
އެސްޓީއޯގެ ނަމުގައި އާންމުގެ ފޯން ނަމްބަރުތަކަށް ގުޅައި އެސްޓީއޯގެ އެނިވާސަރީ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބުނަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ ނަމުގައި އެގޮތަށް ގުޅާފައި ވަކި ފޯނު ނަމްބަރު ތަކަކަށް ރީލޯޑުކޮށް ފައިސާ ޖަމާކުރުމަށް އެފަދަ ކޯލްތައް ކުރާމީހުން އެދެމުންދާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. އެހެންނަމަވެސް ކަސްޓަމަރުން ރީލޯޑުކޮށްގެން އިނާމް ލިބޭފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެސްޓީއޯއިން ނުހިންގާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެގޮތަށް އަންނަ ކޯލްތަކަީ އެސްޓީއޯއިން ކުރާ ފޯންތަކެއް ނޫން ކަމަށާއި އެފަދަ ފޯން ކޯލްތަކަށް އާންމުން ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އެކި ތަންތަނުގެ ނަމުގައި އެކިމީސްމީހުންނަށް ގުޅައިގެން މިފަދަ އޮޅުވާލުންތަކުގެ ތެރެއިން ފައިސާ ހޯދަމުންދާ މައްސަލަ ރާއްޖޭގައި މިދަނީ އިތުރުވަމުންނެވެ. މިފަދަ ކަންކަމަށް ޢާއްމުން ސަމާލުވުމަށް ފުލުހުންވެސް ވަނީ އެތައްފަހަރަކު އިލްތިމާސް ކޮށްފައެވެ.