ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޑރ ޝަހީމްގެ ބައިވެރިވުން އޮތްކަމަށް ރިޕޯޓުން ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހަށް ހާމަކުރެއްވި، ޑރ. އަފްރާޝީމް އަވަހާރަކޮށްލިގޮތާބެހޭ ރިޕޯޓުގެ ޚުލާސާ ހާމަވެއްޖެއެވެ.
ދިނީ ޢިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެމްބަރ ޑރ. އަފްރާޝީމް ޢަލީ އަވަރާކޮށްލި ގޮތާބެހޭ ރިޕޯޓުގެ ޚުލާސާ ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ހާމަކުރައްވައިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ޑރ. ޝަހީމް ދެއްވި ބަޔާނުގައި ވެސް އިތުރު ފުޅު ހައްދަވައިފައިވާކަން ހާމަވާކަމަށެވެ. އަދި 2 އޮކްޓޫބަރުގައި ރާއްޖެއިން ބޭރަށް ޑރ. ޝަހީމް ވެސް ފުރައިވަޑައިގެންނެވިކަމަށެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ފަހު 2 އޮކްޓޫބަރގައި 2012 ބަޔަކު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް ރިޕޯރޓްގައިވެއެވެ. އެމީހުން އެދުވަހު ހެދުނު ފުރައިގެން ދިޔައީ ސީރިއާއި ސޫދާނަށް ކަމަށް ރިޕޯރޓްގައި ވެއެވެ. އެމީހުންގެ ތެރޭގާއި ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހީމް އާއި މ،ހާދޫ މުޙައްމަދު ނިޝާންގެ އިތުރުން ހަތް މީހަކު ހިމެނޭކަމަށް ޚުލާސާ އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއެންމެންނަކީވެސް މާލޭ ދަފްތަރު 471 މުޙައްމަދު މަޒީދާއި، ތ. އޮމަދޫ އަތިރީގޭ ސާމިތް މުޙައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާޢަތުން ތަމްރީނުކޮށް އެ ޖަމާޢަތުން މާލޭގައި ހިންގާފައިވާ އެކި ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންކަމަށް ވެސް ޑރ އަފްރާޝީމް އަވަހާރަކޮށްލި ރިޕޯރޓްގެ ޚުލާސާ އިއްވަމުން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. 2 އޮކްޓޫބަރގައި 2012 ގައި ރާއްޖެއަށް ފުރަވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑރ ޝަހީމްކަމަށް މަޖިލީސްގެ ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޑރ ޝަހީމް ފުރައިވަޑައިގެންނެވީ ކޮން ފްލައިޓަކުން ކޮންތަނަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.
ޑރ އަފަރާޝީމް އަނބުރާ ދީނަށް ރުޖޫޢަވެ މީޑިއާގައި އެކަން އިޢްލާންކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅުކަމަށް ބުނެ ފޮނުވައިވާ މެސެޖް ޑރ ޝަހީމް 12 ސެމްޓެމް 2012 ގައި ޑރ. އަފްރާޝީމަށް ފޯވާރޑް ކޮށްފައިވާކަމަށްވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެމެސެޖް ޑރ. ޝަހީމަށް ފޮނުއްވީ ކާކުކަން ހަނދުމަފުޅުގައި ނެތްކަމަށް ވިދާޅުވެފައިވާކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި.28 ޖުލައި 2019 ގައި ޑރ ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުވައިފައިވާ މަޢުލޫމާތުގައި 1 އޮކްޓޫބަރ 2012 ވަނަ ދުވަހު ޑރ އަފްރާޝީމް ޑޮކްޓަރ ޝަހީމާ ބައްދަލުކުރެއްވުމަށް މިނިސްޓްރީއަށް ވަޑައިގެންނެވީ، އެއްވެސް ވަރަކަށް ޑރ ޝަހީމް އެދިވަޑައިގެން ނޫންކަމަށް ވިދާޅުވި ނަމަވެސް ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މަސެޖްތަކުން، އެދުވަހު މެންދުރު އެކެއްޖަހާ އިރު ބައްދަލުކުރެއްވުމަށް ދެންނެވީ ޑރ. ޝަހީމްކަން ހާމަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ޑރ އަފްރާޝީމް ޓީވީއެމް ޕްރޮގަރާމަށް އެރުމަށް އެރީ އެކަމުގެ ޔަޤީންކަން ކޮންފަރާތަކުން ދީގެންކަން އެއްގޮތަކަށްވެސް އެނގިވަޑައި ނުގަންވާކަމަށް ޑރ ޝަހީމް ވިދާޅުވި ނަމަވެސް، އެކަން ޑރ ޝަހީމަށް އެގި ވަޑައިގަންނަވާކަން، ދެފާރާތުގެ ދެމެދުގައި ކުރެވިފައިވާ މެސެޖްގެ މުޢާމަލާތްތަކުން ހާމަވާކަމަށްވެސް ރިޕޯރޓްގެ ޚުލާސާ އިއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ޑރ. އަފްރާޝީމް ޓީވީއެމްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިންވެސް ދެކެވިފައިވާކަމަށާއި ހޯމަވިލޭރޭގެ ޕްރޮގްރާމަށް އެރުމަށް އެދިވަޑައިގެންނެވީ ޑރ ޝަހީމްކަމާއި އަދި އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޑރ ޝަހީމަށް އެނގިވަޑައިގަންނަވާކަމަށް، އެއީ ކުރިން ޑރ އަފްރާޝީމް ދެއްކެވި ވާހަކަ ތަކާ ގުޅިގެން މަޢާފަށް އެދެން ނުވަތަ ތަޢުބާވާންކަން އިޢުލާން ކުރުމަށް ކަމަށް އެނގިވަޑައިގެންފައިވާކަމަށް. އަދި އެރޭގެ ޕްރޮގަރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ އެބޭނުމަށްޓަކައި އިސްލާމިކް މިނިސްޓަރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވުމަށްވެސް ހުށަހަޅުއްވައިފައިވާ ކަން ވެސް ދެފަރާތުގެ ދެމެދުގައި ބަދަލުކުރައްވައިފައިވާ މެސެޖް ތަކުން ސާފުކަމަށް" މަޖިލީހުގެ ރައީސް އިއްވެވި ޚުލާސާއިން ހާމަވެއެވެ.