މާލޭ ސިޓީކައުންސިލަށް ކުރި ކަރަޕްޝަންގެ ތުހުމަތު މޭޔަރ ޝިފާ މުޙައްމަދު، ދޮގުކޮށް އެވާހަކަ ކުށްވެރި ކުރައްވައިފިއެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މޭޔަރ ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މި ތުހުމަތު ތަކަކީ ރަށުން ބޭރަށް ދިޔަ ވަގުތު ބަލާފައި ނުކުމެ ކައުންސިލްގެ އަގުވައްޓާލުމަށް ބަޔަކު ފަހަތުގައި ތިބެގެން ކުރާ ޢަމަލެއް ކަމަށް ވިދާޅުވެފައެވެ. ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް 3 ކައުންސެލަރަކު ފެށުނީއްސުރެ މަސައްކަތްކުރާކަމަށް މޭޔަރ ވަނީ ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އެއީ ކޮން ކައުންސެލަރުނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.
Rashun beyrah dhiya vaguthu balaafa nukume councilge aguvahtaalumah bayaku fahathugaa thibegen kuraa thiya amalkuhverikuran @MaleCitymv.
— Shifa Mohammed? (@SifaMohammed) October 29, 2019
މާލޭ ސިޓީ ކައުންސިލުން ސިނަމާލެ ބްރިޖް ކައިރީ ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް ބަދަލު ގެންނަމުންދާކަމަށް ބައެއް ކައުންސެލަރުން ރޭ ވަނީ ވިދާޅުވެފައެވެ. އެޕާކްގައި ހަދާ ފާޚާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށް ވެސް މިކަން މީޑިއާގެ ސަމާލުކަމަށް ގެނައި ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ފަޒީން ވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީކައުންސިލަކީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.
ސިޓީކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވާ ލިޔެކިޔުންތައް ބަދަލުކުރާ ވާހަކައާއި ވައްކަމުގެ އިލްޒާމްތައް އަޅުވަމުންދާތީ މޭޔަރ ޝިފާ ވަނީ ތަކުރާރުކޮށް އެކަން ކުށްވެރި ކުރައްވައިފައެވެ.
"ބިޑްކޮމެޓީއާ ޙަވާލުކުރިކަމެއް އަދި އެވޯރޑްކުރިކަމެއް އެނގިފަކާވެސް ނެތް، ދެން ކޮން ކަރަޕްޝަނެއްތޯ؟ ހަވާލުކުރާނީ ވެސް ކޮމެޓީގެ ފަރާތުން ނުންތޯ؟ " ކޮރްޕްޝަނަށްކޮށްފައިވާ ތުޙުމަތުތަކަށް ސުވާލު އުފައްދަވާ މޭޔަރ ކުރެއްވި ޓުވީޓްގައި ވެއެވެ.
މޭޔަރ ޝިފާ މިވަގުތު ހުންނެވީ މިމަހު 28 ން 31 ށް ކުރިއަށް ގެންދާ، ބާރަވަނަ ޝަރަޙައްދީ އިންޓަރގަވަރމަންޓަލް އެންވަޔަރަމެންޓަލީ ސަސްޓެއިނަބަލް ޓްރާންސްޕޯރޓް ފޯރަމްގައި ބައިވެރިވަޑައިގެންނެވުމަށް ރާއްޖެއިން ބޭރުގައެވެ.