ކޮޅިގަނޑެއްގެ އަސަރު، ކުރިޔަށް އޮތީ ވިއްސާރަ ދެދުވަސް

ރާއްޖެއަށް މިހާރު ކުރަންފެށި ވިއްސާރައަކީ އަވައްޓެރި ސްރީލަންކާ އާއި ރާއްޖެއާ ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ކަމަށާއި، އެހެންވެ ކުރިޔަށް އޮތް ދެދުވަހަކީ ވިއްސާރަ ދެދުވަހަށް ވާނެކަމަށް މޫސުމާބެހޭ މައި އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ ކުރިޔަށް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑުގެ ބާރު މިހާރަށްވުރެ ވަރުގަދަ ވާނެކަމަށްވެސް މެޓުން ބުނެއެވެ. ކޮޅިގަނޑު މިހާރު މިސްރާބު ހުރީ ރާއްޖެއާ ކައިރިން، އަރަބި ކަނޑާ ދިމާލަށް ކަމަށްވެސް މެޓުން ބުނެއެވެ. ކޮޅިގަނޑުގެ ސަބަބުން ކުރިޔަށް އޮތް 48 ގަޑިއިރު، ވިއްސާރައާއެކު ގުގުރާނެއެވެ.

މެޓުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ވައި ވެސް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ކަނޑު ދަތުރުކުރާއިރުވެސް މޫސުމަށް ސަމާލުވުމަށް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ. މެޓުން ވަނީ މިއަދު ބަޔެއް ހިސާބު ތަކަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.