ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު ރަސްގެފާނަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު މުހައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢޫދަށް މިއަދު އަރުވައިފިއެވެ.

ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ރިޔާދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސަޢޫދީ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ވެދުން އަރިސްކުރައްވާފައެވެ.

އެމްބެސެޑަރ ޚަލީލު ވަނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދަމަހައްޓަން ސަޢޫދީ ރަސްގެފާނު ކުރައްވާ މަސައްކަތްޕުޅަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން މަރުޙަބާ ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒު އަލްއައްސާފް އާއި މިނިސްޓަރ އޮފް ސްޓޭޓް އަދި ކެބިނެޓް މެމްބަރު ޑރ. މުސައިދު ބިން މުހައްމަދު އަލްއައިބާން ބައިވެރިވެވަޑައިގަތެވެ.

ޚަބަރާއި ފޮޓޯ: ފޮރިން މިނިސްޓްރީ 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.