
ޢިމާރާތް ފަރުމާކުރާ ފަރާތްތަކަށް އެނަރޖީ އެފިޝެންސީ އާ ބެހޭގޮތުން މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން އިންތިޒާމު ކުރި މި ބައްދަލުވުމުގައި އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތެރިވާ 41 ބޭފުޅުން ބައިވެރިވެއެވެ.
މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ދެ މަޝްރޫޢުއުކަމަށްވާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުއާއި އެޗް.ސީ.އެފް.ސީ ފޭސްއައުޓް މެނޭޖްމަންޓް ޕްލޭން މަޝްރޫޢުގެ އެހީގައި ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މި މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲހި މަޖީދު ވިދާޅުވީ މިއަދު މިބޭއްވޭ މަސައްކަތު ބައްދަލުވުމުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ ބޭފުޅުންނަށް އެނަރޖީ އެފިޝެންސީއާ ގުޅޭ މަސައްކަތު ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ރާވާފައިވާކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުއަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.