ޕެޓްރޯލުގެ އަގުބޮޑުކުރުމާ ގުޅިގެން އީރާނުގައި އިހުތިޖާޖުކުރަނީ

ތެހެރާނުގެ ޕެޓްރޯލު ސްޓޭޝަނެއްގައި ކާރުތަކެއް ކިޔުހަދާފައި

ކުއްލި ގޮތަކަށް ޕެޓްރޯލުގެ އަބު ބޮޑުކުރަން ނިންމުމާ ގުޅިގެން އީރާނުގެ އެކި ރަށްރަށުގައި މީހުން ނުކުމެ އިހުތިޖާޖުކުރަމުން އެބަދެއެވެ. ޕެޓްރޯލުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމީ އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނު އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުންނެވެ.

އީރާނުގެ އިސްނާ ނިއުސް އެޖެންސީން ޚަބަރުދޭ ގޮތުގައި ސިރްޖާންގައި ކުރިއަށް ދިޔަ އިހުތިޖާޖުގައި އެކަކު މަރުވެ އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

"ނަސީބު ދެރަކަމުން މީހަކު ވަނީ މަރުވެފައި. ސިރްޖާންގެ ވަގުތީ ގަވަރުނަރު މުޙައްމަދު މަޙްމޫދުއާބާދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަރުވީ މީހާ ގަޔަށް ބަޑިޖެހީ ކަމެއް ނުވަތަ އޭނާ މަރުވީ އެހެން ގޮތަކުން ކަމެއް އަދި ސާފުނުވާ ކަމުގައެވެ.

ހުކުރު ދުވަހުގެރޭ ސިރްޖާންގައި ފެށުނީ ވަރުގަދަ އިހުތިޖާޖެއް ކަމަށް ޚަބަރު ލިބެއެވެ. މުޒާހަރާކުރަމުން ދިޔަ މީހުން ވަނީ ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދީ އެތަންތަނުގައި ރޯކުރަން މަސައްކަތްކޮށްފައެވެ. ރަސްމީ ޚަބަރުފަތުރާ އެޖެންސީ އިރްނާއިން ބުނި ގޮތުގައި ފުލުހުން ވަނީ އެމީހުން ހުއްޓުވައި ތެޔޮ ރައްކާކުރާ ތަންތަން ސަލާމަތްކޮށްފައެވެ.

އިރްނާއިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހުގެރޭ އަބާދާން، އަހްވާޒު، ބަންދަރްއައްބާސް، ގަޗްސަރާން، ޚުއްރަމްޝެހެރް، މާހްޝެހެރް، މަޝްހަދު އަދި ޝީރާޒްގައިވެސް މީހުން ނުކުމެ އިހުތިޖާޖުކޮށްފައި ވެއެވެ.

ހޮނިހިރު ދުވަހު (މިއަދު) ވެސް ބައެއް ރަށްރަށުގައި މީހުން ވަނީ އިހުތިޖާޖަށް ނުކުމެފައެވެ. މިއަދު އިހުތިޖާޖުތައް ފަށާފައިވާ ރަށްތަކުގެ ތެރޭގައި، ދުރޫދް، ގަރްމްސާރް، ގުރްގާން، އިލާމް، ކަރަޖް، ޚުއްރަމްއާބާދު، މެހްދީޝެހެރް، ޤަޒްވީން، ޤުމް، ސަނަންދާޖް އަދި ޝަހްރޫދް ހިމެނެއެވެ.

ރަސްމީ ޚަބަރުފަތުރާ އެޖެންސީން ޚަބަރުދިން ގޮތުގައި ބައެއް ޑްރައިވަރުން އިހުތިޖާޖުކުރީ އެމީހުންގެ ކާރުތައް ނިއްވާލައި މަގު ބަންދުކޮށްގެންނެވެ.

އީރާނުން އިއްޔެ ވަނީ ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށް، ޕެޓްރޯލުގެ އަގު %50 ބޮޑުކޮށްފައެވެ.

ޕެޓްރޯލް ކޮންޓުރޯލުކޮށް އަމިއްލަ ކާރަކަށް މަހަކު ވިއްކުމަށް ހަމަޖެހިފައި ވަނީ 60 ލިޓަރު ޕެޓްރޯލެވެ. އަގުބޮޑުކުރުމުން ޕެޓްރޯލް ލިޓަރެއް ލިބޭނީ 15 ހާސް އީރާނު ރިޔާލު (0.13 އެމެރިކާ ޑޮލަރު) އަށެވެ. އުޅަނދަކަށް ކަނޑައެޅިފައިވާ މިންވަރު ހަމަވުމުން ދެން އެއުޅަނދަކަށް ޕެޓްރޯލް ވިއްކާނީ ލިޓަރެއް 30 ހާސް އީރާނު ރިޔާލު (0.26 އެމެރިކާ ޑޮލަރު) އަށެވެ.

ރަސްމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ އެންޑް ބަޖެޓް އޮގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު ބާޤިރު ނޯބަޚްތު ވިދާޅުވި ގޮތުގައި އަގަށް މިގެނައި ބަދަލުގެ ސަބަބުން އަހަރަކު 300 ޓްރިލިއަން އީރާނު ރިޔާލު (2،55 ބިލިއަން އެމެރިކާ ޑޮލަރު) ލިބޭނެކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.