ފަންސަވީސް އަހަރަށްފަހު ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެންނަނީ

 25 އަހަރަށްފަހު، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެންނަން ސަރުކާރުން މަސައްކަތް ފަށްޓަވައިފައިވާ ކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބަދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ވިދާޅުވީ ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލާއި އަދި ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެމައްސަލަތައް ތަޙްޤީޤްކުރުމުގައި ވެސް އެޤާނޫނުން ހުރަސްތަކެއް ކުރިމަތިވަމުންދާކަމުގައެވެ.

އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޢަމަލުތައް ކުށްވެރިކުރައްވަމުން ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ އެފަދަ ފަރާތްތަކާމެދު ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނުގެ ދަށުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެކަމުގައެވެ. ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު މިހާރުދަނީ އިޞްލާހު ކުރައްވަމުންކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގާ ފަރާތްތަކަށާއި ދީނަށް ފުރައްސާރަކުރާ މީހުނަށް ފިޔަވަޅު އެޅުމަށް އެޤާނޫނުން ޖާގަ ލިބެންޖެހޭނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. މިހާރު ޢަމަލުކުރަމުންދާ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަކީ 1994 ވަނަ އަހަރު ފާސް ކުރެއްވި ޤާނޫނެކެވެ.

ދީނަށް ފުރައްސާރަކޮށްހަދާ މީހުންނާމެދު ފިޔަވަޅު އަޅާކަން ފާހަގަކުރައްވަމުން ހޯމްމިނިސްޓަރ ވަނީ މިދޭތެރެއިންވެސް އެފަދަ ޓްވިޓަރ އެކައުންޓެއް ބަންދު ކުރެއްވިކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުންވެސް ބަންދުކުރެވުނު އެކައުންޓް ބަންދު ކުރެވުނީ ކެނޑިނޭޅި ދެހަފްތާ ވަންދެން މަސައްކަތް ކޮށްގެންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެފަދަ އެކައުންޓްތައް ބަންދުކޮށްދެނީ އެއްޗެހި ހިންގަވާ ފަރާތްތަކަށް އެކަންކަމަކީ ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަންކަން ވިސްނައިދެވިގެންކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޓެރެރިޒަމާ ގުޅުންހުރި މައްސަލަތަކުގެ ވެބްސައިޓް ފަދަތަންތަން ހުއްޓުވަން އެހާ މަސައްކަތް ކުރަންނުޖެހޭކަންވެސް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"އެއްވެސް ވިސްނުމެއްގެ ތެރެއިން އަނެކާގެ ހަށިގަނޑަށް ފުރާނައަށް މުދަލަށް، ގެއްލުންވާފަދަ ކޮންމެ ކަމެއް ކުރުން އެއީ ޓެރެރިޒަމް، ކޮންމެ ދީނެއް ޤަބޫލުކުރާ، ކޮންމެ ސަޤާފަތެއް ޤަބޫލުކުރާ، ކޮންމެ އަޚްލާޤެއް ޤަބޫލުކުރާ މީހުންގެ ތެރޭގައިވެސް އެކަން އޮންނާނީ އެގޮތަށް. ޓެރެރިޒަމްގެ ޤާނޫނު އެދަނީ އެދިމާއަށް. ދީނުގެ ނަމުގައި ވިއަސް ދީނާ ދެކޮޅުވެގެން ކަމުގައިވިއަސް ހިންގާ މިފަދަ ޢަމަލުތަކާ ދިމާއަށް" މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުން ބައްލަވަމުން ގެންދަވަނީ އިސްލާމްދީނަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމާއި އިސްލާމްދީނާ ގުޅުވައިގެން ހިންގާ ހަރުކަށިކަމާ ގުޅޭ ޓެރެރިޒަމް އެކަނި ނޫންކަން ފާހަގަ ކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ހުރިހާ ބާވަތެއްގެ ޓެރެރިޒަމް މައްސަލަ ފުލުހުން ބަލަމުންދާކަމުގައެވެ. މުޅި މުޖުތަމަޢުގެ ޞުލްޙަ މަސްލަޙަތު ނަގައިލެވޭ ފަދަ ކޮންޓެންޓް ޕްރޮމޯރޓްކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އެފަރާތްތަކާމެދު އަބަދުވެސް ދަނީ އެޅެން އޮތް މިންވަރަކުން ފިޔަވަޅުއަޅަމުން ކަމަށް ސީޕ ޙަމީދު ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ދީނީއެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުން، އެފަދަ ފަރާތްތަކަށް ފިޔަވަޅުއެޅޭހާ ޖާގަ އެހާފުޅާކޮށް ދެވިފައި  ނޯންނަކަން ޕޮލިސް ކޮމިޝަރ ވެސް ފާހަގަ ކުރެއްވިއެވެ. އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ މިހާރުވެސް އިސްލާމިކް މިނިސްޓްރިއާއެކު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސީޕީ ވިދާޅުވިއެވެ. އެޤާނޫނުގެ ބެލެނިވެރި ފަރާތަކީ އިސްލާމިކް މިނިސްޓަރީކަން ސީޕީ ފާހަގަކުރެއްވިއެވެ. ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާކަން ފާހަގަ ކުރައްވާ ސީޕި ޙަމީދު ވިދާޅުވީ ގދ. ތިނަދޫގައި ވެސް އެފަދަ ޢަމަލެއް ހިންގި މީހަކު ތަޙްޤީޤަށް ބަންދުކުރެވުނު ކަމަށެވެ. އަދި ފޭސްބުކް ޕޭޖެއް ވެސް ބަންދު ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި ވަކިވަކި މީހުންގެ ފޮޓޯ ޖަހައިގެން، ނުސީދާކޮށް ބިރުދެއްކުމާއި ވަކިކަހަލަ ކަންކަމާ ގުޅުވައިގެން އިންޒާރު ދިނުންފަދަ ކަންކަން ކުރާތަން ފެނިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ އެއީ ވަރަށް ގިނަފަރާތްތަކުން ކަންބޮވުން އޮންނަކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ. މިފަދަ ކަންކަމަށްވެސް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވައި، ބިރުދެއްކުމާއި ނަފަރަތު އުފެއްދުމަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ މެކޭނިޒަމްތަކަކާމެދު މިހާރު ވެސް ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ.  އެ މެކޭނިޒަމްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ވެސް ޙިއްޞާކުރައްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ޓެރެރިޒަމްގެ ޤަނޫނަށް ގެނައި އިޞްލާޙަކީ ޓެރެރިޒަމް ނޫންކަންތައްތަކުގައި ފުލުހުންނަށް ލިބިފައިވާ ބާރެއް ބޭނުން ނުކުރުމަށް ގެނެވިފައިވާ އިޞްލާޙުތަކެއްކަމަށް ސީޕީ ޙަމީދު ފާހަގަ ކުރެއްވިއެވެ.

"ޤާނޫނަށް އިޞްލާޙު ގެނައީ ނަހަމަގޮތުގައި ބޭނުން ކުރާކަށް ނޫން. އަޅުގަނޑުމެންނަށް އެނގޭ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ބޭނުމެއް ނޫން 21 އޭޕްރީލް 2019 ގައި އީސްޓަރ ސަންޑޭގައި ސްރީލަންކާގައި ހިނގާދިޔަ ޙާދިސާއެއް ރާއްޖޭގައި ހިނގާކަށް. އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅޭ ގޮތަށް އަޅުގަނޑުމެން ތިބެން ޖެހޭނީ  އެހެންކަމަށްވާނަމަ ދުރާލާ އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނީ ޓެރެރިޒަމަށް ވާގިވެރިވޭ ފަރާތްތައް، ޕްރަމޯޓްކުރާ ފަރާތްތައް. އެކި ގޮތްގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފަތުރާ ފަރާތްތަކަށް އެޅެންހުރި ފިޔަވަޅުތައް އެޅިގެން. އެކަމަށްޓަކައި ޤާނޫނަށް އިޞްލާހު ހުށަހެޅުނީ" ސީޕީ ޙަމީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.