ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އާދެވިފައިވާ ގޮތް ވެސް ތަޙްޤީޤްކޮށް ބަލަންޖެހޭ: ނައިފަރު ދާއިރާގެ މެމްބަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އާދެވިފައިވާ ގޮތް ވެސް ރަނގަޅު ތަޙްޤީޤެއްކޮށް ބަލަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ހުށަހުޅެއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ކުއްލިމައްސަލައަކީ މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕްރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެންމެހާ މީހުންގެ ނަންތަކާއި ބޮޑެތި ޖިނާއީ ކުށްތަކުގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު އޮތް މީހުންގެ ނަންތައް ހާމަ ކުރަން ގޮވާލައި ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންދެވުމަށް ފާސްކުރެއްވީ 42 މެމްބަރުންގެ އަޣްލިބިއްޔަތުންނެވެ.

މިމައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ނައިފަރުދާއިރާގެ މެމްބަރ ވިދާޅުވީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެމްޑީއެން އުވާނުލެވި ލަސްވަމުން ދިއުމެވެ. އެމްޑީއެން އަކީ "ދައްޖާލެއް" ގެ ގޮތުގައި ނައިފަރު ދާއިރާ ސިފަކުރައްވާ ސިފަކުރެއްވުން މިއަދުގެ ޖަލްސާގައި ވެސް ތަކްރާރު ކުރައްވާ މިސަރުކާރުން އުޅެނީ އެ "ދައްޖާލުން" ނެއްޓެން ނޭނގިގެން ކަމަށް ވިދާޅުވިއެވެ. މިކުއްލި މައްސަލައަކީވެސް އެކަން އޮއްބާލުމަށް ހުށަހެޅުނު މައްސަލައެއްކަމަށް ނައިފަރު ދާއިރާގެ މެމްބަރ ތުޙުމަތު ކުރެއްވިއެވބެ.

ޕީޖީ ކަރަށް ފާޑެއްގެ މަޅިއެއް އެއްލައިގެން އެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓަށް ނަންތަކެއް ގިނަ ކުރުމަށްވުރެ ރަނގަޅު ތަޙްޤީޤެއް ކޮށް މިސަރުކާރުން ވެރިކަމަށް އާދެވިފައިވާ ގޮތް ބެލުން މާރަނގަޅުވާނެކަށް ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓަށް ސިޔާސީ ގޮތުން ބޭނުންވާ ބަޔަކު އެރުވޭނަމަ އެއީ މައްސަލައެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ވެރިކަމަށް އައުމަށް ވެސް އެމްއެމްޕީއާރުސީގެ އެފައިސާ ބޭނުންކޮށްފައިވާކަމަށް އިދިކޮޅު ބައެއް މެމްބަރުން ތުޙުމަތު ކުރެއްވިއެވެ.

އެމްޑިޕީގެ މެމްބަރުންގެ ވާހަކައިގައި ޚިޔާނާތުގެ މައްސަލައިގައި ހިމެނޭފަރާތަތްކަށް ފިޔަވަޅު ނޭޅި ލަސްވަމުންދާތީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަނލުންނަށްވެސް އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑެތި ތުޙުމަތުތަކެއް ކުރައްވައިފައެވެ. އަދި ގޮތްނޭގޭ މަރުތަކުގެ މައްސަލަތައްވެސް ލަސްވަމުންދާތީ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފައެވެ.

މިކުއްލި މައްސަލައިގައި ބަހުސް ކުރުމަށް އެދި ވަޑައިގަނަވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދިނުމަށް 33 މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.