ގޮތާބޭ ރާޖަޕަކްސާ އެމެރިކާގެ ރައްޔިތަކަށް ވުމުގެ މައްސަލަ އަނެއްކާވެސް ކޯޓަށް

ސްރީލަންކާގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް 72 ގަޑިއިރަށްވުރެ ވަގުތު ކުޑަވެ ކެމްޕޭންކުރުންވެސް މަނާވެފައި ވަނިކޮށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ގޮތާބޭ ރާޖަޕަކްސާ އެމެރިކާގެ ރައްޔިތަކަށް ވުމުގެ މައްސަލަ އަނެއްކާވެސް ކޯޓަށް ވައްދައިފިއެވެ

ޕުރަވެސީ ބަލަޔާ ސިވިލް ސޮސައިޓީ ގްރޫޕްގެ އިސް ދެ މެންބަރުން ކަމުގައިވާ ޕްރޮފެސަރ ޗަންދްރަގުޕްތާ ތެނުވަރާއާއި ގާމިނީ ވިޔަންގޮޑާ އިއްޔެ ސުޕްރީމް ކޯޓަށް ގޮތާބޭ ދެ ގައުމުގެ ރައްޔިތަކަށް ވުމުގެ މައްސަލަ ވައްދައިފައެވެ.

އެ ދެ މީހުން ފަރާތުން އެޕީލްސް ކޯޓަށް މި މައްސަލަ ހުށަހެޅުމުން، ފާއިތުވި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އެކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ކުރީގެ ރައީސު މަހިންދަ ރާޕަކްސާގެ ކޮއްކޯފުޅު އަދި އޭނާގެ ދައުރުގައި ޑިފެންސް ސެކްރެޓަރީކަން ކުރެއްވި ގޮތާބޭ ރާޖަޕަކްސާ ވަނީ 2005 ވަނަ އަހަރު އެމެރިކާގެ ރައްޔިތަކަށްވެ ވަޑައިގެންފައެވެ. ސްރީލަންކާގެ ގާނޫނު އަސާސީއަށް 2015 ވަނަ އަހަރު ގެނައި އިސްލާހަށް ފަހު ދެ ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ހުރެ ސްރީލަންކާގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ދޮރު ވަނީ ބަންދުވެފައެވެ.

ގޯތާބޭ ރާޖަޕަކްސަ ވިދާޅުވަނީ މިއަހަރު އެޕްރިލް މަހުގެ ތެރޭގައި އޭނާ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލައްވާފައިވާ ކަމުގައެވެ.

އެހެންނަމަވެސް، ސިވިލް އެކްޓިވިސްޓުންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް މި ވެއްދީ މިކަމުގައި އާ ކަންތައްތަކެއް ފެންމަތި ވުމުންނެވެ.

ފުރަތަމަ ކަމަކީ، އޭނާ އެމެރިކާގެ ރަށްވެހިކަން ދޫކޯށްލައްވާފައިވާ ކަމަށް ގޯތާބޭ ވިދާޅުވަމުން ގެންދެވިނަމަވެސް އެކަން ސާބިތުކޮށްދޭ ލިއުމެއް އޭނާއަށް އަދިވެސް ދެއްކެވިފައި ނުވެއެވެ. ބުދުދީނުގެ އިސް ހާމުދުރަކު އޭނާ އެ ލިއުން ހާމަކުރެއްވުން އެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތާ 4 ދުވަސް ވީއިރުވެސް އޭނާއަށް އެފަދަ ލިއުމެއް ދެއްކެވިފައި ނުވެއެވެ.

ދެވަނަ ކަމަކީ، އެމެރިކާ ސަރުކާރުން އެންމެ ފަހުން އާއްމުކުރި އެގައުމުގެ  ރަށްވެހިކަން ދޫކޮށްލި މީހުންގެ ލިސްޓުގައި ގޮތާބޭ ރާޖަޕަކްސާގެ ނަންފުޅު ނެތުމެވެ.

މިމައްސަލައިގައި ގޮތާބޭގެ ކެމްޕޭން ޓީމުން ބުނަމުން ދަނީ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލުމަށް ބޭނުންވާ ހުރިހާ ލިޔެކިއުމަކާއެކު އެޕްރީލް މަހުގެ ތެރޭގައި ގޮތާބޭ އެކަމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ ކަމުގައެވެ. އެހެންކަމުން އެ ހިސާބުން ފެށިގެން އޭނާއަކީ އެމެރިކާގެ ރައްޔިތެއް ނޫންކަމުގައެވެ. އަދި އޭނާގެ އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުނުން އެމެރިކާގެ ސަރުކާރުން އާއްމުކުރާ ލިސްޓަށް އޭނާގެ ނަންފުޅު އަރާނެ ކަމުގައެވެ.

ނޮވެންބަރު މަހުގެ 16 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލާން ހަމަޖެހިފައިވާއިރު  އެންމެ ކުރީގައި ވާދަކުރައްވަމުން ގެންދަވަނީ ސްރީލަންކާ ޕޮދުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓު ގޮތާބޭ ރާޖަޕަކްސާއާއި، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓު ސަޖިތު ޕްރެމަދާސާއެވެ. ރައީސު މައިތުރިޕާލާ ސިރިސޭނާ މި އިންތިޚާބުގައި ވާދަނުކުރައްވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.