ރައީސު ވިދޯދޯ އަލަށް އެކުލަވާލައްވާ ވަޒީރުންގެ މަޖިލީހުގައި އިދިކޮޅު ލީޑަރު ސުބިއާންޓޯ

އިންޑޮނޭޝިޔާގެ އިދިކޮޅު ލީޑަރު ޕްރަބޯވޯ ސުބިއާންޓޯ (ވ) އަދި ގޯޖެކް ކުންފުނީގެ ބާނީ ނަދީމް މަކާރިމް (ކ)

މިއަދު ދެވަނަ ދައުރަކަށް ހުވައިކުރެއްވި އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯ އައު ދައުރަށް އެކުލަވާލައްވާ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވަޑައިގަތުމަށް އިދިކޮޅު ލީޑަރު، އަދި ފާއިތުވި ރިޔާސީ ދެ އިންތިޚާބުގައި ވެސް އޭނާއާ ވާދަކުރެއްވި ޕްރަބޯވޯ ސުބިއާންޓޯއަށް ދައުވަތު ދެއްވައިފިއެވެ. ސުބިއާންޓޯ ވަނީ އެ ދައުވަތު ގަބޫލުފުޅުކުރައްވާފައެވެ.

"ވަޒީރުންގެ މަޖިލިސް ވަރުގަދަކުރުމަށް (އެ މަޖިލީހާ ގުޅުމަށް) އަހަރުމެންގެ ކިބައިން އެދިވަޑައިގެންފައި ވަނީ. އަހަރުމެން މިތިބީ ގުޅެން ތައްޔާރަށް." ގެރިންދާ ޕާޓީގެ ލީޑަރު ސުބިއާންޓޯ ވިދާޅުވިއެވެ.

"އޭނާ (ރައީސު) އުއްމީދުކުރައްވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމުގައިވާ ސުބިއާންޓޯއަށް ދެއްވަނީ ޑިފެންސް މިނިސްޓަރުކަން ކަމަށް އަޑު ފެތުރިފައިވާތީ އެކަމާ ގުޅިގެން ދެންނެވުނު ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ ދިފާއީ ކަންކަމުގައި އެހީތެރިވުމަށް ރައީސު ވިދޯދޯ އެދިވަޑައިގެންފައިވާ ކަމުގައެވެ.

އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯ މިއަދު ދެވަނަ ދައުރަކަށް ރައީސުކަމުގެ ހުވައިކުރައްވަނީ

މީގެ އިތުރަށް މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޯޖެކްގެ ބާނީ އަދި ސީއިއޯ ނަދީމް މަކާރިމްއަށްވެސް ރައީސު ވިދޯދޯވަނީ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަތުމުގެ ދައުވަތު ދެއްވާފައެވެ. ވަޒީރުންގެ މަޖިލީހާ  ގުޅިވަޑައިގަތުމަށްޓަކައި ނަދީމް ވަނީ ގޯޖެކް ކުންފުނިން މިއަދު އިސްތިއުފާ ދެއްވާފައެވެ.

"މިއަދުން ފެށިގެން ގޯޖެކްގައި އަހަރެންގެ އެއްވެސް މަގާމެއް އަދި ތަންފީޒީ ބާރެއްވެސް ނޯންނާނެ." ނަދީމް ވިދާޅުވިއެވެ.

އެމެރިކާގެ ހާވާޑް ބިޒިނަސް ސްކޫލުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ނަދީމް މަކާރިމް 2010 ވަނަ އަހަރު ގޯޖެކް އުފެއްދެވީ އިންޑޮނޭޝިޔާގައި އޭރު އޮޅުން ބޮޅުން ބޮޑު ސައިކަލް ޓެކްސީ 'އޯޖެކް'ގެ ޚިދުމަތް ޒަމާނީ ވަސީލަތެއްގެ ތެރެއިން ދީ އެ ޚިދުމަތް ފަސޭހައިން އިންތިޒާމުކުރެވިގެން ދެވޭ ގޮތް ހެދުމަށެވެ. މިއަދު އެއީ މުޅި ދެކުނު އޭޝިޔާއަށް ފެތުރިފައިވާ 10 ބިލިއަން ޑޮލަރުގެ، ޑިޖިޓަލް ޚިދުމަތްދޭ ޓެކްނޮލޮޖީ ކުންފުންޏެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.