
ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އޮފީސް ޢިމާރާތުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ މިއަދު ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ، ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކޯ. ލިމިޓެޑާ އެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުމާލޭގައި އަޅާ ހަ ބުރީގެ ޢިމާރާތެކެވެ. މި މަޝްރޫޢުގެ އަގަކީ ޖުމްލަ 185،806،545.62 ރުފިޔާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވިއެވެ. ޗައިނާ ކުންފުންޏާ މި މަޝްރޫޢު ޙަވާލުކުރެއްވީ އެއް އަހަރުތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫޢު ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ. ޗައިނާ ކުންފުނިން ސޮއިކުރެއްވީ، ލީގަލް ރިޕްރެޒެންޓޭޓިވް، ވަންގް ހީ އެވެ.
މި ޢިމާރާތަކީ ސަރުކާރުގެ ބައެއް އޮފީސްތައް ހިންގުމަށް އަޅާ ޢިމާރާތެކެވެ.