އިތުބާރު - 13

(1 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދައްތަ އެ ގޭގެ ދޮރުގެ ތަޅު ހުޅުވައިލިއެވެ. ގޭތެރެއަށް ވަދެވުނީމާ އޭނާއަށް އަމިއްލަވަންތަކަން އިހުސާސް ކުރެވުނެވެ.

"މިއީ މަންމަ އުޅުނު ގެއެވެ. މި ހުރިހައި ތަކެއްޗެއް ދޫކޮށްލާފައި ކުޑަކުޑަ ޖިފުޓިއެއް ޚިޔާރު ކުޅައީ ކީއްވެގެން ހެއްޔެވެ؟ މި އުފަލާއި އަރާމުގެ މަތީން މަންމަ ފަހަރެއްގައިވެސް ހަނދާން ނުކުރަނީ ބާވައެވެ؟" ފާރުގައި އެލުވައިފައި ހުރި ކުރެހުންތަކަށް ބަލަހައްޓައިގެން ހުރި އިރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ދައްތަ ކޮޓަރިއެއް ހުޅުވައިލިއެވެ.

"މިއީ ކަނބުލޮގެ މަންމަގެ ކޮޓަރި."

އޭނާ ބާރަށް ހިނގާފައި ކޮޓަރިއާ ދިމާއަށް އައީ އާދަޔާ ޚިލާފު އުފާވެރިކަމަކާ އެކީގައެވެ. ކޮޓަރި ތެރެއަކު އަލިކަމެއް ނެތެވެ. ދައްތަ އެތެރެއަށް ވަދެ ދޮރު ފޮތިތައް ކަހައިލިއެވެ. ކޮޓަރިތެރެއަށް އަލި ވަދެ، ރޯޝަން ވެއްޖެއެވެ. އޭނާ ހަތަރު ފަރާތަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ އެއް ފަރާތު ކަނުގައި ހުރި ކިޔަވާމޭޒެވެ. އެ މޭޒު ދޮށުގައި ފޮތް ހަރެއް ހުއްޓެވެ. ހަރު  ފުރޭންދެން ހުރީ އެކި ކަހަލަ ފޮތެވެ. އޭނާ ފޮތްހަރު ކައިރިއަށް ގޮސް ފޮތްތަކާ ދިމާއަށް ބަލަން ހުރެފައި އެނބުރި ދައްތަޔާ ދިމާއަށް ބަލައިލިއެވެ.

"މަންމަ ކިޔެވީ ކިހައި ވަރަކަށްތޯ؟"

"އޭނާ ދިޔައީ ޔުނިވަރުސިޓީގައި ކިޔަވަމުން. އިނގިރޭސި ބަހުން އެމްއޭ އަށް ކިޔަވަމުން ގޮސް... ގޮސް... ހުއްޓައިލީ." ދައްތަގެ މޫނުމަތީން ހިތާމައިގެ އަސަރު ފެންނާން ފަށައިފިއެވެ.

މަންމަ ފަރަންސޭސި ބަހުން ވާހަކަދައްކާ އަޑު އޭނާ ވަނީ އެތައް ފަހަރަކު އަހައިފައެވެ. އެކަމަކު އޭރު ހީކުރީ މަންމަ އެ ބަސް ދަސްކުރީ ކޮންމެވެސް ތިމާގެ މީހެއް ގާތުން ކަމުގައެވެ. މަންމަ ހުރީ ކިޔަވައިގެންކަން އޭނާއަށް އަންދާޒާ ކުރެވުނެވެ. އެކަމަކު މަންމަގެ ސާދާ ދިރިއުޅުމާއި ފަގީރު ހާލަތަށް ބަލާފައި ޔުނިވަރުސިޓީގައި ކިޔެވި ކަމަަކަށް އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ.

ފޮތްހަރުގައި އެކި މައުޟޫއުގެ ފޮތް ހުއްޓެވެ. އިނގިރޭސި އަދަބާއި އުރުދޫ އަދަބާއި ފަރަންސޭސި އަދަބުގެ ފޮތްތައް ވަރަށް ގިނައެވެ. އެކި ކަހަލަަ ވާހަކަތައްވެސް ވަރަށް ގިނައިން ހުއްޓެވެ.

"މަންމަ ޔުނިވަރުސިޓީ ކިޔެވުން ހުއްޓައިލީ ކީއްވެގެންތޯ؟" މި ސުވާލުގެ ޖަވާބު އޭނާއަށް އޭނާގެ އަމިއްލަ ވިސްނުމުން ލިބިއްޖެއެވެ.

"ޔުނިވަރުސިޓީން އަހަރެންގެ ބައްޕަޔާ ދިމާވެގެން ބައްޕައަށްޓަކައި ކިޔެވުން ދޫކޮށްލީއެވެ." އޭނާގެ ހިތަށް އެރިއެވެ.

އޭނާ ކިޔަވާމޭޒު ދޮށުގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. މޭޒުމަތީގައި ކުދި ލައް ޖަހާފައި ހުއްޓެވެ. ބައު ވުމުގެ ސަބަބުން ޖަހާފައި ހުރި ލައްތަކެވެ. އޭނާ އަތުން އެ ލައްތައް ފޮހެވޭތޯ މަސައްަތް ކުރިއެވެ. ދެން އޭނާ މޭޒުގެ ވަތްގަނޑުތައް ހުޅުވާން ފަށައިފިއެވެ. ވަތްގަނޑުތައް ހުރީ ތަޅުލާފައެއް ނޫނެވެ. ފުރެންދެން ހުރީ ސިޓީއާއި އެކި ކަހަލަ ނޯޓާއި ކާޑެވެ.

"ދައްތާ. ދައްތަ ގެއަށް ދުރުވިޔަސް އެންމެ ރަނގަޅު. އަޅުގަނޑު މިތާނގައި އިރުކޮޅަކު މަޑުކޮށްލާނަން." އޭނާ ބުނެލިއެވެ.

ދައްތަ ކުޑަކޮށް ޖެހިލުންވިއެވެ. "މިތާނގައި އެކަނި ހުންނާކަށް ބިރެއް ނުގަނޭތަ؟"

"ކޮން ބިރެއްތޯ؟" އޭނާ ހައިރާން ވެފައި އަހައިލިއެވެ.

ދައްތައަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެންމެ ފަހުން ބުންޏެވެ. "އާނ. މިހާރު ބިރު ގަންނާންވީ ކާކު ދެކެ؟"

ދައްތަ ވާހަކަ ދައްކަމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ދައްތަ ދެއްކި ވާހަކައެއް ފަހުމު ނުވާ ކަހަލަ ގޮތަކަށް ސާރާ ބަލަހައްޓައިގެން އިނެވެ.

އަނެއްކާވެސް އޭނާ ސިޓީއާއި ނޯޓުތަކާއި ކާޑުތަކަށް ސަމާލުކަން ދިނެވެ. ގިނަ ސިޓީއާއި ކާޑު ލިޔެފައި ހުރީ ފަރަންސޭސި ބަހުންނެވެ. އެ ސިޓީތަކާއި ކާޑުތައް ފޮނުވައިފައި ހުރި މީހާގެ ނަން ފެނުނީމާ އޭނާ ކުޑަ އިރުކޮޅަކަށް ހުއްޓުން އެރިއެވެ. ނަމަކަށް ޖަހައިފައި އޮތީ ޢާރިފީން ޢައްބާސް އެވެ.

މަންމަ ފަރަންސޭސި ބަސް ދަސްކުރީ ކާކަށްޓަކައި ކޮން ބޭނުމަކު ބާވައެވެ؟ މި ސުވާލުގެ ޖަވާބު އޭނާއަށް ލިބުނީ ޢާރިފީން ޢާއްބާހާ ބައްދަލުވީމައެވެ. އެކަމަކު އެ ދެމީހުންގެ ދެމެދުގައި ސިޓީބިޓީގެ މުޢާމަލާާތްތަކެއް ހިނގާފައި އޮވެދާނޭ ކަމަކަށް ކުރިއަކުން އޭނާ ހިއެއް ނުކުރެއެވެ. އޭނާ އެ ތަނުން ސިޓީއެއް ނަގައިގެން ކިޔާން ފަށައިފިއެވެ. ބައެއް ސިޓީތަކުން ހުރީ އަކުރު ފިލާން ފަށައިފައެވެ. އެކަމަކު ކިޔާން އެނގެއެވެ. އޭނާ ފަހަރަކު ސިޓީއެއް ކިޔަމުން ދިޔައެވެ. އެއް ސިޓީގައި އޮތް ވާހަކައެއް ކިޔައިފައި އޭނާ ގަނޑުވީ ކަހަލައެވެ.

"ޞަބާ ސިޓީގައި ލިޔެފައި އޮތް ވާހަކަ ވަރަށް ރަނގަޅެވެ. ކާވެނީގެ ކަންތައް ބޮޑު ކާނިވަލަކަށް ހަދާކަށް އަހަރެންވެސް ބޭނުމެއް ނޫނެވެ. ކާވެނި ކަހަލަ ޒާތީ ކަމެއް މާ ބޮޑު ކަންތައްގަނޑަކަށް އަހަރެމެން ހަދަނީ ކީއްވެގެން ކަމެއްވެސް އަހަންނަކަށް ނުވިސްނެއެވެ. ޞަބާ ފިކުރު ބޮޑު ނުކުރާށެވެ. ޞަބާ އަހަރެމެންގެ ގެއަށް ގެންނާން ބާއްވާ ރަސްމިއްޔާތުގައި މާ ބޮޑުވަރު އަރުވައި ނުލާން އަހަރެން ބާރު އަޅާނަމެވެ. ޑިސެމްބަރު މަހު އަހަރެން ދިޔައީމާ ހުރިހައި ކަމެއް އޮމާންކޮށް ގެންދެވޭނެއެވެ. ތިޔަ ގޭ މީހުންނާވެސް ވާހަކަ ދައްކާށެވެ."

އޭނާ ދެ އަތުން ބޮލުގައި ހިފަހައްޓައިލިއެވެ. "ޔާރައްބީ! މިއީ ކޮންފަދަ ކަމެއް؟"

"ޢާރިފީންބޭބެއާއި މަންމައާ ކާވެނި ކުރީ ހެއްޔެވެ؟ އެހެން ވެއްޖެއްޔާ އެ ދެމެދަށް އަހަރެންގެ ބައްޕަ ވަނީ ކިހިނެއް ހެއްޔެވެ؟" އޭނާ އެ ސިޓީގެ ތާރީޚު އެނގޭތޯ ބަލައިލިއެވެ. ސިޓީ ލިޔެފައި އޮތީ އޭނާ އުފަން ވުމުގެ ދޮޅު އަހަރު ކުރިންނެވެ.

"ޢާރިފީންބޭބެއާ އިނުމަށް ފަހު މަންމަ މަކަރު ހެދީ ހެއްޔެވެ؟ ބޭވަފާތެރިވީ ހެއްޔެވެ؟"

އެ ސުވާލުގެ ޖަވާބު އޭނާގެ ވިސްނުމަކަށް ނައެވެ. އެޔާއެކު އެތާނގައި ހުންނާން އޭނާއަށް އުނދަގޫ ވެއްޖެއެވެ. އެހެންވީމާ ސިޓީތައް ދަބަހަށް ލައިފިއެވެ. ކާޑުތައް ދަބަހަށް ލާން އުޅުމުގެ ތެރޭގައި އެތަނުން އެއް ކާޑަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. މިހާރަކު ޝައްކަކަށް ޖާގައެއް ނެތެވެ. އެ ކާޑަކީ ދެމީހުންގެ ކާވެނީގެ ތަހުނިޔާ ކިޔަން ޢާރިފީން ޢައްބާސް އޭނާގެ މަންމައަށް ފޮނުވި ކާޑެކެވެ. އޭނާ ކާޑުތައްވެސް ދަބަހަށް ލައިފިއެވެ. މަންމަގެ މައްޗަށް އޭނާގެ ހިތުގައި އޮތް ނުރުހުން ދިޔައީ ބޮޑު ވަމުންނެވެ. ބައެއް ކާޑު ވަތްގަނޑަށް ލުމަށް ފަހު ތެދުވެއްޖެއެވެ. އަދި އަވަސްއަވަހަށް ހިނގާފައި ގޮސް ގެއިން ނުކުމެއްޖެއެވެ. ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ދައްތަގެ ގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

ހަވީރު ވާންދެން އޭނާ އިނީ ދައްތަޔާ ވާާހަކަ ދައްކާށެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އުފެދިފައިވާ ހާސްކަމަކަށް ބަދަލެއް ނާދެއެވެ. ފަހެއް ޖެހިތަނާ ޙައިދަރު އަތުވެއްޖެއެވެ. އޭނާގެ މޫޑު ހުރީއަކީ މާކަ ރަނގަޅަކަށް ނޫނެވެ.

"ބައްޕަ އެބަ ހުންނެވި ރުޅި ދުރުވެފައި. ބުނުއްވީ ހަމަ މިހާރު ސާރާ ގޮވައިގެން ގެއަށް އަންނާށޭ." އޭނާ ދައްތަޔާ މުޚާތަބްކޮށް ބުނެލިއެވެ.

"އެކަމަކު އޭނާ އެހެރީ މިރޭ ގޭގައި އޮންނަ ގޮތަކަށްނު؟"

"ދައްތަ ތިޔަ ދައްކަވަނީ ރޭގަނޑުގެ ވާހަކަ. ބައްޕަ ބުނުއްވި ގޮތަށް މެންދުރު ކާ ގަޑިއަށް ގެއަށް ނުގެންދިޔައީތީ އަޅުގަނޑު މިހިރީ އަނދައި ހުލިވެފައި."

"މިރޭ މި ގޭގައި އޮންނަ ގޮތަށް ހަމަ ޖެއްސީ ސާރާ އަމިއްލައަށޭ ނުބުނަންތަ؟"

"ދައްތާ. ދައްތައަށް އެނގިލައްވާނެ ބައްޕަގެ ރުޅިގަނޑު އޮންނަ ގޮތް. ރުޅި ދުރުވެއްޖެއްޔާ މީހަކު ދައްކާ ވާހަކައެއް އަޑެއް ނާއްސަވާނެ. އަޅުގަނޑާ ދިމާއަށް ވަރަށް އެއްޗެހި ކިޔުއްވި. އަޅުގަނޑު ގާތު އެއްސެވީ ކާކުގެ ހުއްދައެއް ލިބިގެންހޭ ކަލޭ ސާރާ އެގޭގައި ރޭގަނޑު އޮންނަ ގޮތަށް ހަމަޖެއްސީ، ކަލެއަށް އެ ހައްގު ދީނީ ކާކު ހެއްޔޭ. އަޅުގަނޑު ނަންގަތިން މި އިންނެވި މުހުތަރަމާ އަމިއްލައަށޭ ރޭގަނޑު މިގޭގައި އޮންނަ ގޮތަށް ނިންމީ... މިސް ސާރާ. އަވަހަށް ގެއަށް ހިންގަވާ!" ޙައިދަރު ސާރާއާ ދިމާއަށް ބަލައިލިއެވެ.

ސާރާ ވަރަށް ލަދު ގަތެވެ. އެކަމަކު އަނގައިން ނުބުނެ ތެދުވެއްޖެއެވެ.

"ސާރާ. ދޭތެރެ ދޭތެރެއިން މިގެއަށް އަންނާތި. މިހާރު ގެ އެނގެއެއްނު؟" ދައްތަ އޭނާގެ ގައިގައި ބައްދައިލައިފައި ބުންޏެވެ.

އޭނާ އެނބުރި ގެއަށް އައީ ނިވިފައިވާ ހިތަކާއިގެންނެވެ. ޙައިދަރުގެ މޫޑުވެސް ހުރީ ރަނގަޅު ނުވެއެވެ. ގެއަށް އައި ގޮތަށް ދިޔައީ ކޮޓަރިއަށެވެ. ރޭގަނޑު ކާކަށްވެސް ތިރިއަކަށް ނުފައިބައެވެ.

ޢާރިފީން ޢައްބާސް އޭނާޔާ ދިމާއަކަށް އެކައްޗެކޭވެސް ނުބުނެއެވެ. އެކަމަކު ހުރި ގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ނުރުހިފައިކަން ސާރާއަށް އެނގުނެވެ. ކާމޭޒުމަތީގައިވެސް އަނގަޔަކުން ނުބުނެއެވެ.

ސާރާވެސް ވާހަކައެއް ނުދައްކައެވެ. ކައި ނިމުމާއެކު ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުގައި އޮށޯވެ މަންމަގެ ގެއިން ގެނައި ސިޓީތައް ކިޔާން ފަށައިފިއެވެ.

* * *

ކީރިތި ޤުރްއާނުގައި އަތްލައިގެން ހުރެ ބޮޑުދައިތަ ދޮގު ނުހަދާނެކަން ޞަބާއަށް ޔަގީނެވެ. ބޮޑުދައިތައަކީ ނުލާހިކު އަޅުވެރި މީހެކެވެ.

ޢާރިފީން އައީ އޭނާގެ މަންމައާއި ބައްޕަ ގޮވައިގެންނެވެ. އޭގެ އިތުރަށް ދެ ބޮޑުބޭބެއިންވެސް އަތުވެއްޖެއެވެ. ޞަބާގެ ކޮޓަރިއަކަށް މީގެ ކުރީން ދުވަހަކުވެސް އެހައި ގިނަ މީހުން ޖަމައެއް ނުވެއެވެ. އޭނާ ތެދުވެގެން ވުޟޫ ކުރަން ހިނގައްޖެއެވެ. ވުޟޫ ކުރަމުން ދިޔައިރުވެސް ކަރުނަ ފައިބަމުން ދިޔައެވެ. ވުޟޫކޮށް ނިމިގެން މޫނާއި ދެލޯ ހިކެންދެން ފޮހެލައިގެން އަތުވެއްޖެއެވެ. ކޮޓަރި ތެރެއަށް ވެރިފައި އޮތީ މަރުގެ ހިމޭންކަމެވެ. އޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް ޢާރިފީންގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ.

"ޤުރްއާނުގައި އަތްލައިގެން ހުރެ ހުވާ ކުރަން މަންމަ ދެކޮޅު ހެދީމާ ޢާރިފީންއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟" ޢަރިފީންގެ މޫނަށް ބަލައިލެވުނީމާ އޭނާގެ ހިތަށް އެރިއެވެ.

ދެން އޭނާ ބަލައިލީ ބޮޑުދައިތަގެ މޫނަށެވެ. ބޮޑުދައިތަގެ މޫނަކުން އާދަޔާ ޚިލާފު އަސަރެއް ފާހަގައެއް ނުކުރެވެއެވެ. އިސް ދަށަށް ޖަހައިލައިގެން އިށީނދެގެން އިނީއެވެ.

ޚަތިމެއް ގެންނާށޭ ޢާރިފީން އަޤްޞާ ގާތު ބުނެފިއެވެ.

ޞަބާ އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ. މަންމަ އިނީ ލޯ މަރައިލައިގެން ތުން ތަޅުވާލަތަޅުވާލައެވެ. ލޮލުން ކަރުނަ ފައިބައެވެ.

އަޤްޞާ ޚަތިމެއް ހިފައިގެން އަތުވެއްޖެއެވެ. ޢަރިފީން ޚަތިމު އަތުލައިގެން ގޮސް އޭނާގެ މަންމަގެ ގާތަށް ހުއްޓިއްޖެއެވެ.

(ނުނިމޭ)

9 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.