ޗައިނާ މުސްލިމުންގެ ސަގާފަތުން އިސްލާމީ ވަންތަކަން ކަނޑުވާލުން

ޗައިނާ ސަރުކާރުން ޝާއިއުކުރާ ޕީޕަލް ޑޮޓް ކޮމްގައި ޗައިނާގެ މުސްލިމުންގެ ވާހަކައާއި އެމީހުންގެ ތާރީޚްގެ ނަމުގައި ޖަހާފައިވާ ސަފްޙާގައި ބުނެފައިވަނީ، ޗައިނާގެ އާބާދީގެ 1.5 މިލިއަން މީހުން ނުވަތަ ވިއްސަކަށް މިލިއަން މީހުންނަކީ މުސްލިމުން ކަމުގައެވެ. އަދި ސަރުކާރުން ގަބޫލުކޮށްފައިވާ 56 ދަރިކޮޅުގެ ތެރޭން ދިހަ ދަރިކޮޅުގެ މީހުންނަކީ މުސްލިމު ދަރިކޮޅުތައް ކަމުގައެވެ.

 ޗައިނާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ސަރުކަރުން ގެންގުޅޭ ހަރުކަށި ސިޔާސަތުން ފެނިގެންދަނީ، ކޮމިއުނިސްޓް ޕާޓީގެ އާރާއި ބާރާއި، އެޕާޓީގެ ސިޔާސީ ފިކުރުގެ މަތިވެރިކަން ޗައިނާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހައި ދާއިރާއަކުން ސާބިތުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ތަނެވެ. ޗައިނާގެ ބިރަކީ މުސްލިމުންގެ މެދުގައި ހަރުކަށިކަމެއް އުފެދި، އެއިން ދައުލަތުގެ ސަލާމަތަށް ބުރުލެއް އަރައިގެން ހިނގައިދާނެތީއެވެ. އެހެންވެ، ފަހުގެ ތާރީޚެއްގައި ޗައިނާއިން ފެނުނު އެންމެ ބާރުގަދަ ރަސްކަލޯ، ޝީގެ ސައިނިޒޭޝަންގެ ސިޔާސަތު ވަރަށް ފުރިހަމައަށް މަސްއޫލުވެރިން ގެންދަނީ ތަންފީޒު ކުރަމުންނެވެ.

ޗައިނާގެ ގާނޫނު އަސާސީގެ 36 މާއްދާގައި އަޤީދާގެ މިނިވަންކަން ދީފައި ވެއެވެ. ނަމަވެސް އުރިގޫރު މުސްލިމުންނަށް ތުރުކީވިލާތުން ލިބެމުންދާ ވާގިވެރިކަމަށް ފާރައަށް އޮވެގެން ޗައިނާއިން ވަނީ އެގައުމުގެ ހަމަޖެހުމަށް ބުރޫއަރާނެފަދަ ކަމަކަށް ވާގިވެރިވެދާނެ ކޮންމެ ކަމަކަށް ފާރައަށް އޮތްކަން ޔަގީންކޮށްދީފައެވެ. އެހެންވެ ޖުމުލަކޮށް ހުރިހައި މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ވަނީ ސައިނިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރުމަށް ފަށާފައެވެ.

ސައިނިޒޭޝަން އަކީ ބިދޭސި ހުރިހައި މަލައަކުން ދީނީ ޝިއާރުތައް މިނިވަންކޮށް، ޗައިނާގެ އަމިއްލަ ވަންތަ ސަގާފަތާއި އާދަކާދަތަކުން ދީނީ ސަގާފަތުގައި ކުލަ ޖައްސުމެކެވެ. ސައިނިޒޭޝަން އޮފް އިސްލާމް ތަންފީޒުކުރެވެނީ ހަމައެކަނި އިރުމަތީ ތުރުކިސްތާން ނުވަތަ ޝިންޖިއާންއަށް އެކަންޏެއް ނޫނެވެ. ޗައިނާ ބަހުން ވާހަކަ ދައްކާ އަދި ޗައިނާ ފަސްގަނޑުގައި ވަކިވެގަތުމެއް ނުވަތަ އެއްވެސް ދެކޮޅުވެރިކަމެއް އެމީހުންގެ ތާރީޚުންވެސް ފެންނާން ނެތް ބައެއްކަމަށްވާ ހުއި ދަރިކޮޅުގެ މީހުންނާ ދެކޮޅަށްވެސް ބެއިޖިންގ އިން ދަނީ މި ސިޔާސަތު ތަންފީޒުކުރަމުންނެވެ. ހުއި ދަރިކޮޅުގެ މީހުނާ ދެކޮޅަށްވެސް ހިންގާ ސިޔާސަތަކީ، އެމީހުންގެ ފިކުރާއި، ދީނީ ރަމްޒުތަކާއި، ސަގާފަތާއި އުފެއްދުންތަކާއި އަދި އެނޫނަސް ޗައިނާ ވަންތައެއްޗެއްކަމުގައި ނުބެލެވޭ ހުރިހައި އެއްޗެއް ނައްތާލުމުގެ ސިޔާސަތެކެވެ.  ޗައިނާގެ ރައީސް ވަނީ "ޗައިނާ ޑްރީމް"ގެ ހުވަފެން ރައްޔިތުންނަށް ދައްކައި އެންމެންގެ މެދުގައި ގައުމީ ރޫޙެއް އާލާކުރުމަށް ކެމްޕޭނެއްވެސް ފަށާފައެވެ. ޗައިނާގެ މިހުވެފެނަކީ، ޗައިނާގެ ތާރީޚި ބާރުގަދަކަން އަލުން އިއާދަކުރުމާއި ޗައިނާގެ މުއްސަނދިކަމާއި ޗައިނާގެ ފަޚުރުވެރިކަން އަލުން އައުކުރުމެވެ.

ޗައިނާގެ މުސްލިމު ދަރިކޮޅުގެ މައްސަލާގައި އެންމެ ހޫނު މައުޟޫއަކީ ޗައިނާއިން އުރިގޫރު ދަރިކޮޅުގެ މުސްލިމުންނާމެދު ގެންގުޅޭ ސިޔާސަތެވެ. އުރިގޫނު މިސްލިމުންނަކީ، ތުރުކީ ބަހުން ވާހަކަ ދައްކާ ހުއި މުސްލިމުންނަށްވުރެން ލޭ ހޫނު ދަރިކޮޅުގެ ބަޔެކެވެ. އުރިގޫރު މީހުންގެ މި ސަހަރަކީ އިހު ޒަމާނުގައި އިރުމަތީ ތުރުކިސްތާންގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދެކެވެ. 1760 ވަނަ އަހަރާ ހަމައަށް މިއީ މިނިވަންކަމާއެކު އެއްވެރިއެއްގެ ދަށުގައި ނުވަތަ އެތައް ވެރިކަމެއްގެ ދަށުގައި އޮތް ސަރަހައްދެކެވެ. 1760ގައި ޗައިނާއިން މި ހިސާބު ގަނޑު ހިފުމަށްފަހު މިތާގައި ޗައިނާ ދަރިކޮޅުގެ މީހުން އާބާދުކޮށް، މިމީހުން އާދަކާދައާއި ސަގާފަތް ބަދަލުކުރުމަށް މަސައްކަތް ފެއްޓިއެވެ. މި ހަލަބޮލިކަމާއެކު، ޗައިނާއާ މި ސަރަހައްދުގެ މީހުންނާ ދެމެދު ހަނގުރާމައާއި ނުތަނަވަސްކަން ދެމިގެން ގޮސް، 12 ނޮވެމްބަރު 1932ގައި އިރުމަތީ ތުރުކިސްތާންގެ އިސްލާމީ ޖުމުހުރިއްޔާގެ ނަމުން މިތާގައި އިސްލާމީ ވެރިކަމެއް އިޢްލާން ކުރިއެވެ. މި ވެރިކަމާދެކޮޅަށް ޗައިނާއާއި ރޫސީން ބައިވެރިގެނެން ދިން ހަމަލާތަކުގައި އެމީހުންގެ ރައީސް އަބްދުއްނިޔާޒް ބެކް އަވަހާރަކޮށްލައި 15 އޮގަސްޓް 1932ގައި މިތަން ޗައިނާގެ ދަށަށް ގެންދިޔައެވެ. އަދި ޣަނީމާއަކަށް ރޫސީންނަށް މިތަނުން މައުދަންތައް ނެގުމަށް ޗައިނާގެ އޭރުގެ ވެރިން ހުއްދަ ދިނެވެ. ދެވަނަ ފަހަރަށް 1944 ގައި އުފެދުނު އިންގިލާބުގައި ޗައިނާގެ އަތްދަށުން މިނިވާން މަސައްކަތް ފެއްޓިއެވެ. ނަމަވެސް މި މަސައްކަތް ނާކާމިޔާބު ވެގެން އެންމެފަހުން ވެރިން ނިންމީ އެމީހުންގެ ސަރަހައްދަށް ޒާތީ މިނިވަންކަމެއް ދިނުމުގެ ބަދަލުގައި އެމީހުން ޗައިނާއާއެކު ސުލްޙައަށް ދިއުމަށެވެ. 1946ގެ ޒާތީ މިނިވަންކަމާއެކު، އުރިގޫރު ދަރިކޮޅުގެ މީހުންގެ ސްކޫލުތަކާއި ޗާޕްޚާނާތަކާއި ނޫސްމަޖައްލާތައް ޝާއިއުކޮށް އެމީހުންގެ އަމިއްލަ ގައުމީ ޝަޚިސިއްޔަތުގެ މައްޗަށް ދިރިއުޅުން ބިނާކުރިއެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައަށްފަހު 1949ގައި ކޮމިއުނިސްޓް ސިފައިން މިސަރަހައްދަށް ވެރިވެގެން މުޅި ސަރަހައްދު އެމީހުންގެ އަތް ދަށަށް ގެންދިޔައެވެ. އަދި ގިނަ ބަޔަކު ނެތިކޮށްލައި، ބޭރުން ގިނަ ބަޔަކު ގެނަސް މިތާގައި ވަޒަން ވެރިކުރިއެވެ.

ޗައިނާއަށް އިސްލާމް ދީން އައިސްފައިވަނީ މީލާދީން ހަތް ވަނަ ގަރުނުގައި މިހާރުގެ ޝިއާން ސަރަހައްދަށެވެ.

2008 ގައި ޗައިނާ ސްޓޭޓް ކައުންސިލުން ނެރެފައިވާ ޑައިރެކްޓިވް އެއްގައި ބުނެފައިވަނީ، ގައުމުގެ އިލްމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބުރޫއަރާފަދަ ކަމެއް ނުވަތަ ދައުލަތް ހިންގުމަށް ބުރޫ އަރާފަދަ ކަމެއް އިސްލާމީ އެއްވެސް ހަރަކާތަކުން ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ. މީގެ މަގްސަދަކަށްވީ، އަރަބި އިސްލާމީ ސަގާފަތް ނުވަތަ ފެޝަން މުޖުތަމައަށް ފެތުރިޔަ ނުދިނުމެވެ. މިއިން އެންމެ ފާހަގަ ކުރެވޭ ކަމަކީ، މިސްކިތްތަކާއި މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތަކަށް މިސިޔާސަތު ފުޅާދާއިރާއެއްގައި އަމާޒު ވެގެން ދިއުމެވެ. އަދި އޕްރީލް 2018ގެ ފަހުން އިސްލާމީ މާލީ ނިޒާމަށް އަމަލު ކުރުންވެސް މަނާކުރެވިގެން ދިޔައެވެ. ހަމައެފަދައިން މިސްކިތްތަކުގައި ހިންގާ ކިޔަވައި ދިނުމުގެ ޕްރޮގްރާމުތަކާއި، އަރަބި ބަސް ކިޔަވައި ދިނުމާއި، ދީން އުނގެނުމަށް ބޭރަށް ކުދިން ފޮނުވުންފަދަ ކަންތައްތަކަށް ހުރަސްއެޅިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.