
އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ ޔޫގެންޑާގެ އުތުރުގައ އޮންނަ ޕާޑެރްގައި ކުރިއަށް ދިޔަ ޖަނާޒާއަކަށް ހޮނުއަޅައި 6 މީހުން މަރުވެ 11 މީހުން ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.
ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމާންޑަރު ޓޮމް ބައިނޮމުގިޝާ ވިދާޅުވި ގޮތުގައި ހޮނު އެޅިއިރު ޖަނާޒާގެ ބައިވެރިން ތިބީ ވާރޭ ވެހޭތީ ބޮޑު ގަހެއްގެ ހިޔަލަށް ވެދެއެވެ.
ޕާޑެރް ޑިސްޓްރިކްޓްގެ ޓޯބީ އަވަށުގައި އިއްޔެ ހިނގި މިހާދިސާގައި ޒަޚަމްވީ މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށާއި، ބައެއް މީހުންގެ ހާލު ދެރަ ކަމަށް ފުހުލުންގެ ތަރުޖަމާނު ޕެޓްރިކް އޮކެމާ ވިދާޅުވެފައެ ވެއެވެ.
ހޮނުއަޅައިގެ މީހުން މަރުވުގެ މީގެ ކުރިން ވެސް މިއަހަރު ތެރޭގައި ޔޫގެންޑާގައި ހިނގާފައި ވެއެވެ. ފާއިތުވި ސެޕްޓެންބަރު މަހުގެ ތެރޭގައި ހުޅަނގު ދެކުނު ޑިސްޓްރިކްޓެއް ކަމުގައިވާ ކަނުންގޫގައި ހޮނުއަޅައިގެން 4 ދަނޑުވެރިން މަރުވެފައި ވެއެވެ. އަދި ފާއިތުވި ޖޫންމަހުގެ ތެރޭގައި ރުކިގާ ޑިސްޓްރިކްޓްގެ ބުޝެންޔީ އަވަށަށް ހޮނުއަޅައިގެން 6 މީޙުން މަރުވެ 25 މީހުން ޒަޚަމްވެފައި ވެއެވެ.