
އޮޑިޓަރ ޖެނެރަލް އޮފީހަށް 2020 ވަނަ އަހަރަށް ކަނޑައެޅި 64 މިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކުރައްވައިފިއެވެ. މިބިލް މަޖިލީހުން ފާސްކުރެއްވީ 82 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
މާލިއްޔަތު ކޮމެޓީގެ އެރިޕޯރޓްގައި ވާގޮތުން 2020 ވަނަ އަހަރަށް އޮޑިޓަރ ޖެނެރަލް އޮފީހަށް ކަނޑައެޅި ބަޖެޓްގެ ޖުމުލަ ޢަދަދަކީ 64,906,969 ރުފިޔާއެވެ. މިޢަދަދަކި އޮޑިޓް އޮފީހުން ފޮނުވި ބެޖެޓަށްވުރެ އިތުރު ޢަދަދެކެވެ. އޮޑިޓް އޮފީހުން ފޮނުއްވި ބަޖެޓްގައި ވަނީ އަންނަ އަހަރަށް 60,928,650 ރުފިޔާގެ ބެޖެޓެކެވެ. އޮޑިޓް އޮފީހުން ކަނޑައޅައިފައިވާ ބަޖެޓްގައި އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް 43,983,818.40 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އޭގެތެރެއިން ހަމަ އެކަނި އިތުރު ގަޑީގެ ގޮތުގައި 1.2 މިލިއަން ރުފިޔާ އޮޑިޓް އޮފީހުގެ 2020 ގެ ބަޖެޓްގައި ވަނީ ކަނޑައަޅުއްވައިފައެވެ. އޮޑިޓް އޮފީހުގެ 2020 ގެ ބަޖެޓް ދިރާސާކޮށް މާލިއްޔަތު ކޮމެޓީން މަޖިލީހަށް ހުށަހެޅި ރިޕޯރޓްގައި ބުނެފައިވަނީ މި ޢަދަދު އިތުރުގަޑީގެ ގޮތުގައި އަންނަ އަހަރުގެ ބެޖެޓްގައި ހިމަނުއްވައިފައި ވަނީ މިއަހަރުގެ ފަހު ކުއާޓަރއިން ފެށިގެން މުވައްޒަފުންނަށް އިތުރުގަޑީގެ އިނާޔަތް ދިނުމަށް ކަނޑައޅައިފައި ވާތީކަމަށެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން 2020 ށް ކަނޑައެޅި ބަޖެޓްގައި އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ކަނޑަޅައިފައި ވަނީ 757,00 ރުފިޔާއެވެ. އޮފީހުގެ އިދާރީ ހިންގުމަށް ކަނޑައަޅައިފައި ވަނީ 67,995,436.36 ރުފިޔާއެވެ.
އޮފީސް ޢިމާރާތަށް އޮޑިޓަރޖެނެރަލް އޮފީހުގެ 2020 ގެ ބަޖެޓްގައި ހުށަހަޅައިފައިވާ 55,750,000 ރުފިޔާގެ ބަޖެޓް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ދިރާސާ ކުރުމަށްފަހު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ބަޖެޓްގައި ހިމެނުމަށް ނިންމާ މަޝްރޫޢުތަކުގެ ތެރޭގައި މި ޕްރޮޖެކްޓް ހިމެނިއްޖެނަމަ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަށް އެޢަދަދު އިތުރު ކޮށްދެއްވުމަށް ވެސް މަޖިލީހުން ވަނީ ނިންމައިފައެވެ.