
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީ ކޮށްދެއްވައިފިއެވެ. އެޕާޓީ ރަޖިސްޓްރީ ކޮށްދެއްވުމަށްފަހު ވަނީ ރަޖިސްޓްރީ ކޮށްދެއްވި ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓު ވެސް ޙަވާލުކޮށްދެއްވައިފައެވެ.
އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ނަމުގައި އުފެއްދި ޕާޓީއެކެވެ. އެޕާޓީގެ އިންތިގާލީ ރައީސަކީ ރައީސް މައުމޫނެވެ. ޕާޓީ ހިންގުމަށްޓަކައި މިހާރުވަނީ އިންތިގާލީ ކައުންސިލާއި އެހެނިހެން ގުނަންތައް ވެސް އުފައްދަވައިފައެވެ.
މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ތިންވަނަ ޕާޓީއެވެ. މީގެ ކުރިން އުފައްދަވައިފައިވަނީ ޑީއާރުޕީއާއި، ޕީޕީއެމް އެވެ. އެހެންނަމަވެސް އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ރައީސް މައުމޫނަށް ޖެހިވަޑައިގެންނެވީ އެ ދެޕާޓީއާ ވެސް ދުރަށް ވަޑައިގަންނަވާށެވެ.
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕާޓީތައް އެއްގަލަކަށް އަރުވައި އެކުވެރި ކުރުމަށް އެމްއާރުއެމްއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ އިސްލާހަށް ކަމަށާއި އިސްލާމްދީނުގައި އެންމެ ބާރުއަޅުއްވާ އެއްކަމަކީ އިސްލާހު ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.