ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ރިޔާސީ ކޮމިޝަނުން ހޯދަން އިޢުލާން ކޮށްފައިވާ މ. ކުރިރުއްގޭ އިރުފާން ރުޝްދީ އަތުލައިގެންފިއެވެ.
އޭނާ ފުލުހުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ ފަތިހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އިރުފާން ފެނިފައިވަނީ ގދ. ތިނަދޫއިންނެވެ. ފުލުހުންނަށް އޭނާ ފެނިފައިވަނީ 2015 ވަނަ އަހަރު އޭނާ ރާއްޖެއިން ދިޔަގޮތަށް އެނބުރި އައިސްފައި ނުވާކަމަށް އިމިގްރޭޝަނުން ބުނެފައިވަނިކޮށްނެނެވެ.
ފުލުހުން ވިދާޅުވީ އިރުފާން ފެނިފައިވަނީ ރޭ ދަންވަރު ގދ. ތިނަދުއާ 15 މޭލު ބޭރުން ދަތުރުކުރި "ބުލޫވޭވް" ނަމަކަށް ކިޔާ ލޯންޗެއްގެ ޕެޓްރޯލް ހުސްވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފުން ދިނުމުން އެލޯންޗު ރޭ ފަތިހު 4:22 އެހައިކަންހާއިރު ތިނަދުއަށް ގެނެސް ބެލިބެލުމުގެ ތެރެއިން ކަމަށެވެ. "އެލޯންޗުގައި ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭގައި ތިބި 4 މީހުން ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ބެލިބެލުމުން މީގެ ތެރޭގައި އިރުފާން ރުޝްދީ ހުރިކަން ވަނީ އެނގިފައި،" ފުލުހުން ވިދާޅުވެފައިވެއެވެ.
އިރުފާން ރުޝްދީގެ އިތުރަށް ދެންތިބި ތިން މީހުންވެސް މިހާރުވަނީ ފުލުހުންގެ ބަންދަށް ގެނެސްފައެވެ.
މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނަށް އޭނާ ބޭނުންވެގެން ހޯދަމުންދާތާ މިހާރު ވަނީ ތިން އަހަރުވެގެންގޮސްފައެވެ. 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް އޭނާ ދިޔަފަހުން ރާއްޖެއަށް އައިސްފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވިޔަސް 2016 ގައި ހިނގި މާރާމާރީއެއްގައި އޭނާ ހުއްޓާ ސީސީޓީވީ ފޫޓޭޖަކުން ފެނިފައިވާކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ކޮމިޝަނުން 27 މައްސައެއް ބަލަމުންދާކަމަށް އެކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަ ތަކުގެ ތެރޭގައި ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.