އިދިކީލި ވިސްނުމާ ދުރުވާނީ ކިހިނެއް؟

ކޮންމެ އިންސާނަކަށްވެސް އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާ ފިކުރު ކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ. އޭނާގެ އަމިއްލަ ނަފުސު ތަރުތީބުވެ ބައްޓަން ވަނީ އޭނާގެ އަމިއލް ނަފުސާ ދޭތެރޭ އޭނާގެ ސިކުނޑީގައި ހިނގާ މަޝްވަރާގެ މަތިންނެވެ. ތިމާއަކީ ހިތްވަރު ގަދަ އަގުހުރި މީހެއް ކަމުގައި ގަބޫލުކުރާނަމަ ތިމާގެ ނަފުސު ބިނާވާނީ އެ ހަގީގަތުގެ މައްޗަށެވެ. ތިރީގައި މިވާ ތަފާތު ހަަރަކާތަކުން ތިމާގެ އާދަތަކާއި ނަފުސު ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް އެހީތެރިވެދޭނެއެވެ. އަދި އިދިކީލި ވިސްނުމާ ދުރުކޮށްދޭނެއެވެ.

 ފުރަތަމަ ހަރަކާތް

މިކަންކަން ކުރުމަށް ވަކި ދުވަހެެއް ކަނޑައަޅާށެވެ. އާދަޔާ ޚިލާފު ކަމެއް ނުކުރާ ދުވަހަކަށް އެދުވަސް ހަދާށެވެ. ނޯޓުފޮތަކާއި ގަލަމެއް އަތުޖެހޭ ހިސާބުގައި ބާއްވާށެވެ. ތިމާއާ ތިމާގެ ނަފުސާ ދޭތެރޭ އެޕޮއިންޓްމަންޓް ތަކެއް ހަދާށެވެ. ކޮންމެ ދެ ގަޑިއިރު ފަހުން ކުރާން އޮންނަ މަސައްކަތެް ހުއްޓާލާށެވެ. ފާއިތުވި ދެ ގަޑިއިރު ތެރޭ ތިމާއާއި ތިމާގެ ނަފުސާ ދޭތެރޭ ހިނގި މުއާމަލާތްތައް ނޯޓު ފޮތުގައި ނޯޓު ކުރާށެވެ. މިއިން ކޮންމެ ސެޝަނަކަށް ނަގާނީ ވަރަށް މަދު މިނިޓު ކޮޅެކެވެ. ތިރީގައި މިވާ ކަންކަމާ ދޭތެރޭ ތިމާ ތިމާގެ ނަފުސަށް ބުނި ވާހަކަތައް ލިޔާށެވެ.

-        ތިމާގެ ސިފަ

-        ފައިތުވި ދެ ގަޑިއިރު ކުރާން އިން މަސައްކަތް

-        ތިމާގެ ގާބިލިއްޔަތު

-        ތިމާގެ ހުނަރާއި ތިމާއަށް ކުރެވޭނެ ކަންކަން

-        ތިމާގެ އަގު

ނޯޓު ކުރުމަށް ދެގަޑިއިރު ވަންދެން މަޑު ނުކުރިއަސް އެންމެ ރަނގަޅެވެ. ތިމާ އާ ތިމާގެ ނަފުސާ ދޭތެރޭ މުއާމަލާތް ހިނގަމުންދާ ވަގުތު ލިޔަން ފަސޭހަ ކަމުގައި ވާނަމަ އެގޮތް ޚިޔާރު ކުރާށެވެ. މީގެ މަގްސަދަކީ ތިމާއާ ތިމާގެ ނަފުސާ ދޭތެރޭ ހިނގާ މުއާމަލާތްތައް ރަނގަޅަށް ދެނެގަތުމެވެ. އެއީ ދުވަހީ ގޮތެއްގައި ކުރާ ކަންކަމަށް ބުރޫ ނާރުވައެވެ.

 ދެވަނަ ހަރަކާތް

މާދަމާ އަކީ އޮފީހުގައި ހުށަހެޅުމެއް ހުށަހަޅަން ޖެހޭ ދުވަހެއް ކަމުގައި ހިތަށް ގެންނާށެވެ. އެކުގައި މަސައްކަތް ކުރާ މުއައްޒަފުންނާއި އޮފީހުގެ އެންމެ އިސްވެރިޔާ އަދި އިތުރު މެހުމާނުން މި ބައްދަލުވުމުގައި ބައިވެރިވާނެއެވެ. ތިބާ އެނދުގައި ނިދަން އޮށޯވެ އޮވެ މާދަމާގެ ހުށަހެޅުމާ ދޭތެރޭ ވިސްނާން އޮތީއެވެ. ތިބާގެ ނަފުސަށް ތިބާ ތިޔަ ބުނަނީ ކީކޭ ހެއްޔެވެ؟

މާދަމާ ދައްކާނެ ވާހަކައަކާ އަދި ކަންތައް ކުރާނެ ގޮތަކާ ދޭތެރޭ ރަނގަޅަށް ވިސްނާލާށެވެ. ވިސްނާއިރު އަމިއްލަ ނަފުސާ ތިމާއާ ދެމެދު މުއާމަލާތެއް ހިނގާނެއެވެ. އެއީ ކޮން މުއާމަލާތެއް ހެއްޔެވެ. ހިނގާނެ މުއާމަލާތް ނޯޓު ފޮތުގައި ލިޔާށެވެ. 

 ތިންވަނަ ހަރަކާތް

ފުރަތަމަ ހަރަކާތާއި ދެވަނަ ހަރަކާތުގައި ލިޔުނު ލިޔުން ކިޔާލާށެވެ. އެ ދެ ހަރަކާތުގައި ލިޔެފައިވާ މުއާމަލާތްތަކުން އެއްވެސް އެއްގޮތް ކަމެއް ފާހަގަ ކުރެވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެއީ ކޮންކޮން ކަންތައް ތަކެއް ހެއްޔެވެ؟ ފާހަގަ ކުރެވުނު އެއްގޮތް ސިފަތައް ލިޔުމުން ބަޔާން ކުރާށެވެ.

ހަތަރުވަނަ ހަރަކާތް

ފުރަތަމަ ހަރަކާތާއި ދެވަނަ ހަރަކާތުގައި ލިޔެފައިވާ ލިޔުންތަކުން ތިމާ އާ ތިމާގެ ނަފުސާ ދޭތެރޭ ހިނގާފައިވާ މުއާމަލާތްތައް ހިނގާފައިވަނީ ކޮން ރާގަކަށް ހެއްޔެވެ؟ މި ލިޔުމުގެ އަލީގައި ތިބާގެ މޫޑު ސިފަ ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އުފާވެރި މުއާމަލާތެއް ހެއްޔެވެ؟ ނުވަތަ ހިތާމަވެރި މުއާމަލާތެއް ހެއްޔެވެ؟ އެއީ ޕޮޒިޓިވް މުއާމަލާތްތަކެއް ހެއްޔެވެ؟ ނުވަތަ އިދިކީލަ ވިސްނުމާ ފިކުރު ހެއްޔެވެ؟ އެ މުއާމަލާތް ތަކުން އަމިއްލަ ނަފުސު ކުށްވެރި ކުރުވާ އިހުސާސެއް ވޭ ހެއްޔެވެ؟ ނުވަތަ އެއީ ބިނާކުރަނިވި ވިސްނުމާ ފިކުރު ހެއްޔެެވެ؟ ނުވަތަ އެއްވެސް އަސާސެއް ނެތްް ބޭކާރު މުއާމަލާތްތަކެއް ހެއްޔެވެ؟ އެ މުއާމަލާތްތަކުން ހަރުކަށިކަން އިހުސާސް ކުރެވޭ ހެއްޔެވެ؟ ނުވަތަ ފާޑު ކިޔުން ސިފަވޭ ހެއްޔެވެ؟ އެ މުއާމަލާތް ތައް އަޅާ ކިޔާލުމުން ތިމާގެ އަމިއްލަ ނަފުސުގައި ފާހަގަ ކުރެވޭ ރަނގަޅު ސިފަތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ދެ ލިޔުމުގައި ހުރި ރަނގަޅު ސިފަތައް ނުވަތަ އިދިކީލި ވިސްނުން ފާހަގަކޮށް ބޮޅު އަޅާށެވެ.

 ފަސްވަނަ ހަރަކާތް

ފުރަތަމަ ލިޔުމާ ދެވަނަ ލިޔުން އަދި އެއް ފަހަރު ކިޔާލާށެވެ. ތިބާގެ ވިސްނުމާ ފިކުރު ގެންގުޅޭ ގޮތާ ދޭތެރޭ ލިޔުމުން ދޭހަވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ތިބާ އާ ތިބާގެ ނަފުސާ ދޭތެރޭ ހިނގާ މުއާމަލާތަށް ނުފޫޒު ފޯރުވަނީ ތިބާގެ މާހައުލު ހެއްޔެވެ؟ ނުވަތަ މި މުއާމަލާތް ތައް ހިނގަނީ ލިބޭ ފުރުސަތު ތަކުގެ މައްޗަށް ހެއްޔެވެ؟ މި ސުވާލަށް ތިބާ ދޭނެ ޖަވާބު ލިޔާާށެވެ.

 ހަވަނަ ހަރަކާތް

ލިޔުނު ދެ ލިޔުމަށް ބަލައިގެން މި ސުވާލު ތަކުގެ ޖަވާބު ލިޔާށެވެ.

ތިބާ އަކީ ތިބާގެ ނަފުސަށް ކޮންކަހަލަ ރައްޓެއްސެއް ހެއްޔެވެ؟

ތިބާ އަކީ ފުރަތަމަ ހަރަކާތާއި ދެ ވަނަ ހަރަކާތުގައި ލިޔެފައިވާ ވާހަކަ ތިބާގެ އަމިއްލަ ނަފުސަށް ބުނާ މީހެއްނަމަ ތިބާ އަކީ ކޮންކަހަލަ ރައްޓެއްސެއް ހެއްޔެވެ؟

ތިބާ އަކީ ކޮންމެ ދުވަހަކުވެސް މުޅި ދުވަހު ތިބާގެ އަމިއްލަ ނަފުސާ ވާހަކަ ދައްކާ މީހާއެވެ. ތިބާއާ ދުނިޔެއާ ދޭތެރޭ، ނުވަތަ ތިބާގެ ވަށައިގެން  ތިއުފެއްދެނީ ކޮންކަހަލަ ވެށްޓެއް ހެއްޔެވެ؟

އެއީ ތަޣައްޔަރުވެފައިވާ ވެށްޓެއް ހެއްެޔެވެ؟

ނުވަތަ ތިބާގެ ލިޔުމުގައި މެސެޖުތަކުން ސިފަވަނީ ބިނާ ކުރަނިވި ވިސްނުމާ އުފެއްދުންތެރި ފިކުރު ހެއްޔެވެ؟

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.