
މާލޭޖަލު އެނެކްސް އެކެއްގައި ބަންދުކޮށްފައިވާ ގައިދީން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ގޮޅީތަކުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާލެ ޖަލު އެނެކްސް 1 މަރާމާތަށް ބަންދު ކުރުމަށްފަހު އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެތަން ހުޅުވައި މީހުން ބައިތިއްބަން ފެށުމުން ފަތިހު ފަހެއް ޖަހާއިރު ގައިދީން ބޭރަށް ނެރުމަށްފަހު ގޮޅިތަކަށް ވައްދާނީ ރޭގަނޑު ދިހައެއް ޖަހާއިރު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ޤައިދީންނަށް ތަނުގެ ގޮތުންނާއި، ދެވޭ ޚިދުމަތުގެ ގޮތުންވެސް ބޮޑުތަނުން ރަނގަޅުގޮތްތަކެއް މިހާރުވާނީ ހަމަޖައްސައިދީފައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ބަންދުކުރެވޭ މީހުން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން ކުރެވޭ މަސައްކަތްތައްކަމަށެވެ. ޤައުމުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޤައިދީން ތިބޭ ތަން ރަނގަޅުވެ، ޚިދުމަތްތައް ރަނގަޅުކުރުމުން އެމީހުން ރިހިބިލިޓޭޓް ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އިތުރަށް ސަމާލުވެ އެކަން ކާމިޔާބުކުރުމަށް އިތުރަށް މަގުފަހިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެނެކްސް 1 އަލުން ހުޅުވުމާއެކު އެތަނުގެ ޕްލޭން، ޤައިދީންނަށާއި، އޮފިސަރުންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެޕްލޭންގައި ޤައިދީންނާ މެދު އަމަލުކުރެވޭނެ އުޞޫލުތަކާއި، ޤައިދީން އަމަލުކުރަންޖެހޭ އުޞޫލުތަކާއި، ޝަކުވާ ހުށައަޅާނެ ގޮތްތަކާއި، ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ޤާނޫނީ މާއްދާތައް ބަޔާން ކޮށްފައިވާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.