ޕްރޮޖެކްޓުތައް ތަންފީޒު ކުރުމަށް ކައުންސިލް ތަކުގެ ދައުރު ބޮޑުވާނެ: މިނިސްޓަރ މަލީހު

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅުއްވީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވުމަކީ އުންމީދީ ކަމެއް ކަމަށް މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ޚާއްސަކޮށް އަތޮޅުތެރޭގެ ގިނަ މަޝްރޫޢުތަކެއް ހިމެނުމަކީ ތަރައްގީއަށް އެޅޭ ބާރަކަށް ވާނެކަމަށެވެ. އެހެން ކަމުން ޕްރޮޖެކްޓައް ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދައުރުވެސް ބޮޑުވެގެންދާނެ ކަމަށެވެ. އެކަން ދަނެގެން ކައުންސިލް ތަކުގެ ކެޕެސިޓީ އިތުރު ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.

މި ބަޖެޓުގައިވަނީ އަންނަ އަހަރު ރާއްޖޭގެ ރަށްރަށުގައި 950 އަށްވުރެ ގިނަ މަޝްރޫޢު ހިންގަން ނިންމައި އެކަމަށް ބޭނުންވާނެ ފައިސާ ހިމަނައިފައެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަލަށް ފަށާ މަޝްރޫޢުތައް ވެސް ހިމަނާފައިވެއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވަނީ 10.2 ބިލިއަން ރުފިޔާއެވެ. ތަރައްގީގެ މަޝްރޫޢުތަކަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ މާލޭ ސަރަހައްދަށާއި، އައްޑޫ ސިޓީއަށެވެ. އޭގެ އިތުރަށް ގދ. އަތޮޅާއި ހދ. އަތޮޅާއި ތ. އަތޮޅުފަދަ އަތޮޅުތަކަށް ވެސް އެކަށީގެންވާ ބޮޑު ހޭދައެއް ކުރުމަށްވަނީ ބަޖެޓުކޮށްފައިވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.