފުރުސަތު އޭރުގެ ޖައްމޫ އާއި ކަޝްމީރުގެ މަހާރާޖާ ހަރީ ސިންގަށް އޮތެވެ. 12 މޭ 1946 ގައި އިނގިރޭސިން އެކުލައިވައިލީ އުސޫލުގައިވާ ގޮތަށް އަމަލު ކުރެވުނީހެވެ. ސްޓޭޓް އޮތް ތަނަށް ބަލާއިރު ބޮޑަށް ރަނގަޅީ ޕާކިސްތާނުގެ ދަށަށް ދިއުމެވެ.
ޕާކިސްތާނުން ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާ ކުރާ ބައެއް ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ ޖައްމޫއާއި ކަޝްމީރުގެ އާބާދީގެ ވަރަށް ބޮޑު ބައެއް މުސްލިމުންނަށް ވުމެވެ. އަދި އެ ސަރަހައްދު ޕާކިސްތާނުގެ ދަށަށް އައި ޕަންޖާބުގެ ސަރަހައްދާ ގުޅިފައި އޮތުމެވެ. ޕާކިސްތާނުގެ ޕަންޖާބުގެ އާބާދީގެ ބޮޑު ބަޔަކީވެސް މުސްލިމުންނެވެ. ދެވަނަ ސަބަބަކީ ކަޝްމީރުގެ ވިޔަފާރީގެ ދަތުރުތައް ގައުމުން ބޭރަށް ކުރެވޭން އޮންނަނީ ޕާކިސްތާނުގެ ތެރެއިން ކަމަށް ވުމެވެ. ކަޝްމީރުން ބޭރަށް އެއްގަމު މަގުން ގެންދެވޭ މުދާ ގެންދަނީ ޕާކިސްތާނުގެ ސަރަހައްދުގެ ތެރެއިންނެވެ. ތިންވަނަ ސަބަބަކީ ޖޭލަމް ކޯރާއި ޗިނާބް ކޯރު ޕާކިސްތާނުގެ ތެރެއަށް ދެމިގެން ގޮސްފައި އޮތުމެވެ. އެއީ ޕާކިސްތާނުގެ ދަނޑުވެރިކަމަށް އޮތް މުހިއްމު ފެނުގެ ވަސީލަތެކެވެ. މި ދެ ކޯރުވެސް ދެމިގެން އަންނަނީ ޖައްމޫ އާއި ކަޝްމީރުގެ ތެރެއިންނެވެ. ޖައްމޫއާއި ކަޝްމީރުގެ ތާރީޚާއި ޖޯގްރަފީއާއި އާބާދީއަށް ބަލާއިރު އެ ސްޓޭޓްގެ ބޮޑު ބައެއް އެންމެ ފުރަތަމަވެސް ޕާކިސްތާނަށް ލިބުން އެއީ އެންމެ ސުލްހަވެރި އެންމެ ރަނގަޅު ގޮތް ކަމުގައި ވީހެވެ. އެކަމަކު ބައެއް ސިޔާސީ ސަބަބުތަކާހުރެ އެކަން އެ ގޮތަށް ނުވެ ދިޔައީއެވެ.
ކަޝްމީރަކީ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހްރޫގެ އުފަން ރަށެވެ. ކަޝްމީރުގެ މައްސަލަ ހައްލު ކުރާން އުނދަގޫވީ އެއް ސަބަބެއް ކަމަށް މި ސަބަބުވެސް ބައެއް ދިރާސާވެރިން ހިމަނައެވެ.
އިންޑިއާއިން އިނގިރޭސިން ފޭބުމުގެ ކުރީން ހުރިހައި މައްސަަލައެއް ހަަމަޖެއްސޭތޯ އިނގިރޭސި ސަރުކާރުން މަސައްކަތް ކުރިއެވެ. އެކަމަކު އޭރު އޮތް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އަލި މަގެއް ފެންނަ ގޮތެއް ނުވިއެވެ. މުޙައްމަދު ޢަލީ ޖިނާޙްގެ މުސްލިމް ލީގް ޕާޓީއާއި، ޖަވާހަރްލާލް ނެހްރޫގެ ކޮންގްރެސް ޕާޓީގެ ދެމެދުގައި އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައެވެ. މުސްލިމް ލީގުން ބުނާ ގޮތުގައި ކޮންގްރެސްއަކީ ހިންދޫންގެ ހަރުކަށި ވިސްނުމުގެ ޕާޓީއެކެވެ. އެ ޕާޓީގެ ސިޔާސަތަކީ މުސްލިމުންނަށް ގޯނާ ކުރުމާއި، ފުރުސަތުތައް ހަނި ކުރުމެވެ. ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި އެއީ [ސެކިއުލަރ] ޕާޓީއެކެވެ. މާާނައަކީ އެއްގޮތަކަށްވެސް ވަކި ދީނަކަށް އިސްކަމެއް ދޭ ޕާޓީއެއް ނޫނެވެ. އެކަމަކު ކަން ހިނގާ މަގަށް ބަލާއިރު އެ ޕާޓީގެ ތެރޭގައި ހިންދޫންގެ ބާރު ގަދަ ކަމާއެކު، މުސްލިމް ލީގްގެ ކަންބޮޑުވުމަކީ ހަގީގީ ކަންބޮޑު ވުމެކޭ ބުނެވޭނޭ ޖާގަ ވަރަށް ބޮޑަށް އޮތެވެ. މުސްލިމުންނަށް ކުރަމުން ދިޔަ އުނދަގުލާ ހެދި ކަޝްމީރުގައި ރާޖާ ހަރީ ސިންގއާ ދެކޮޅަށް ސިޔާސީ އެތައް ހަރަކާތެއް ވަނީ ހިންގައިފައެވެ. އިނގިރޭސިން ފޭބިއިރުވެސް އެފަދަ ކަންތައްތައް ދިޔައީ ހިނގަމުންނެވެ. ދީނީ ނަސްލީ ހަމަނުޖެހުންތައް އޭރު އޮތީ ވަރަށް މަތީ ދަރަޖައަކަށް ގޮސްްފައެވެ.
އިންޑިއާގެ ނުވަތަ އިނގިރޭސި ވެރިކަމުގެ ދަށުގައި ނެތް ބައެއް ޕްރޮވިންސްތަކަށް ހަދާނޭ ގޮތެއް އިނގިރޭސިން ވިސްނިއެވެ. ގޮތްތަކެއް ރޭވިއެވެ. އެ ރޭވުން ސީދާ މުޙައްމަދު ޢަލީ ޖިނާހަކާވެސް އަދި ޖަވާހަރްލާލް ނެހްރޫއަކާވެސް އެމީހުން ހިއްސާއެއް ނުކުރެއެވެ. އެކަމަކު އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެ ރޭވުމުގެ ޚަބަރު ނެހްރޫއަށް ލިބިވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ.
އެ ހުށަހެޅުން 1947 ވަނަ އަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު ހުށަހެޅުމާއެކު ނެހްރޫ ދެކޮޅު ހައްދަވައިފިއެވެ. އެ އެއްބަސްވުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތެއް ބަލައިގެން މައްސަލަ ހައްލު ކުރުމެވެ. ބައެއް ސަރަަހައްދުތަކުގެ ބަނދަރުގައި ތިބި އިންޑިއާ މީހުން ބޭލުމަކީ ނެހްރޫ އެއްބަސްވެ ވަޑައިގެންނެވި ކަމެއް ނޫނެވެ. ޕާކިސްތާނުގެ ދަށަށް ތަނެއް ދާ ނަމަ އެއީ ލާޒިމު ކަމެކެވެ.
މޭ މަހުގެ 11 ވަނަ ދުވަހު ނެހްރޫގެ އެދިވަޑައިގަތުމާއެކު އައު ރޭވުމެއްގެ މަޝްވަރާތައް ފެށިއްޖެއެވެ. އެކަމަކު އޭރުވެސް ޖިނާޙަކަށް އެކަމުގެ ތަފުސީލެއް ލިބިވަޑައެއް ނުގަނެއެވެ. އޭރު ހުންނެވި އިނގިރޭސި ވިޔަޒޯރު މައުންޓްބެޓަން އެ ތަފުސީލު ޖިނާޙަށް ދެއްވާކަށް ބޭނުންފުޅެއްވެސް ނުވިއެވެ. މި އެއްބަސްވުން އެކުލަވައި ނިމުނީ މޭ މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ މިނިވަން ޕްރޮވިންސްތަކަށް ހަދާނޭ ގޮތުގެ ލިޔުމެކެވެ. ނަމަކަށް ކިޔާފައިވަނީ މައުންޓްބެޓަން ޕްލޭން އެވެ.
(ނުނިމޭ)