އިންޑީޔާއަށް ރަޝިޔާއިން ގަންނަން ނިންމާފައިވާ ވައިގެ ދިފާއީ ނިޒާމު އެސް-400 މިސައިލް ސިސްޓަމް ގަތުމަށް އިންޑިޔާއިން ރަޝިޔާއަށް އެޑްވާންސް ފައިސާ ދައްކައިފިއެވެ.
5.4 ބިލިއަން އެމެރިކާ ޑޮލަރުގެ މި ވިޔަފާރި ހުއްޓުވަން އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިންޑިޔާއިން މިވަނީ އެވިޔަފާރިއާއިގެން ކުރިއަށް ދާން ނިންމައި އެޑްވާންސްގެ ގޮތުގައި 800 މިލިއަން ޑޮލަރު ރަޝިޔާއަށް ދައްކާފައެވެ. އިންޑިޔާގެ ނޫސްތަކުން ފައިސާގެ އަދަދު ހާމަކުރި ނަމަވެސް ރަޝިޔާގެ ދިފާއީ ޓެކްނޮލޮޖީގެ ވިޔަފާރި ވިލަރެސްކުރާ ކުންފުނި، ރޮސްޓެކްގެ ޖެނެރަލް ޑިރެކްޓާ (ސީއީއޯ) ސަރްގޭ ޗެމެޒޯވް ވަކި އަދަދެއް ހާމަނުކުރެއްވިއެވެ. އެހެނަސް، އޭނާ ވަނީ ފައިސާ ދެއްކިކަން ކަށަވަރުކޮށްދެއްވާފައެވެ.
"އެޑްވާންސް ފައިސާ ވަނީ ދައްކާފައި. އަހަރެން ސީދާ އަދަދެއް ނުބުނާނަން. އެހެންނަމަވެސް ފައިސާ ވަނީ ދައްކާފައި." މިހާރު ދުބައި އެއާ ޝޯއަށް ވަޑައިގެން އުޅުއްވާ ޗެމެޒޯވް ވިދާޅުވިއެވެ.
ފައިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިން އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސު ޕުޓިންއާއި އިންޑިޔާގެ ބޮޑުވަޒީރު ވަނީ އެސް-400 މިސައިލް ސިސްޓަމުގެ 5 ސިސްޓަމް އިންޑިޔާއަށް ވިއްކުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެސް-400 މިސައިލް ސިސްޓަމެއްގައި އާއްމު ގޮތެއްގައި 8 މިސައިލް ލޯންޗަރާއި 32 މިސައިލް ހިމެނެއެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެޑްވާންސްގެ ގޮތުގައި މުޅި އެއްބަސްވުގެ އަގުގެ %15 އިންޑިޔާއިން އެޑްވާންސުގެ ގޮތުގައި ދެއްކުމުން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ފުރަތަމަ މިސައިލް ސިސްޓަމް އިންޑިޔާއާ ހަވާލުކުރެވޭނޭ ކަމަށް ލަފާކުރެއެވެ.
ސަރްގޭ ޗެމެޒޯވް ވިދާޅުވި ގޮތުގައި އިންޑިޔާއާ މިސައިލް ސިސއްޓަމްތައް ހަވާލުކޮށް ނިމޭނީ 2025 ވަނަ އަހަރުއެވެ.
އެސް-400 ފަދަ ބިމުން ޖައްވަށް ފޮނުވާލެވޭ ދުރުރާސްތާގެ ޒަމާނީ މިސައިލް ސިސްޓަމެއް އިންޑިޔާގައި ބޭނުންކުރަން ފެށުމަކީ އެގައުމުގެ ވައިގެ ދިފާއީ ކުޅަދާނަކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.
"މީގެ މާނައަކީ އިންޑިޔާއަށް ޕާކިސްތާނުގެ އެންމެ އެތެރޭގައި ނުވަތަ ޓިބެޓްގެ ސަރަހެއްދެއްގައި އުދުހެމުންދާ މަތިންދާބޯޓަކަށް ހަމަލާދީ ވައްޓާލެވޭނެ." އެސް-400 މިސައިލް ސިސްޓަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ދިފާއީ ކަންކަން ދިރާސާކުރާ އޮބްސާވާ ރިސާޗް ފައުންޑޭޝަންގެ މަނޯޖް ޖޯޝީ ވިދާޅުވެފައި ވެއެވެ.
ރަޝިޔާގެ މިސައިލް ސިސްޓަމް ގަތުމާއިގެން އިންޑިޔާ ކުރިއަށް ގެސްފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ކުރިން ދީފައެވެ. ތުރުކީން އެސް-400 މިސައިލް ސިސްޓަމް ގަތުމުން ވެސް އެމެރިކާއިން މިފަދަ އިންޒާރެއް ދިނެވެ.