ކުޑަކުދީންނާ ދެކޮޅަށް ހިންގޭ ޖިންސީ ޖަރީމާތަކަށް އަރައިގަތުމަށް އިލެކްޓްރޯނިކް ވެށީގެ ސަބަބުން މަގު ފަހިވެފައިވާ ކަމަށް ޝައިޚުލް އަޒްހަރު ފަޟީލަތުއްޝައިޚު ޑރ. އަޙްމަދުއް ޠައްޔިބު ވިދާޅުވެއްޖެއެވެ. ޑރ. ޠައްޔިބު މިހެން ވިދާޅުވީ ވެޓިކަން ގައި މިހާރު ބޭއްވެމުންދާ ދީންތަކުގެ އިސްވާރުންގެ ސަމިޓްގައި އިއްޔެ ( ހުކުރު ދުވަހު ) ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓުގެ މައިގަނޑުނަމަކީ "ސުމޭކުގެ ދުނިޔޭގައި ކުޑަކުދީން ކަރާމަތްތެރިކަން ހަރުދަނާކުރުން" އެވެ. އަޒްހަރުގެ އެންމެ އިސްވެރިޔާ ޝައިޚުލް އަޒްހަރު ވިދާޅުވިގޮތުގައި ޖިންސީ ޖަރީމާތައް ހިންގާ "ވަލު ޖަނަވާރުންނަށް" އިލެކްޓްރޯނިކް ވެށީގެ ސަބަބުން އެމީހުންގެ ޤުރްބާނީތަކާހަމައަށް ފަސޭހަކަމާއެކު ވާޞިލުވުމުގެ މަގު ވަނީ ފަހިވެފައެވެ. މި ވެށްޓަކީ އެ ކުދީންނަށް މިބައިމީހުންނާ ގުޅުމަށް ހިތްވަރުދޭ ތަނެކެވެ. އަދި މި ވެށްޓަކީ އެމީހާގެ ޙަޤީޤީ ކާކުވަންތަކަން ވަންހަނާކޮށް އެހެން ޝަޚްޞެއްގެ ގޮތުގައި ފާޅުވުމަށް އެހީވެދޭ ތަނެކެވެ. މި ކަމުގެ ސަބަބުން އެމީހުން ޢަދާލަތުގެ ކުރިމައްޗަށް ގެނެއުން ވަނީ މުސްތަޙީލުކަމަކަށް ވެފައެވެ.
ޑރ. އަޙްމަދުއް ޠައްޔިބު ވިދާޅުވި ގޮތުގައި ޙަޤީޤީ ކާކުވަންތަކަން ފޮރުވުމަށްފަހު ބިލާހީ ޝަޚްޞަކަށް ބަދަލުވުމުގެ ސަބަބުން ، ޢާއިލާގެ ޚާއްޞަވަންތަކަން ވަނީ ގެއްލިފައެވެ. އެކަމުގެ ސަބަބުން ކުޑަކުދީންގެ ކަރާމަތްތެރިކަން ވަނީ ހިރާސަށް ހާސާވެފައެވެ. ޔުނިސެފް ބުނާގޮތުގައި ޖާލުގެ ވިޔުގަތަކުގެ ނުރައްކާތަކުން އަމާންކަން ލިބިފައިވާ ހަމަ އެންމެ ކުއްޖަކުވެސް މިއަދަކު ނެތެވެ.
ޑރ. ޠައްޔިބު ވިދާޅުވިގޮތުގައި ނުރައްކަލުން ފުރި ފޯވެފައިވާ ކުޑަކުދީންގެ ކުރިމަގާމެދު ބަޙުސްކުރާ މި މަހާސިންތާއަކީ ބަސްބާޒީއަކަށް ހަދައިގެން ނުވާނެއެވެ. ކުޑަކުދީންނާ ކުރިމަތިވެފައިވާ މި ބިރުވެރި ނުރައްކާތަކުން އެކުދިން ސަލާމަތް ކުރުމަށް ގޮވައިލެވޭ ސަމާސާކަމެއްނެތް ގޮވައިލުމަކަށް މި ބައްދަލުވުން ވާން ޖެހޭނެއެވެ. އެކުދިން މި ބިރުވެރިކަމުން ބޭރަށް ނެރެވޭނޭ ގޮތެއް ހޯދުމަށް މަޝްވަރާކުރާ މަހާސިންތާއަކަށް މި ބައްދަލުވުން ހެދުމަށް މަސައްކަތްކުރުމަށް ޑރ. ޠައްޔިބު ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސުމޭކު ތަރައްޤީގެ ސަބަބުން މި ޟަޢީފު ކިޔާނުތައް ވަގަށްނަގައިފިއެވެ. އެކުދީންގެ ހުވަފެންތައް ބަރުބާދުކޮށްލައިފިއެވެ.އެ ކުދީންގެ ބަރާއަތްތެރިކަން ފޭރިގެންފިއެވެ. ބިމަށާއި މާއްދާއަށް ހަމައެކަނި އީމާންވާ ބައެއްގެ އަތްދަށުގައިވާ އަޅުންތަކަކަށް އެކުދިން ވެގެން ދިޔުން ވަރަށް ކައިރިވެއްޖެއެވެ.
ޑރ. އަޙްމަދުއް ޠައްޔިބު ވިދާޅުވިގޮތުގައި ސައިންސީ ކުރިއެރުމަކީ ދެ މިޔަލީ ހަތިޔާރެކެވެ. ބޭނުންކުރުމަށް ޓަކައި ނަގަންވީ ރަނގަޅު އެތި ދެނެގަތުމަށް ވަނީ އުނދަގޫވެފައެވެ. ދުރުހެލިވާންވީ ނުބައި އެތި ފޭކުރަން ވަނީ ދަތިވެފައެވެ.އޭނާ ވިދާޅުވިގޮތުގައި މި ކަމުގެ ޙައްލަކީ ކުޑަ ކުއްޖާ ބަލައިބޮޑުކުރުމަށް ޢާއިލާ ތެދުވެ އެ ޢާއިލާގެ މަސްއޫލިއްޔަތު އަދާކުރަން ނުކުތުމެވެ. އެކުއްޖާ އަދަބުވެރިކުރުމާއި ޚުލްޤުވެރިކުރުމާއި އެ ކުއްޖާއަށް ހެޔޮ މިސްރާބު ދައްކުވައިދިނުމެވެ. މިކަން ކުރަން ޖެހޭނީ އެކުދީންނާމެދު ހަރުކަށި ނުވެއެވެ.
އަޒްހަރުގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި " ކުޑަކުދީންނަށް އެއްވެސް ހިފެހެއްޓުމެއްނެތި މިނިވަންކަން ދިނުމަށް ގޮވައިލުމަށްވުރެ އައުލާކަން ބޮޑީ އެކުދިން އަޚްލާޤީ ބަލިތަކުންނާއި ވަބާތަކުން ޙިމާޔަތްކުރުމަށް މަސައްކަތް ކުރުމެވެ. "
ﷲގެ ޢަޚްލާޤިއްޔާތާއި އަގުތަކާނުލައި ، ސުމޭކު ޓެކްނޮލޮޖީގެ އިންޤިލާބު ތަރައްޤީވަމުންދާނަމަ، މިއިންޤިލާބުގެ ތަރައްޤީން ފައިދާއާއި ގެއްލުން، މަޞްލަޙަތާއި މަފްސަދަތު މަސްހުނިކުރަމުންދާ ދިޔުމަށް ހުއްޓުމެއް ނާންނާނެކަން ކަށަވަރުވާ ކަމަށް އަޒްހަރުގެ އިސްވެރިޔާ ވިދާޅުވިއެވެ.
ޚަބަރު : އަހްރާމު ދުވަހު ނޫސް