ދިހަ ހާސް ރުފިޔާ ހުރި ވޮލެޓެއް ހޮވައި ވެރިފަރާތާ ހަވާލު ކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފައިވާ ފައިސާތަކެއް

ދިހަ ހާސް ދިވެހި ރުފިޔާ ހުރި ވޮލެޓެއް ފުލުހުން ހޮވައި، އޭގެ ވެރިފަރާތާ މިއަދު ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ވޮލެޓު ފެނުނީ މިއަދު ހެނދުނު 7:15 ހާއިރު ނޯތު ހާބަރު ސަރަހައްދުން ކަމަށެވެ. ވޮލެޓު ފެނުމާއެކު، މާފަންނު ޕޮލިހަށް އެ ވޮލެޓު ގެނެސް، ވޮލެޓުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ފުލުހުން ބުނީ ވެރިފަރާތް ހޯދުމަށް ކުރި މަސައްކަތުން، ވެރިފަރާތް ދެނެގަނެވި ވޮލެޓު ހަވާލު ކޮށްފައި ވަނީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ.

ނޯތު ހާބަރުން ފެނުނު ވޮލެޓުގައި 10 ހާސް ރުފިޔާގެ އިތުރުން ވޯކްވިސާ 2 ކާޑާއި، ޑްރައިވިންގ ލައިސަންސްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކޭޝް ކާޑަކާއި، ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް ކާޑެއްވެސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ވަނީ މާލެތެރެއިން ފެނުނު 32 އަހަރުގެ ފިރިހެނެއްގެ  އަމަލުހުރި ގޮތުން ޝައްކުވެގެން އޭނާ ހުއްޓުވައި އޭނާ ވަގަށް ނަގާފައިވާ 2 ފޯނުވެސް އަތުލާފައެވެ. ނަމަވެސް އެ 2 ފޯނުގެ ވެރިފަރާތް އަދި ހޯދުނު ކަމެއް ސާފެއް ނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.