އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މަގާމުގެ ފަސް އަހަރުގެ ދައުރު ހަމަވުމާއި ގުޅިގެން ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ތ. ވިލުފުށީ، އަތަމާގޭ ޙުސައިން ފިޔާޒް މޫސާ އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ފިޔާޒް، އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރައްވަން މަޖިލީހުން ރުހުން ދިނުމަށް މިއަދު ނެގި ވޯޓުގައި އޭނާ އެ މަގާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 74 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންވެސް ވޯޓު ދެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ޤާނޫނީ ގޮތުން ހުސްވެފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވާއިރު، އެ މަގާމަށް ކުރިމަތި ލުމަށް ރައީސް އޮފީހުން ކުރި އިއުލާނާއި ގުޅިގެން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައި ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހަތަރު ބޭފުޅެއްގެ ނަންފުޅެވެ.

ރައީސް ފޮނުއްވި ހަތަރު ނަންފުޅަކީ ތ. ވިލުފުށި އަތަމާގެ، ޙުސައިން ފިޔާޒު މޫސާ އާއި މ. ހަޒާރީވިލާ އަޙްމަދު ފަޔާޒް ޙަސަން އާއި ހ. ގުރަހަ، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން މ. ވެންކޫވާ ފާތިމަތު ޝައުޝަންއެވެ. މިހަތަރު ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެބޭފުޅުންނާ އިންޓަވިއުކޮށް، ދިރާސާ ކުރުމަށްފަހު، ކޮމިޓީން މަޖިލީހުގެ ތަޅުމަށް ރުހުން ހޯދަން ފޮނުވީ ތިން ބޭފުޅެކެވެ. އެއީ ފިޔާޒް އާއި ފަޔާޒް އާއި އާހިދުއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ ފަސް އަހަރުގެ ދައުރު އެންމެ ފަހުން ހަމަކުރެއްވީ، ކުރިން މާވަށު ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރެއްވި އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.