
އިސްރާއީލުން ހުޅަނގު އައްސޭރީގައި ބައިނަލް އަގްވާމީ ގާނޫނާ ޚިލާފަށް ޔަހޫދީ އާބާދީތައް ގާއިމުކުރުމަކީ ޣައިރު ގާނޫނީ ކަމެއް ނޫންކަމަށް އެމެރިކާއިން ނިންމާފައި ވާތީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމުގައި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގަބޫލުކުރަން ވެއްޖެ ކަމުގައި ލަކްސެމްބާގްގެ ޚާރިޖީ ވަޒީރު ޖޯން އެސެލްބޯން ވިދާޅުވެއްޖެއެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ގާއިމުކުރުމަކީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ނިންމަން ރައީސު ޖިމީ ކާޓަރުގެ ދައުރުގައި 1978 ވަނަ އަހަރު އެމެރިކާއިން ކަނޑައެޅި ސިޔާސަތު އެމެރިކާއިން އަނެއް ކޮޅަށް ޖަހައިފިކަން ރައީސު ޑްނާލްޑް ޓްރަމްޕްގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ވަނީ ހޯމަ ދުވަހު އިއުލާންކުރައްވާފައެވެ.
މި ނިންމުމާ ގުޅިގެން ފަލަސްޠީނުން ބުނީ އެމެރިކާގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އިރުމަތީ ޤުދްސު ވެރިރަށެއްގެ ގޮތުގައި އޮންނަ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ގާއިމުކުރުން ހަގީގަތަކަށް ހެދުން ވަނީ ދުރު ކަމަކަށް ވެފައެވެ.
"ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރުމަކީ ކޮށްދެވޭ ހެޔޮަ ކަމެެއް ނޫން. އަދި އެއީ ބަޔަކު ހިތުހުރި ގޮތަކަށް ކަން ކުރުމެއްވެސް ނޫން. އެއީ އަމިއްލަ މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ހައްގު ފަލަސްޠީނު މީހުންނަށް ލިބިގެންވާކަން ގަބޫލުކުރުން." ރޮއިޓާސްއާ ވާހަކަފުޅު ދައްކަވަމުން އެސެލްބޯން ވިދަާޅުވިއެވެ.
"އެކަން ވާނީ އިސްރާއީލާ ދެކޮަޅަށް ކުރެވޭ ކަމަކަށް ވެސް ނޫން. އެކަންވާނީ ދެ ދައުލަތުގެ ހައްލަށް މަގުފަހިކުރުމަށް ކުރެވޭ ކަމަކަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.
1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރިއާއި ޣައްޒާ ހިފި ފަހުން އދ.ގެ އިދާރާތަކުންނާއި، ދުނިޔޭގެ ހުރިހާ ގައުމަކުން ވަނީ އިސްރާއީލުން އެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ގަބޫލުކޮށްފައެވެ.
ހޯމަ ދުވަހު ސެކްރެޓަރީ އޮފް ސްޓޭޓް ނެރުއްވި ބަޔާނަށް ރައްދު ދިނުމަށް އީޔޫއިން ވަނީ ޔަހޫދީ އާބާދީތައް ޣައިރު ގާނޫނީ ކަމަށް ބުނެ ބަޔާނެެއް ނެރެފައެވެ.
ލަކްސެމްބާގަކީ އީޔޫގައި ހިމެނޭ 28 ގައުމުގެ އާބާދީގެ ގޮތުންނާއި، ބިމުގެ ގޮތުން ދެވަނައަށް އެންމެ ކުޑަ ގައުމެވެ. އެ ގައުމުގެ ބޮޑު މިނުގައި 2586 އަކަ ކިލޯމީޓަރު ހުންނައިރު، އާބާދީއަކީ 5 ލައްކަ 89 ހާހެވެ. އީޔޫގައި ހިމެނޭ އެންމެ ކުޑަ ގައުމަކީ 4 ލައްކަ 40 ހާސް މީހުންގެ އާބާދިއެެއް އޮންނަ މޯލްޓާއެވެ.