މިހައިތަނަށް މަރު ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަޙްމަދު ރިޟްވާން މަރާލާފައިވާ ކަން އެނގޭ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
މަރު ތަހުގީގުކުރާ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިމންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހުސްނުއްސުޢޫދު ވިދާޅުވި ގޮތުގައި ރިޟްވާން މަރާލީ ޑިންގީއަކަށް އަރުވައިގެން ގެންގޮސް އެހެން އުޅަނަދަކަށް އަރުވައިގެން ކަނޑުމަތީގައެވެ. މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށާއި، އެކަމަކު އެ ވާހަކަތަކުގައި ބައެއް ފުށު އެރުން ހުރިކަމަށް ވާތީ އަދި އެކަމާ ބެހޔޭ މާ ގިނަ މައުލޫމާތެއް ހާމަ ކުރެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުސްނުއްސުޢޫދު ވިދާޅުވި ގޮތުގައި ރިޟްވާލް މަރައިލީ އަލްޤާއިދާއިން ރާއްޖޭގައި ހަރަކާތްތެރިވާ ޖަމާޢަތަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޟްވާންގެ މައްސައިގެ ތަހުގީގު އެހެން ދިމާއަކަށް އަނބުރައިލެއްވުމުގެ ބޭނުމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރައްވާފައިވާ ކަމުގެ ހެކި ލިބިވަޑައިގެންފައިވާ ކަމަށްވެސް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ. ފަންޑިތަ ހެދުމާއި ރަމަލު ޖެހުން ފަދަ ކަންތައްތައް ކުރުވުމުމާއެކު ފުލުހުން އެކި ފަރާތްފަރާތަށް ދުއްވުމުގައި ޔާމީން އުޅުއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރިޟްވާންގެ މައްސަލަޔާ ރައީސް ޔާމީނާ ގުޅުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޝަންގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރިޟްވާން މަރާލާފައި ވަނީ ދީން ގަބޫލު ނުކުރާ ކަމަށް އެ ޖަމާއަތުގެ މީހުންނަށް ގަބޫލު ކުރެވޭތީއެވެ. ފޭސްބުކް ޕޭޖުގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު ދީން ގަބޫލު ނުކުރާ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް ރިޟްވާން ވާހަކަ ދައްކާފައި ވެއެވެ. އަދި އެކި ކަހަލަ ގޮތްގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ސީދާ އޭނާޔާ ވާހަކަ ދައްކަން އެދިފައިވެސް ވެއެވެ.