މޯލްޑިވްސް މީޑިއާ ކައުންސިލުގައި އަންގާރަ ދުވަހު ހަވީރު ބޭއްވި އިންތިޚާބުގައި މީޑިއާތަކުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ވޯޓު އެއްވަރު ވެގެން ހަތް ވަނައަށް ވަޑައިގަތް އަޙްމަދު އާޒިފު ވާދަ ނުކުރައްވަން ނިންމެވުމުން، މިހާރު ނޫހުގެ ފަރާތުން ކުރިމަތިލެއްވި މުޙައްމަދު ޙަމްދޫން މީޑިއާ ކައުންސިލަށް ހޮވިވަޑައިގެންފިއެވެ. އިއްޔެގެ ވޯޓުގައި މި ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 40 ވޯޓެވެ. އާޒިފު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ އެކުވެރި ޙަމްދޫނާ ވާދަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
މި ނަތީޖާއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލަށް މީޑިއާއިން ހޮވިވަޑައިގަތް ހަތް ބޭފުޅުންނަކީ ވީމިޑިއާގެ އަޙްމަދު ރިފާޢު (69 ވޯޓު) އާއި، ސަން މީޑިއާއިން އަޙްމަދު މުޖުތަބާ (57 ވޯޓު) އާއި، ޕަބްލިކް ސަރވިސް މީޑިއާއިން ފަޔާޒް ޔޫސުފު (55 ވޯޓު) އާއި، ބަހުރު މަޖައްލާއިން ޢަބްދުލްމުޢީދު ޙަސަން (44 ވޯޓު) އާއި، ވީއެފްޕީން މިޞްބާޙް ޢައްބާސް (41 ވޯޓު) އާއި، އަސްދަނޑި މަޖައްލާއިން ޙަސަން ޝާކިރު މުޙައްމަދު (41 ވޯޓު) އާއި މިހާރު ނޫހުން އަޙްމަދު ޙަމްދޫން (40 ވޯޓު) އެވެ.
މީޑިއާ ކައުންސިލުގައި މީޑިއާތަކުން ހޮވާ އަށް މެންބަރުން ތިއްބަވަން ޖެހެއެވެ. އިއްޔެ އިންތިޚާބު ބާއްވަން ހަމަޖެހުނު އިރު މީޑިއާތަކުން ހޮވޭ މެންބަރުންގެ ތެރެއިން އެއް މެންބަރަކު ކަމުގައިވާ މުޙައްމަދު އަފްޒަލް ޢާމިރުގެ ދައުރު ހަމަ ނުވާތީ ވޯޓު ލާފައިވަނީ ހަތް މެންބަރުން ހޮވާށެވެ. އެހެންނަމަވެސް އިންތިޚާބު އިޢުލާނު ކުރި ފަހުން އަފްޒަލް އިސްތިޢުފާ ދެއްވާފައި ވާތީ އޭނާގެ ބަދަލުގައި މެންބަރަކު ހޮވަން މިހާރު ވަނީ ޖެހިފައެވެ. އެ މެންބަރު ހޮވާނޭ ވަކި ތާރީޚެއް އަދި އެނގިފައެއް ނެތެވެ.
އަމިއްލަ ގޮތުން ކުރިމަތި ލެއްވި ބޭފުޅުންގެ މެދުގައި ވޯޓު ލައިގެން ހޮވިވަޑައިގަތީ އަޙްމަދު ޢަބީރު އިސްމާޢީލް، ދަފްތަރު ރސ 8946 (81 ވޯޓު) އާއި، ޝައުފާ ޙުސައިން، ފެހިމާގެ، ސ. މަރަދޫ (74 ވޯޓު) އާއި، މުޙައްމަދު ޢާޒިމް ޢަބްދުލްހާދީ، މއ. ކެކުރި (73 ވޯޓު) އާއި، އަންވަރު އިބްރާހީމް، މަންޒިލް، ބ. ތުޅާދޫ (62 ވޯޓު) އާއި، އަސްޢަދު ޝަރީފު، މއ. ލޮޓަސް (45 ވޯޓު) އާއި، މަރިޔަމް ޚަލީލު، އަލިފަރުދާގެ، ގއ. މާމެންދޫ (39 ވޯޓު) އެވެ.
އަމިއްލަ މެންބަރުންގެ ގޮތުގައި ކައުންސިލުގައި ތިއްބަވަނީ ހަތް ބޭފުޅުންނެވެ. އިއްޔެ އިންތިޚާބުގައި ހޮވާފައި ވަނީ ހަ ބޭފުޅުންނެވެ. އެއީ ދައުރު ހަމަނުވާ އެއް ބޭފުޅަކު ކައުންސިލުގައި ހުންނެވީތީއެވެ. އެ ބޭފުޅަކީ މުޙައްމަދު ޙައްސާނެވެ.