ރާއްޖޭގެ ފަސްގަނޑުގައި އިސްލާމުން ނޫން ބަޔަކަށް ޖާގައެއްނެތް: ރައީސް ޔާމީން

ރާއްޖޭގެ ފަސްގަނޑުގައި އިސްލާމުން ނޫން ބަޔަކަށް ޖާގައެއްނެތް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީއެންގެ ފިކުރަކީ ލާދީނީ ފިކުރު ކަމަށެވެ. ދިނާބެހޭ ކަންކަމުގައި ޑިމޮކްރަސީއެއް ނޯންނާނެ ކަމަށާއި މިނިވަން ފިކުރެއް ވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅިވިއެވެ.

އެމަނިކުފާނު ވިދާޅުވީ  މިނިވަން ފިކުރޭ ކިޔަނީ އަލްމާނީ ފިކުރަށް ކަމަށެވެ. އެފަދަ ޚިޔާލުގެ މީހުން ރާއްޖޭގައި ތިބެގެން އެވާހަކަ ދެއްކުމުގެ ބަދަލުގައި އެވާހަކަ ދައްކަން ދާންޖެހޭނީ ހުޅަނގުގެ ގައުމުތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ވާހަކަ ރާއްޖޭގައި ދައްކައިގެން ނުހިނގާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީއެން ޖެހޭނީ އުވާލަން ނޫންކަމަށާއި ޖެހޭނީ އެޖަމިއްޔާ ފުނޑާލަން ކަމަށެވެ. އެޖަމިއްޔާއިން މަސައްކަތް ކުރަނީ ރާއްޖެއަށް އެހެން ދީންތައްގެންނަން ކަމަށްވެސް ވިދާޅުވިއެވެ.

މަތީ މަގާމްތަކަށް އެފިކުރުގެ މީހުން ލައްވަނީ އެފިކުރު ދަމަހައްޓަން ދައުލަތުން ބޭނުންވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އެފިކުރަކީ ޒުވާނުންގެ ފިކުރޭ، ދުނިޔޭގެ އެންމެ ހިނގާ ވިސްނުމޭ ބުންޏަސް އެއީ ލާދީނީ ފިކުރު،" ރައީސް ޔާމީން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ބުރިޖުން ބޭރަށް އެފިކުރުލާނަން. ލާދީނީ ފިކުރު އައިސްފިއްޔާ ﷲ ނަސީބާ ރަހުމަތުން އެއްކިބާވީ،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ލޯނުނަގައި ރާއްޖޭގެ އިގުތިސާދު ފުނޑާލައިފިއްޔާ ދެން ސަރުކާރާ ޙަވާލުވާބަޔަކު އިގްތިސާދު ނަގައި ކޮޅަށްޖަހާނެ ކަމަށެވެ. އެހެންނަމަވެސް ﷲގެ ރަޙުމަތް ބީވެގެން ގޮސްފިކަމަށްވާނަމަ ދެންކުރާނެ ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެއްވުމުގައި ޕީޕީއެމްއާއި ޕީއެންސީގެ އިސްބޭފުޅުންނާއި އެ ދެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބައިވެރިވެ ވާހަކަ ދައްކާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.