ދިވެހި ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީއަށް އަރުވައިފި

ފޮޓޯ: (@RoyalFamily)

ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅައިފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީ ކްއީން އެލިޒަބަތަށް އަރުވައިފިއެވެ. މިރަސްމިއްޔާތު އޮތީ ދިވެހި ރާއްޖޭގެ ޤައުމީ ދުވަހު އިނގިރޭސި ވިލާތުގެ ޝާހީގަނޑުވަރު، ބަކިންހަމްޕެލަސްގައެވެ.

އިނގިރޭސިވިލާތުގެ ޝާހީޓްވީޓްގައި ވަނީ ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑަޅައިފައިވާ ސަފީރު ފަރަހަނާޒް ފައިސަލާއި އެކަމަނާގެ ފިރިކަލުން ރާނީއާ ބަދަލުކުރެއްވިކަމަށެވެ. މިބައްދަލުވުމުގައި ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީއަށް އަރުވައިފައިވާކަމަށެވެ. ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސީ ރާނީއަށް އެރުވުމުގެ ޝަރަފް ލިބިގެންނެވި ވާހަކަ ޑރ. ފަރަހަނާޒްވެސް ވަނީ ޓްވީޓްކުރައްވައިފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ޑރ. ފަރަހަނާޒު ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ސަފީރުކަންކުރައްވައިފައެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީއަށް އެރުވުމުގެ ރަސްމިއްޔާތަށްފަހު ދެޤައުމުގެ އިސް ބެފުޅުން ދަނީ އެކަމަނާ އަށް މަރުޙަބާ ދަންނަވަމުންނެވެ. އަދި އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ ބަދަހިވެގެން ދާނެކަމަށް ދެކެވަޑައިގަނަވަމުންދާކަމަށް ވިދާޅުވަމުންނެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު ހަރ އެކްސެލެންސީ ކެރޮން ރޮއުޒްލަރގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އަށް އެރުވުމުގެ ރަސްމިއްޔާތު ވެސް މިއަދު ރާއްޖޭގައި އޮންނާނެއެވެ. ސަފީރުކަމުގެ ފަތްކޮޅު މިއަދު އެރުވި ނަމަވެސް އިނގިރޭސި އެމްބަސީ ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ. އެމްބަސީ ހުޅުވެންދެން ވަގުތީ އޮފީސް ހުންނާނީ ކުރީގެ އެސް.ބީ.އައި ހުރި ޒޮނޭރިއާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.