އޭސީސީގެ ރައީސާގެ ވާހަކައަކީ ބަދުނާމު ކުރުމަށް ދެއްކެވި ވާހަކައެއް: ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރ އަޙުމަދު ސަމީރު އެންޓިކޮރަޕްޝަންގެ ރައީސާ މަރިޔަމް ޝިއުނާއަށް ގުޅުއްވާފައި އެތަނުން ބަލަމުންދާ މައްސަލައަކަށް ނޫފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ޝިއުނާ ވިދާޅުވުމުން ސަމީރު އެކަމަށް ރައްދު ދެއްވައިފިއެވެ.

އެކަން ހިނގައިދިޔަގޮތް އާފަތިހާ ޙިއްސާ ކުރައްވަމުން ސަމީރު ވިދާޅުވީ ޝިއުނާގެ އެވާހަކަތަކާ މެދު ދެކެވަޑައިގަންނަވަނީ އޭނާ ބަދުނާމު ކުރުމުގެ ގޮތުން ކުރެއްވި ޣައިރު ޒިންމާދާރު ޢަމަލެއްގެ ގޮތުގައި ކަމަށެވެ.

އޭސީސީގެ ރައީސާ ސަމީރާ ބެހޭގޮތުން އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެންބަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުންނެވެ. ޝިއުނާ ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު އެ ބޭފުޅާއާ ގުޅުން ނެތް ކަމެއްގައި އެކަމަނާއަށް ގުޅުއްވި ކަމަށެވެ.

"އަޅުގަނޑު ނުފޫޒު ބޭނުންކުރީއޭ ކިޔާފައި އެދައްކަވަނީ ހަމަ ޙަޤީގަތާ ޚިލާފުވާހަކައެއް. އަސްލުގައި އެކަން ހިނގައިގެން އުޅޭގޮތަކީ ސްޓޭޓު މިނިސްޓަރަކަށް ލޭންޑު ލައިނަކުން ބޭފުޅަކު ފޯނުކުރަނީ. ފޯނުކޮށްފައި މިބުނަނީ މާދަމާގެ މިވެނި ގަޑިއަކަށް އަންނާށޭ ލޯޔަރަކާވެސް އެއްކޮށް އޭސީސީއަށް. އެބޭފުޅާގެ މަޤާމުގެ ހައިސިއްޔަތުން އެބޭފުޅާ ކަންކަން ކުރައްވާފައި ހުންނަވާނީ. އެއީ ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު ދެއްވާފައި ހުންނެވި ސްޓޭޓު މިނިސްޓަރެއް. ދެން ވަރަށް ކަންބޮޑުވާނެތާ އަމިއްލަ ގޮތުން ކުއްލިއަކަށް އަންނަން ބުނީމާ. އެކަން ރައީސް އޮފީހުގެ ސަމާލުކަމަށް ގެންނަވަން ވެގެން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ. ސްޓޭޓު މިނިސްޓަރަކު އަމިއްލަ ޙައިސިއްޔަތުން އޭސީސީއަށް އެބަ ހާޒިރު ކުރައްވައޭ. އެހެންވެ އެކަން ސަމާލު ކަމަށްޓަކައި ދަންނަވާލީއޭ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އޮފީހެއްގައި މަސައްކަތްކުރަމުން ގެންދާ މީހަކު ވަޒީފާގެ ގޮތުން ނުވަތަ މަޤާމުގެ ޙައިސިއްޔަތުން ކޮށްފައިވާ ކަމަކާ ގުޅިގެން އެމީހަކު އަމިއްލަ ހައިސިއްޔަތުން ދޭންޖެހޭނެ ޖަވާބެއް ނޯންނާނެ ކަމަށެވެ. "އެމީހެއްގެ އޮންނާނީ މަޤާމުގެ ޙައިސިއްޔަތުން ބޭނުންކުރި ނުފޫޒަކާއި ކަމެއް،" އޭނާ ވިދާޅުވިއެވެ.

މީހަކަށް ގުޅާފައި އަމިއްލަ ހައިސިއްޔަތުން އޭސީސީއަށް އަންނާށޭ ބުނާއިރު އެމީހަކަށް ޗިޓެއް ފޮނުވައި އުސޫލު ޤާއިމްކުރަންޖެހޭ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. ސްޓޭޓު މިނިސްޓަރަކަށް ވިޔަސް އެހެން ބޭފުޅަކަށް ވިޔަސް ކުއްލިއަކަށް އެގޮތަށް ގުޅާފައި ބުނީމައި އެއީ އޭސީސީން ކަމެއް ނުވަތަ މީހަކު ސަމާސާއަކަށް ކުރިކަމެއް ކަމެއްވެސް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ގުޅީ ލޭންޑުލައިނަކުން ކަމަށްވުމުން ދެނެގަންނަން މާބޮޑަށް ވެސް އުދަގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކޮންމެއަކަސް ސްޓޭޓު މިނިސްޓަރަށް ގުޅާފައި އަންނާށޭ ބުނީމައި އެ ކަންބޮޑުވުން ހިއްސާކުރީ. އަޅުގަނޑު އޭސީސީގެ ރައީސަށް ގުޅާފައި ދެންނެވީ މިކަހަލަކަމެއް މިހެން ދިމާވެގެން އަމިއްލަ ހައިސިއްޔަތުން ދާން އަންގާފައި އެބައޮތޭ. ވިދާޅުވީ ތިމަންނަ ނުވެސް ދެނެހުރީމޭ ތިޔަކަހަލަ ކަމެއް. އެކަމަނާއަށް އެނގިވަޑައިވެސް ނުގަންނަވާ އަނެއްދުވަހު ބޭފުޅަކު ހާޒިރުކުރަން އޮތްކަމެއްވެސް. ފަހަރެއްގައި ވެދާނެ އެއީ އެނގެންނުޖެހޭ ކަމެއްކަމަށްވެސް،" ސަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ މަޤާމެއްގައި ހުންނަވާ ބޭފުޅަކު މަޤާމުގެ ޙައިސިއްޔަތުންކުރައްވާ ކަމަކާ ގުޅިގެން އަމިއްލަގޮތުން ގެންދަވާ ކަމަށްވަންޏާ އެ ތަޢާރަފް ކުރެވެނީ މުޅިން އައު އުސޫލެއް ކަމަށްބުނެ އެ ނުކުތާ ފާހަގަ ކުރެއްވި ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު އޭސީސީގެ ރައީސާއަށް ދެންނެވީ އެގޮތަށް ދިމާވީމާ އެބޭފުޅާ ވަރަށް ކަންބޮޑުވެގެންނޭ އުޅެނީ. އެވާހަކަ ދެންނެވީމާ ވިދާޅުވި އެބަބަލައިލަމޭ. ފަހުން ގުޅުއްވާފައި އެބޭފުޅެއްގެ ނަމާއި ބައެއް މަޢުލޫމާތު އޮޅުން ފިލުވާފައި ފަހުން ނުގުޅުއްވާ އަޅުގަނޑަކަށް،" ސަމީރު ވިދާޅުވިއެވެ.

މީހަކު ތަނަކަށް ހާޒިރު ކުރަންޏާ ލިޔެކިޔުންތައް ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި ޗިޓުވެސް ފޮނުވަންޖެހޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއްނެތި އެކަންކަމުގެ މަޢުލޫމާތު އޭނާއަށް ރަނގަޅަށް ނޭނގި ހާޒިރުވާން އެންގީމައި ކަންބޮޑުވުންތައް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެފަދަ ކަންބޮޑުވުންތަކެއް ހުރެގެން އެކަމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރަން ގުޅުމަކީ މައްސަލައެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

"ޝިއުނާގެ ނިޔަތާމެދު މިހާރު ސުވާލު އުފެދޭ، އެކަމަނާ ތެދުވެރިކަމާއެކު އޭސީސީގެ ކަންކަން ކުރައްވަން އުޅުއްވަނީތޯ. އޭގެ ބަދަލުގައި އެކަމަނާއަށް ނުވަތަ އޭސީސީއަށް މީހަކު ފޯނުކުރުމާއި މަޢުލޫމާތެއް އޮޅުންފިލުންވަން ދިއުމާއި މިކަންކަމަކީވެސް ނުރަނގަޅު އަމަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވާނަމަ ރާއްޖޭގެ އެއްވެސް ރައްޔިތަކު އެއްވެސް ހައިސިއްޔަތަކުން އެ އޮފީހާ ގުޅައިގެން ވެސް ނުވާނެތާ،" ސަމީރު ވިދާޅުވިއެވެ.

އޭސީސީގެ ރައީސާއަށް ގުޅުއްވީ ނޫފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް އޮވެގެން ނޫންކަމަށް ސަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޖެހިވަޑައިގަންނަވާނީ ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް އެކިކަންކަމާ ބެހޭގޮތުން ގުޅުމުން އެކަންކަމުގެ މަޢުލޫމާތު ޙިއްސާ ކުރެވެން އޮތް މިންވަރަށް ޙިއްސާ ކުރައްވަން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.