
ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝީމް ޢަލީ އާއި ބަނގްލަދޭޝްގައި ޑޮކްޓަރކަން ކިޔަވަން ހުއްޓާ މަރުވި ރައުދާ އާޠިފްގެ މަރުގެ ރިޕޯރޓް މިހަފްތާތެރޭގައި ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެދެ ރިޕޯޓު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކަމާ ގުޅޭ އިދާރާތަކަށް މިހަފުތާ ތެރޭގައި ދެ ރިޕޯޓު ވެސް ފޮނުއްވާނެ ކަމަށެވެ. މިހަފްތާތެރޭގައި ދެ ރިޕޯރޓްވެސް އާއްމުކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލައިފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ ފުރަތަމަ ދުވަހުގެރޭ، ގެއިން ބޭރުގައި އުޅުއްވުމަށްފަހު އެރޭގެ ދަންވަރު 12:09 އެހައިކަންހާއިރު އޭނާ ދިރިއުޅުއްވާ ގެ، ހ. ފުންވިލަށް ވަޑައިގަތް ވަގުތު އެގޭ ސިޑިކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީ ވަރަށް އަނިޔާވެރިކޮށެވެ. އެކަން ރޭވިމީހުންނާއި އެކަން އެބަޔަކު ކުރަންބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދު ކުރި ފަރާތްތައް ހޯދުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން އުފައްދަވައި އެމަސައްކަތް އެކޮމިޝިނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވިއެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލިތާ ހަތް އަހަރުވެފައި ވާއިރު އެމައްސަލަ ހިނގާ ދިޔަގޮތާއި އެކަމުގެ އަޑީގައި ތިބި މީހުން ވަނީ ނުހޯދިއެވެ. ޑރ އަފްރާޝީމަށް އިންސާފު ހޯއްދަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިޔާގެ ވަޢުދު ފުޅެކެވެ.
ރައުދާ މަރުވެފައި އޮއްވައި ފެނުނީ 2017 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހު، ބަނގްލަދޭޝްގެ ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި އޭނާ ދިރިއުޅުނު ކޮޓަރީތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަނގްލަދޭޝް ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށެވެ.