މައިމޯލްޑިވްސް ޕްރޮޑަކްޝަންގެ ފިލްމެއް އައްޑޫގައި ޝޫޓު ކުރަނީ

މައި މޯލްޑިވްސް ޕްރޮޑަކްޝަންގެ ފަރާތުން އައްޑޫ ސިޓީގައި ނަގާ ފިލްމް "މަސްޓަރ މައިންޑް" ގެ އެންމެފަހުގެ ތައްޔާރީތައް ނިމިއްޖެއެވެ.

ފިލްމުގެ ތައްޔާރީތަކާބެހޭގޮތުން މައި މޯލްޑިވްސް ޕްރޮޑަކްޝަންގެ ސީއީއޯ މުޚުތާރު ޔޫސުފު ވިދާޅުވީ ފިލްމުގެ ޝޫޓިން އަންނަމަހު 17 ގައި އައްޑޫ ސިޓީގައި ފަށާނެ ކަމަށެވެ. އައްޑޫ ސިޓީގައި ފިލްމް ޝޫޓު ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ 90 އިންސައްތަ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ވަރަށްބޮޑު ކާސްޓެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި މުޙައްމަދު މަނިކު (މަނިކު) ޢަލީ އާޒިމް (ދޮން އައްޔަ) އާއި، ޝީލާ ނަޖީބާއި، ނާއްކޮއާއި، ރިޝްފާއި، އަމަން އާއި، ޝަހޫ އާއި، މަރިޔަމް ރަޝީދާއި، އަލަށް ތަޢާރަފްވާ ލަހުފާ އާއި ޢަލީ ޝަމީލްއާއި، ޢަޙުމަދު ޝިފާޢު  (ބެކަމް) ފަދަ ތަރިން ހިފެނިގެންދާނެއެވެ.

މިފިލްމުގެ ހުރިހާ މަންޒަރެއްހެން ނެގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. ފިލްމުގެ އެޑިޓިންއާއި ކަލަރިންގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އިންޑިއާގައެވެ. މިއީ ޢާއިލީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިންއަށް އައްޑޫ ސިޓީއަށް އަންނަ ކާސްޓުން ތިބޭނީ ހިތަދޫ "މައި ފައިން ސްޓޭ" ގައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ބޭނަޒީރު މުޚުތާރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.