ރައީސް ޔާމީނަކީ މީހުންގެ މުދާ ފޭރުނު ބޭފުޅެއްނޫން: މުސްތަފާ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އެހެން މީހުންގެ "މުދާ ފޭރުނު" ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ކަމަކީ ސިޔާސީ މީހުން ބަންދުކޮށް އަދަބުދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ސިޔާސީ މީހުން ބަންދުކޮށް އެމީހުންނަށް އަދަބުދިނަސް ރައީސް ޔާމީނަކީ އެހެން މީހުންގެ މުދާ ފޭރިގެން އުޅުއްވި ބޭފުޅެއްނޫން،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކޯޓުން ކުރައްވާފައިވާ ޙުކުމެއްގެ މިސަރުކާރު އައިސް ތަންފީޒުކޮށް މުސްތަފާގެ ބޭލުމުގެ ދަށުގައިއޮތް އާގުބޯޓެއް ކުރިންއޮތްތަނުން ނަގައި އެ ބާދަގަނޑަށް ހަދައި ވިއްކާލާފައިވާތީ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވަމުންނެވެ.

"ރައީސް ޔާމީން މީހުން ހައްޔަރުކޮށް އަމިއްލަ މީހުންގެ މުދަލަށް އަރައިގެންފައެއްނެތް. ސިޔާސީ މީހުންނަކީ ހައްޔަރު ކުރަންޖެހޭ ބައެއް. އެއީ ގައުމުގައި ސުލްހަ ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް. ވެރިކަމުގެ ވައްޓަފާޅި ނޭނގޭ މީހުން ވެރިކަމަށް ގެނެވެމުނީމައި އޮންނާނީ ގައުމު ހަލާކުވުން. އަޅުގަނޑުމެން ހީކުރީ ރައީސް ނަޝީދު ވަޑައިގެންނެވީމައި އިބްރާހީމް މުހައްމަދު ސާލިހު ވެރިކަން ރައީސް ނަޝީދާ ހަވާލުކުރައްވާނެ ކަހަލަ މާހައުލެއް އުފައްދާނެ ކަމަށް. އެހެނެއް ނޫން ކަންހިނގަނީ. މިވެރިކަން ގެނައީ ވަގުތީ ގޮތުން ކެއާޓޭކައެއްގެ މަގާމު ދީފައި ބަހައްޓަން،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިބުރާހީމް މުޙައްމަދު ސާލިހު ވެރިކަމަށް ގެނައީ ވެރިކަމުގައި ބަހައްޓަން ނޫންކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައީ ރައީސް ނަޝީދު ވަޑައިގަންނަވަންދެން "ކެއާޓޭކަރ" އެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިލަފުށީ ފަޅުގައި އޮތް ވިއެޓުނާމް ބޯޓެއް ކަމަށްވާ  ސީ ހޯމް ސަފާޔާ އަކީ އޭނާގެ ބެލުމުގެ ދަށުގައި އޮތް އުޅަނދެއް ކަމަށެވެ. އެ އޮތްތަނުން ނަގަން ރައީސް ޔާމީން ސަރުކާރުގައި ކޯޓުން ކުރި ޙުކުމް ވަނީ ހުކުމްކުރެއްވިތާ 30 ދުވަސްތެރޭ މުއްދަތުހަމަވެފައި ކަމަށެވެ. އެހެންނަމަވެސް މުއްދަތު ހަމަވެފައިވަނިކޮށް މި ސަރުކާރުއައިސް އެ ހުކުމުގެ ދަށުން އެބޯޓުނަގައި ބާދަގަނޑަށް ހަދައި ވިއްކާލައިފައިވާ ކަމަށް އޭނާވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޢަމަލު ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިންޑިރެކްޓަރ މެދުވެރިކޮށް ހިންގުވާފައިވަނީ ސަރުކާރުގެ ބައެއް ވަޒީރުން ކަމަށެވެ.

އެ ބޯޓު ވިއްކާލައިގެން ތިން ލައްކަ ޑޮލަރާއި ހަތް ލައްކަ ޑޮލަރާދެމެދުގެ ޢަދަދަކަށް އެމީހުން ފައިސާނެގި ކަމަށް ވެސް މުސްތަފާ ތުހުމަތު ކުރެއްވިއެވެ. އޭނާ އެކަން ސިފަކުރައްވަނީ އެއީ މިސަރުކާރުން ފޭރިގަތް މީހުންގެ މުދަލެއްގެ ގޮތުގައެވެ. މުސްތަފާ ވިދާޅުވީ ބޯޓު ވިއްކާލައިފައި ލިބުނު ފައިސާ ވެސް ބޭނުންކޮށްފައިވަނީ ދެތިން މީހެއް ކަމަށެވެ. އެހެންނަމަވެސް މިހުރިހާ ތުހުމަތެއް ގުރޭޓަރމާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ މެނޭޖިޑިރެކްޓަރ އިބްރާހީމް ރަޝީދު ދޮގު ކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.