މިއަދަކީ ރާއްޖޭގައި އެންމެ ފަހުން ރައީސްކަން ކުރެއްވި ޢަބްދުﷲ ޔާމީން ގެ މައްޗަށް ދައުލަތުން ކުރަމުންދާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީޢަތުގައި ޙުކުމް އިއްވާ ދުވަހެވެ. ރައީސް ޔާމީނަށް ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލީސް ތާވަލް ކުރައްވައިފައި ވަނީ މިއަދުގެ 1:30 އަށެވެ. މިއީ ރައީސް ޔާމީނަށް ދަޢުވާކުރަމުންދާ މައްސަލައިގެ ޙުކުމް އިއްވުމަށް ތަވާލް ކުރި ދެވަނަ ދުވަހެވެ.
ރައީސް ޔާމީނަށް ޙުކުމް އިއްވަން އޮތް ފުރަތަމަ ދުވަހު އެމައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓްގެ އިސް ޤާޒި އަޙްމަދު ޙައިލަމް ވަނީ ސަސްޕެންޑް ކޮށްފައެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަނުން އޭނާ ސަސްޕެންޑްކޮށްފައި ވަނީ ނަސްރުގެ ދުވަހު އޭނާ އާންމުކުރި ތަހްނީޔާގެ މެސެޖްގައި ރައީސުލް ޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް އިތުރު ބައެއެގެ ކަރުގައި ވާޖަހައިގެން ޝަހީދު ހުޞައިން އާދަމް ގެންދާ ފޮޓޯއެއް ގެ މައްސަލައިގައެވެ. ހައިލަމްވަނީ އެކަން ހިނގާ ދިޔަ ގޮތް ހާމަކޮށްދީ މަޢާފަށް އެދިވަޑައިގެންފައެވެ. މައްސަލަ ބައްލަވަމުން ގެންދެވި އިސް ޤާޒީ ސަސްޕެންޑް ކުރުމާ ގުޅިގެން އެދުވަހު ޙުކުމް އިއްވަން ތާވަލްކުރި ޝަރީޢަތުގެ މަޖިލީސް ވަނީ ކެންސަލް ކުރައްވައިފައެވެ.
މައްސަލަ ބައްލަވަމުންގެންދެވި ފަނޑިޔާރު ސަސްޕެންޑް ކުރުމަށްފަހު، ދެން ޝަރީޢަތުގެ މަޖިލީސެއް ބޭވުނީ މިމަހު 17 ވަނަ ދުވަހުގައެވެ. އެދުވަހު ރައީސް ޔާމިންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީޢަތް ކުރިއަށް ގެންދެވީ ކްރިމިނަލް ކޯޓް ހިންގެވުމާ ޙަވާލު ހުންނެވި ޤާޒީ ޢަލީ ރަޝީދު އިސްކޮށް ހުންނަވައިގެން ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެދުވަހުގެ ޖަލްސާގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ދިފާޢީ ވަކީލުން ވަނީ ޤާޒީ ޢަލީ ރަޝީދުގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށަހަޅުއްވައިފައި ވާތީ އެފަނޑިޔާރު ހުންނަވައިގެން ޝަރީޢަތް އިންސާފުވެރިކަމާއެކު ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ އެމައްސަލަ ނަންގަވައިފައެވެ. ނަމަވެސް ކުޑަހިނދުކޮޅަށް ޝަރީޢަތް މެދުކަނޑާލައި ޤާޒީ ޢަލީ ރަޝީދު ހިމެނޭ ގޮތަށް ނިންމައިފައި ވަނީ ފަނޑިޔާރުންގެ ސްލޫކާ ޚިލާފު ޢަމަލެއް ޤާޒީ ޢަލީ ރަޝިދު ހިންގަވައިފައި ނުވާކަމަށެވެ. އަދި ވަކި ޚާއްޞަ އިންޓަވިއުއެއް ދެއްވައިފައި ނުވާކަމަށެވެ. ފޯނުން ގުޅާ ކަމެއް ސާފުކޮށްލަން އެދުމުން އެވަގުތަށް ހާމަކުރައްވަން ޖެހޭ މިންވަރަށް މަޢުލޫމާތު ހާމަކުރެއްވީ ކަމަށެވެ. އިންޓަވިއުއެއްދީ އެއްވެސް މީހަކަށް ރައްދުދީ ފައި ނުވާނެކަމަށެވެ.
އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ ޝަރީޢަތުގެ މަޖިލީސް ގެންދެވުމަށް ފަނޑިޔާރުންގެ ބެންޗް ނިންމާ ކޮންމެ ގޮތެއްވެސް އެންމެ ރަނގަޅުކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާޢީ ވަކީލުން އެދި ވަޑައިގެންނެވީ މައްސަލައަލުން ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް ފަނޑިޔާރު ޢަލީ ރަޝީދު ނިންމެވީ އެމައްސަލައިގެ ހެކިބަސްނަގައި ނިންމަވައިފައި ވުމުން މައްސަލަ އަލުން ކުރިއަށް ގެންދެވުމުގެ ބަދަލުގައި އޮތް ހިސާބުން ކުރިއަށް ގެންދެވުމަށެވެ.
ރައީސް ޔާމީނަށް ދައުލަތުން ކުރާ ތުހުމަތު!
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ އެމަނުކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވަނިކޮށް އެ ފައިސާ އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފައިވާ މައްސަލައިގައެވެ. އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ވެފައި ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ އެސްއޯއެފްގެ އެކައުންޓުންނެވެ. އެފައިސާއަކީ ޚިޔާނާތުގެ ފައިސާއަށް ވެދާނެތީ އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީއާއެކު) ރައީސް ޔާމީން ވެވަޑައިގެނެވި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓްގައި އެފައިސާ ބެހެއްޓުމަށް ނިންމެވިއެވެ. އޭސީސީގެ އެދި ވަޑައިގެންނެވުމާއެކު އެސްކްރޯ އެކައުންޓް ހުޅުވީ ބޭންކް އޮފް މޯލްޑިވްސްގައެވެ. ބޭންކް އޮފް މޯލްޑިވްސްގައި ހެދި އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކުރެއްވީ މޫސާ ޒަމީރުގެ އަތުން ހޯދި އެއްމިލިއަން ޑޮލަރެވެ. އެހެންކަމުން ރައީސްޔާމީން ވަނީ އެއްބަސްވުމާ ޚިލާފުވެފައިކަމަށް ދައުލަތުން ތުޙުމަތު ކުރެއެވެ. ދައުލަތުން ތުޙުމަތުކުރާ ގޮތުގައި އެ އަމަލަކީ ކޮރަޕްޝަނުން ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމަށް ހިންގާފައިވާ މަނީ ލޯންޑްރިންގެ އަމަލެކެވެ. އެހެންކަމުން އެޢަމަލަކީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާނެ ކަމަށް ދައުލަތުން ވަނީ ބުނެ އެވެ.
މަނީ ލޯންޑްރިންގ ކުށުގެ އަދަބުގައި 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުޙުކުމެއް!
ރައީސް ޔާމީނަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، މާނީލޯންޑްރިންގ އަދި ޓެރެރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ އެޤާނޫނޫގެ ފަސްވަނަ މާއްދާގައި މަނީ ލޯންޑަރިން ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހަރަކާތެއް ނުވަތަ އަމަލެއް ހިންގުމަކީ ކުށެއް ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ، ޤާނޫނޫގައި ބުނާ ގޮތުން ބޮޑު ޖުރިމަނާއަކާއެކު ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މަނީ ލޯންޑަރިންގެ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5 އަހަރާއި 15 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރައި 15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޤާނޫނުގައި ބުނާ ގޮތުން މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށެކެވެ. އަދި މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން ހިތްވަރުދިނުމަކީ ވެސް ކުށެކެވެ. މިކުށަށް ކަނޑައަޅައިފައިވާ އަދަބަކީ ފަންސާށް ހާސް ރުފިޔާއާއި ފަސް ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ރައީސް ޔާމިންގެ ބަސް: މައްސަލައިގެ ބިސްމި ކީ ހިސާބުންވެސް ވަނީ އިންސާފް ގެއްލިފައި
ރައީސް ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދަޢުވާ އަކީ އެމައްސަލައިގެ ބިސްމި ކީ ހިސާބުންވެސް އެ މަނިކުފާނަށް އިންސާފް ގެއްލިފައިވާ މައްސަލައެއް ކަމަށް ރައީސް ޔާމީން ވަނީ އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. މައްސަލައާ ނުވެސް ގުޅޭ ކަމެއްގައި އެމަނިކުފާނު ޖަލަށް ލެވުނު ކަމަށާއި އަދި ދެފަހަރެއްގެ މަތިން އެމަނިކުފާނުގެ އެކައުންޓް ފްރީޒްކޮށްފައިވާކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މައްސަލައިގައި ޙުކުމް އިއްވާއިރު އެކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ޤާޒީގެ އަރިއަހުން އެދި ވަޑައިގެންފައެވެ.
ރައީސް ޔާމީންގެ މައްޗަށްކުރާ މަނީ ލޯންޑްރިންގ ދަޢުވާގައި ޢަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ، އެމަނިކުފާނުގެ ގައިގައި "އަތްލެވޭނެ ގޮތެއް" ނޯންނާނެ ކަމަށް ރައީސް ޔާމީން ވަނީ ތަކްރާރުކޮށް ވިދާޅުވެފައެވެ. ރައީސް ޔާމީނުގެ ޝަރީއަތާ މެދު އެމަނިކުފާނު ކަންބޮޑުވެވަޑައި ނުގަންނަވާކަމަށާއި އެއްވެސް ދިވެއްސަކު އެކަމާ ކަންބޮޑު ނުވުމަށް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ދައުލަތުގެ ފައިސާއެއްގައި އެމަނިކުފާނު ޖެހިވަޑައިގަންނަވާކަށް ނުޖެހޭ ކަމަށާއި އެ މަނިކުފާނުގެ ނަފްސުގެ މުއްސަނދިކަން އެ އަށް ވުރެ މާ ތަނަވަސްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލައިފައިވަނީ ކޯޓުތަކުގެ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވި ނަމަވެސް އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. ސްޕްރީމް ކޯޓްގެ ބަހެއް ލިބެންދެން ހުކުމްކުރުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓްގައި އެދިވަޑައިގެންފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކުރުން ފަސް ނުކޮށް ކުރިން ވެސް ކަނޑައެޅިފައިވާ ގޮތަށް މިއަދުގެ 1:30ގައި ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތިގެ މަޖިލީސް ބާއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް ކޮންމެ ގޮތަކަށް ޙުކުމް އައި ކަމުގައިވިއަސް އެއްބަޔަކު އެކަމާ އުފާ ކުރާއިރު އެނެއްބައެއްގެ ނުރުހުން އެޙުކުމާއެކު ވާނެއެވެ.