ރަތް، ރީނދޫ، ފިޔާތޮށި އަދި ފެހި: ދުނިޔޭގެ ތަފާތު ބަސް ބަހުން ވިއްސާރަ ދުންޏަށް ނަންދެވިފައިވާ ގޮތް

އިނގިރޭސި ބަހުގެ ކުލަ ލަފުޒުތައް އައިސްފައިވަނީ އިނގިރޭސި ބަސް ނޫން އެހެން އަސްލަކުންނެވެ. ވަރމިލިއަން((vermillion ގަދަ ރަތްކުލަ އަދި ޝާރްތުރަޡް (chartreuse) ފެއްސާ ރީނދުލާ ދެމުދުގެ ކުލަތަކަކީ ފަރަންސޭސި ބަހުން އިނގިރޭސި ބަހަށް ގެނެވިފައިވާ ދެ ލަފުޒެވެ. އަދި މި ދެލަފުޒަށް ނަން ކިޔާފައިވަނީ ދިރޭރަހަ އާ ބަނގުރާ ގެ ކުލައިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދެ އެއްޗެއްްގެ ކުލައަށް ނިސްބަތްކޮށެވެ. އިނގިރޭސި ބަސް ކަމުގައި ވާ ‘black’ ކަޅު ކުލަ އަދި ‘white’ ހުދު ކުލައަށްވެސް ނަން ދީފައިވަނީ ކުލައަކަށް ނިސްބަތް ކޮށެއް ނޫނެވެ. ބްލެކް ނުވަތަ ކަޅު ކުލައަށް ނަންދީފައިވަނީ ‘burnt’ (އަނދައިގެން ދިއުން) ގެ މާނަ ދޭހަވާ ލަފުޒަކުންނެވެ. ހުދު ކުލައަށް ނަންދީފައިވަނީ ‘shining’ (އޮފު އެރުން) ގެ މާނަ ދޭހަވާ ލަފުޒަކުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުލައަށް ނިސްބަތް ކުރާން ބޭނުންކުރާ ލަފުޒުތައް ވަރަށް ތަފާތެވެ. އަސާސީ ކުލަތައް ރަމްޒު ކުރުމަށް ގިނަ ބަސްބަހުގައި ބޭނުންކުރާ ލަފުޒުތަކުގެ އަދަދު އުޅެނީ ދޭކާ އެގާރައާ ދޭތެރޭގައެވެ. އިނގިރޭސި ބަހުގައި އަސާސީ ކުލަތަކަށް ނިސްބަތް ކުރަން ބޭނުންކުރަނީ އެގާރަ ލަފުޒެކެވެ. އެ ލަފުޒު ތަކަކީ ބްލެކް، ވައިޓް، ރެޑް، ގްރީން، ޔެލޯ، ބްލޫ، ޕިންކް، ގްރޭ، ބްރައުން، އޯރެންޖް އަދި ޕާރޕަލް އެވެ. ބަހަވީ އިލްމުވެރިންކަމުގައިވާ ޕޯލް ކޭ އާ ލުއިޒާ މަފީ 1999 ވަނަ އަހަރު ހެދި ސާވޭ އަކުން ދައްކާ ގޮތުގައި ބަސް ބެހިފައިވަނީ އެމީހުންގެ ދިރާސާގެ ބޭނުމަށް ފާހަގަކުރި އަސާސީ ކުލަތަކުގެ މެދުގައި ހަމަހަމަ ގޮތަކަށެވެ.

އަލާސްކަން ބަހެއްކަމުގައިވާ ޔުޕީކު ބަހުގައި ކުލަ ރަމްޒުކުރުމަށް ބޭނުންކުރަނީ ފަސް ލަފުޒެކެވެ. އެހެންކަމުން މިއިން ކޮންމެ ލަފުޒެއްގެ މާނަ ފުޅާ ވެއެވެ. މިސާލަކަށް އޮރެންޖު ކުލައިގެ ތަފާތު ޝޭޑުތަކަށް ކިޔާނެ ލަފުޒު ނެތް ބަސްބަހުގައި އިނގިރޭސީން ރަތް ކުލަ ނުވަތަ ރީނދޫ ކުލައަަަށް ނިސްބަތްކުރަން ބޭނުންކުރާ ކުލަތަކަށް އޮރެންޖު ކުލައޭވެސް ކިޔާފާނެއެވެ. މި ލަފުޒުތަކަކީ ކުލަ ސްޕެކްޓްރަމްގައި ހުންނަ ހަމަލޮލަށް ފެންނަ ހުރިހާ ކުލަތަކަށް ނިސްބަތް ކުރާން ބޭނުންކުރާ ލަފުޒުތަކެވެ. އެހެންނަމަވެސް ކުލަ ސްޕެކްޓްރަމްގެ ވަކިވަކި ހިސާބުތަކަށް ނިސްބަތް ކުރަން ބެނުންކުރަނީ ތަފާތު ލަފުޒުތަކެކެވެ.

ފާތު ކުލަތަކަށް ނިސްބަތް ކުރަން އެއް ކުލަ ލަފުޒު ބޭނުންކުރާ ބަސްބަހުގެ އަހުލުވެރިންނަށް ވިއްސާރަ ދުނީގައި ހުންނަ ހުރިހާ ކުލަތަކެއް ނުފެންނަނީ ކަމަށްވެސް ވެދާނެއެވެ. ކުލަތައް ނުފެންނަނީކީ ނޫނެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުންނަށް އުޑުގައި ހުންނަ ނޫ ކުލައާ ވިލުގައި ހުންނަ ނޫކުލައިގައި ތަފާތެއްވާކަން ފާހަގަކުރަން އެނގެނީއެވެ. ބަހެއްގައި ހުރި އުނިކަމެއްގެ ސަބަބުން ކުލަތައް ފާހަގަ ނުުކުރެވޭނަމަ އެބަހުގެ ލަފުޒުތައް ބަދަލެއްނުވާނެއެވެ. އަދި އެބަހަކުން ވާހަކަ ދައްކާ މީހުންނަށް ކުލަތަކުގެ ތަފާތު ފާހަގަ ކުރަން ނޭނގޭނަމަ އެތަފާތު ރަމްޒުކުރާން އިތުރު އާ ލަފުޒުވެސް ނުއުފެއްދޭނެއެވެ.

ބަހަވީ ޕްރޮފެސަރުން ކަމުގައިވާ ކްލެއަރ ބުވަރން އާ ހަނާ ހެނީ ވަނީ ކުރިމަގުގައި ކުލައަށް ނިސްބަތް ކުރާ ލަފުޒުތައް ބަދަލުވެދާނެ ގޮތަކާއި އަދި ވަކީން ޚާއްސަކޮށް ނިޒާމެއްގެ ގޮތުން ކުލަ ލަފުޒު ތައް ބަދަލުވެދާނެ ގޮތަކާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފައެވެ. މިދިރާސާގައި ލަފުޒުތައް ބަދަލުވަނީ އޭގެ އަމިއްލަ ޒާތުގައިތޯ އާ ނުވަތަ ލަފުޒެއް ބަދަލުވާ ގޮތަކުން އެހެން ލަފުޒުތަކަށްވެސް ބަދަލު އަންނަނީތޯވަނީ ހޯދާފައެވެ. މިދިރާސާގެ ހޯދުންތައް ވަނީ މިދޔަ ނޮވެންބަރު މަހު ޕްރޮސީޑިންގސް އޮފް ނެޝެނަލް އެކެޑަމީ އޮފް ސައެންސް ޖާނަލްގައި ޝާއިއު ކޮށްފައެވެ. ކުލަ ލަފުޒުތަކަށް އަންނަ ބަދަލާއި އެބަދަލު އަންނަ ހަލުވިމިން ދިރާސާ ކުރުމަށް ބޭނުންކޮށްފައިވާ ކޮމްޕިއުޓަރު މޮޑެލް އަކީ ބަހަވީ ދިރާސާ ތަކަށްވުރެ ބޮޑަށް ބަޔޮލޮޖީ ދިރާސާ ކުރުމަށް ބޭނުން ކުރާ މޮޑެލްއެކެވެ. މިދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ކުރީގެ ހޯދުންތަކާ ޚިލާފަށް ކުލަތަކަށް ނިސްބަތް ކުރަން  ބޭނުންކުރާ ލަފުޒުތައްވެސް ބަދަލުވަމުންދަނީ ބަހުގެ އެހެން ދާއިރާ ތަކުގެ ލަފުޒުތައްވެސް ބަދަލު ވަމުންދާ އުސޫލުންނެވެ.

އާއްމުކޮށް ބޭނުންކުރާ ކުލަ މަފްހޫމުތަކާ މެދު އުފެދޭ ސުވާލު:

ކުރީގެ ދިރާސާ (ބްރެންޓް ބަރލިން އާ ޕޯލް ކޭ، 1999) އަކުން ދައްކާ ގޮތުގައި ބަހަށް ކުލަ ލަފުޒުތައް އިތުރުވާ ގޮތް އޮންނަނީ ކުރިން ކަނޑައަޅާފައެވެ. ކޮންމެ ކުލައެއްވެސް ހިމެނޭނީ ކަޅު އަދި އަނދިރި އާ ހުދު އަދި ފަނޑު މި މަފްހޫމުތަކުގެ ދޭތެރޭގައެވެ. ވަރަށް ގިނަ ބަސްބަހުގައި ކުލައަށް ނިސްބަތް ކުރަން ބޭނުންކުރަނީ ދެ ލަފުޒެވެ. އެހެންކަމުން ކޮންމެ ލަފުޒެއްވެސް އެނބުރޭނީ ހުދު ނުވަތަ ކަޅު މި ދެ މަފްހޫމް ދޭތެރޭގައެވެ.

ކުލަތަކަށް ނިސްބަތް ކުރާން ތިން ލަފުޒު ބޭނުންކުރާ ބަސްބަހުގައި ތިންވަނަ ލަފުޒު އަބަދުވެސް ވެފައި އޮންނަނީ އިނގިރޭސި ބަހުން ރަތަށް ނިސްބަތްކުރާ ލަފުޒަށެވެ. އެފަދަ ބަސްބަހުގައި ކުލަތަކަށް ނަންދީފައި ހުރިއިރު ކަޅު، ހުދު ނުވަތަ މަޑު ފެއްސެއް ނުހުރެއެވެ. ކުލަތަކަށް ނިސްބަތް ކުރަން ހަތަރު ލަފުޒު ބޭނުންކުރާ ބަސްބަހުގައި ބޭނުންކުރަނީ ކަޅު، ހުދު، ރަތް އަދި ރީނދޫ ނުވަތަ ފެއްސެވެ. ދެން އަންނަ މަރުހަލާއެއްގައި ރީނދޫ އަދި ފެހި މި ކުލަތައް އިތުރު ކުރެއެވެ. އެއާ ވިދިގެން ބްލޫ އާ ބްރައުން ކުލަ އިތުރު ކުރެއެވެ. ކުލަތައް އިތުރު ކުރަމުން ދަނީ މިދެންނެވި ތަރުތީބުންނެވެ. ބައެއް ބަހަވީން އިއްތިފާގުވާ ގޮތުގައި މި ކުލަތަކަކީ ކުލަ ސްޕެކްޓްރަމް އިން އެންމެ ބޮޑަށް ފާހަގަކުރެވޭ ކުލަތަކެވެ.

ބަރލިން އާ ކޭ (1999) ގެ ދިރާސާއިން ދައްކާގޮތުގައި ބަހުގެ އަހުލުވެރިން ކުރިން ބޭނުންކުރަމުން އައި ކުލަ ލަފުޒުތައް އެއްގޮތަކަށްވެސް ދޫކޮށެއްނުލައެވެ. ނުވަތަ ބޭނުންކުރުން ހުއްޓައެއްވެސް ނުލައެވެ. މިސާލަކަށް ރަތް ކުލައިގެ އާ ޝޭޑެއް (ލޭގެ ކުލަ) އަދި ރީނދޫ ކުލައިގެ އާ ޝޭޑެއް (ދޮންކޭލުގެ ކުލަ) ފާހަގަ ކުރެވުމުން ކުރިން އުފެދިފައި ހުރި ލަފުޒުތަކުގެ މާނަ ފުޅާކޮށްގެން ބޭނުން ކުރުމުގެ ބަދަލުގައި އެތަފާތުތައް ރަމްޒުކުރަން ކުރަން އާ ލަފުޒު ބޭނުންކުރެއެވެ.

މިދިރާސާއިން ދައްކާގޮތުގައި ބަހުގެ އެހެން ދާއިރާތަކަށް ބަދަލު އަންނަ ގޮތާއި ކުލަ ލަފުޒުތައް އުފެދޭ ގޮތް އަދި ބަދަލުވާ ގޮތް މުޅީން ތަފާތެވެ. އެހެން ދާއިރާތަކަށް ބަލާއިރު ކުރިން އުފެދިފައިހުރި ލަފުޒުތައް އުވި އާ ލަފުޒު އުފެދެއެވެ. މިސާލަކަށް މުހާވަރާއެއްގައި ލަފުޒެއް ބޭނުންކުރުމުން އެލަފުޒުގެ އަސްލު މާނަ ބަދަލުވެއެވެ. މަޖާޒީ މާނަވެސް ވަގުތާ ހާލަތާއެކު އަސާސީ މާނަ ކަމުގައިވެދެއެވެ. ކުރިން ބޭނުންކުރަމުން އައި މާނަ ފުޅާވެ ހަނިވެއެވެ. މިސާލަކަށް އިނގިރޭސި ބަހުގެ ‘starve’ ކުރިން ބޭނުންކުރީ މަރު ގެ މާނައިގައެވެ. އެހެންނަމަވެސް މިހާރު އެލަފުޒުގެ އަސާސީ މާނަ ބަދަލުވެފައިވަނީ "ބަނޑަށް މަރުވުން" އަށެވެ. އެއީ މަޖާޒީ މާނަ ހިމަނައިގެންނެވެ.

ކްލެއަރ އާ ހަނާގެ ދިރާސާގައި ކުލައިގެ މަފްހޫމުމްތައް ބަދަލުނުވަނީ ކީއްވެގެންތޯ ހޯދަން އެމީހުން ޝައުގުވެރިވިއެވެ. އަދި ކުލައަށް ނަން ކިޔާ ގޮތާއި ކުލަތަކަށް ނިސްބަތް ކުރަން ބޭނުންކުރާ ލަފުޒުގެ އަސްލާ ގުޅުމެއްވޭތޯވެސް ބެލިއެވެ. އަދި ކުލަަތަކަށް ނިސްބަތް ކުރަން ބޭނުންކުރާ ލަފުޒުތައް ބަދަލުވާ ހަލުވިމިނަށްވެސް މިދިރާސާގައި އަލިއަޅުވާފައި ވެއެވެ. ލަފުޒެއް އިތުރު ކުރާއިރު ބަހުގެ އަހުލުވެރިން ބަހަށް ލަފުޒުތައް އިތުރު ކުރަނީ ކޮން އުސޫލަކުންތޯވެސް ދިރާސާކުރިއެވެ. (ފަހަރަކު ލަފުޒެއްތޯއާ ނުވަތަ އެއްފަހަރާ ގިނަ ލަފުޒުތަކެއް އިތުރު ކުރަނީތޯވެސް ބެލިއެވެ.)  

 

ބަސް އުފެދޭ ގޮތުގެ ގަސް ހޫލައެއް މޮޑެލް ކުރުން / އުފެއްދުން

މަތީގައި ފާހަގަ ކުރެވިފައިވާ ކަންކަން ދިރާސާ ކުރަން ކްލެއަރ އާ ހަނާ ބޭނުން ކުރީ ކުލަތަކަށް ނިސްބަތްކުރަން އޮސްޓްރޭލިއާގެ ކަޅު ނަސްލުގެ މީހުން (އެބޮރިޖިންސް) ބޭނުންކުރާ ލަފުޒުތަކެވެ. ޔޫރަޕުގެ ނުވަތަ އެހެން ބަސް ބަހުގެ ބަދަލުގައި އަޮސްޓްރޭލިއާ ބަސް ޚިޔާރު ކުރީ އެކި ކަންކަމަށް ރިއާޔަތް ކޮށްފައެވެ. އިންޑޯ - ޔޫރަޕިއަން ބަސް ބަހުގައި ކުލަތައް ކަނޑައަޅަނީ އެހެން ބަސްބަހުގައި އެކަންކުރާ އުސޫލަކުން ނޫނެވެ. އެހެންނަމަވެސް ހުރިހާ ބަހެއްގައިވެސް ކުލަތަކަށް ނިސްބަތް ކުރާން ބޭނުންކުރާ ލަފުޒުތަކުގައި އަދަދުގެ މާ ބޮޑު ފަރަގެއް ނެތެވެ. އިނގިރޭސި ބަހުގައި ނޫކުލައަށް ނިސްބަތް ކުރާ ކުލައަށް ރަޝިއާ ބަހުގައި ދެ ލަފުޒެއް ބޭނުންކުރެއެވެ. އިންޑޯ - ޔޫރަޕިއަން ބަސްސބަހުގައި މިކުލައަށް ނިސްބަތް ކުރުމަށް ވަރަށް ގިނަ ލަފުޒުތައް ބޭނުން ކުރެއެވެ.

އެއާ ޚިލާފަށް އޮސްޓްރޭލިއަން ބަހުގައި މާގިނަ ބާވަތްތައް ހުރެއެވެ. އޮސްޓްރޭލިއާގެ ޑާކިންޖުނގް (Darkinyung) ބަހުގައި ބޭނުންކުރަަނީ މައިގަނޑު ދެ ކުލައެވެ. ކަޅު ކުލައަށް ބޭނުންކުރަނީ 'މިނިންގ' އެވެ. އަދި ހުދު ކުލައަށް ބޭނުންކުރަނީ 'ބަރަގް' އެވެ. އަދި ކޭޓެޓްޔޭ ފަދަ ބަސްބަހުގައި މަދުވެގެން 8 ލަފުޒު ބޭނުން ކުރާއިރު ބިޑްޔާރާ ބަހުގައި ބޭނުން ކުރަނީ ހަ ލަފުޒެވެ. މިތަފާތު ތަކުގެ ސަބަބުން ދިރާސާ އަށް މައުލޫމާތު އެއެްކުރަން ފަސޭހަވިއެވެ. އިނގިރޭސީން  އޮސްޓްރޭލިއާގައި ވަޒަންވެރިވުމުގެ ކުރީން އޮސްޓްރޭލިއާގައި 400 އަށް ވުރެ ގިނަ ބަހުން ވާހަކަ ދައްކާ އުޅުނެވެ. އޭގެ ތެރެއިން ކުލައަށް ނިސްބަތްކުރާން ޕަމާޖުއާންގ އާއިލާގެ 189 ބަސް ބޭނުންކުރި ކަމަށް ދިރާސާއަށް އެއްކުރި މައުލޫމާތުން ދައްކައެވެ. ދިރާސާއަށް މި މައުލޫމާތު ނަގާފައިވަނީ އޮސްޓްރޭލިއާ ބަހުގެ ޑޭޓާ ބޭސް އެއްކަމަށްވާ ޗިރިލާ ޑޭޓާބޭސްއިންނެވެ.

ކްލެއަރ އާ ހަނާގެ ދިރާސާގެ ހޯދުންތަކުން ބްރައުން އާ ކޭގެ ދިރާސާގެ ބައެއް ހޯދުންތަކަށް ބާރުލިބެއެވެ. އެގޮތުން އާ ކުލަ ލަފުޒުތައް އިތުރުވާ ތަރުތީބު އެއްގޮތްކަމަށް ދިރާސާއިންވެސް ހޯދުނެވެ. އެއްކުރެވުނު މައުލޫމާތުން ދައްކާ ގޮތުގައި ކުލަތަކަށް ނަން ކިޔަން އޮސްޓްރޭލިއާ ބަހުގައިވެސް ބޭނުންކުރަނީ ދުނިޔޭގެ އެހެން ބަސްބަހުގައިވެސް ބޭނުން ކުރާ އުސޫލެވެ. ތިން ނަން ބޭނުން ކުރާނަމަ އެއީ ކަޅާއި ހުދު އަދި ރަތެވެ. (ކަޅާއި ހުދު އަދި ދަނބެއް ނޫނެވެ.) ބްރައުން އާ ކޭ ގެ ދިރާސާ އާ ޚިލާފަށް މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި އޮސްޓްރޭލިއާ ބަހުގައި ކުލަ ތަކަށް ނިސްބަތް ކުރަން އާ ލަފުޒު އުފެދޭ އިރު ކުރިން ހުރި ލަފުޒުތައް އުވިގޮސްފައި ހުރި ކަމަށްވެސް ދައްކައެވެ. މިއީ ކުލަ ލަފުޒުތަކަށް އަންނަ ބަދަލުތައް ހޯދަން މީގެ ސާޅީސް އަހަރު ކުރީން ހޯދާފައިވާ ހޯދުންތަކާ ފުށުއަރާ ހޯދުމެކެވެ. އަދި ކުލަ ލަފުޒުތައްވެސް ބަހުގެ އެހެން ދާއިރާތަކުގެ ލަފުޒުތައް ބަދަލުވާ އުސޫލުން ބަދަލުވާ ކަމުގައިވެސް މިދިރާސާގެ ހޯދުންތަކުންް ދައްކައެވެ.

ކްލެއަރ އާ ހަނާގެ ދިރާސާގައި ކުލަ ލަފުޒުތަކުގެ އަސްލު ހޯދުމަށްވެސް މަސައްކަތް ކުރިއެވެ. އެގޮތުން ހޯދުނު ހޯދުންތަކުން ދައްކާގޮތުގައި ބައެއް ލަފުޒު ތަކަކީ ބޯދާ ޒަމާނުގައި ބޭނުންކުރި ލަފުޒުތަކެވެ. ބައެއް ލަފުޒުތަކަކީ ތިމާވެއްޓާ ގުޅުން ހުރި ލަފުޒުތަކެވެ. އެހެންކަމުން އޮސްޓްރޭލިއާގައިވެސް ކުލަ ލަފުޒުތައް ކަނޑައެޅުމުގައި ގެންގުޅެނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގެންގުޅޭ އުސޫލު ކަމުގައި މިދިރާސާއިން ދައްކައެވެ. އިންސާނާގެ ވަށައިގެންވާ ވެށްޓާ ކުލަތަކާ ދެމެދު ގުޅުމެއްވޭތޯ ހޯދަން އުޅޭ އުޅުމުގެ ތެރޭގައި ކުލައަށް ނިސްބަތްކުރާން ބޭނުންކުރާ ލަފުޒުތަކަށްވެސް ބަދަލު އާދެއެވެ.

މިދިރާސާއިން ދައްކާގޮތުގައި ކުރީން ސައިކޮލިޖީ ގެ އެކި ދާއިރާތަކުގެ އެހީގައި ކުރަމުން އައި ސައިންސުގެ ދިރާސާތައް ބަސް ބަދަލުވާ ގޮތަށް ބަލައިގެން ދިރާސާ ކުރެވިދާނެއެވެ. ނަފްސާނީ އިލްމުވެރިންނާ ސައިކޯލިންގުއިސްޓުން ދެކޭގޮތުގައި އިންސާނުންގެ ވިޝަން ސިސްޓަމުން ކުލަ ސްޕެކްޓްރަމްގައި ހުންނަ ކުލަތަކަށް ނަންކިޔާގޮތަށް އަސަރު ފޯރައެވެ. ކްލެއަރ އާ ހަނާގެ ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި އޭގެ ސަބަބުން ބަސްބަހުގައި ކުރިން ހުރި ލަފުޒުތައް އުވި ބަހުގެ ތެރެއަށް އާ ލަފުޒު އިތުރުވެއެވެ. ބަހަށް އަންނަ ބަދަލުގެ ސަބަބުން ލަފުޒުތައް މަސައްކަތްކުރާ ގޮތް ހޯދުމަށް މަގުފަހިވާ ކަމަށްވެސް މިދިރާސާއިން ދައްކައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.