އެރްދޮޣާން ޓްރަމްޕްގެ ސިޓީފުޅު ކުނިވަށިގަނޑަށް އެއްލަވާލައްވައިފި

'މޮޔަ ކަމެއް ނުކުރެއްވުމަށް' އިލްތިމާސުކުރައްވައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް މިމަހުގެ 9 ވަނަ ދުވަހު ތުރުކީގެ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާނަށް ފޮނުއްވި ސިޓީފުޅު އޭނާ އެއްލަވާލެއްވީ ކުނި ވަށިގަނޑަށް ކަން މިއަދު ހާމަވެއްޖެއެވެ.

"އެތައް ހާސް ބަޔަކު ކަތިލުމުގެ ޒިންމާ އުފުއްލަވާކަށް މަނިކުފާނު ބޭނުންފުޅުވެ ވަޑައިނުގަންނަވާނެއެވެ." (އެގޮތަށް) "ތުރުކީގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމުގެ ޒިންމާ އުފުލާކަށް އަހަރެންވެސް ބޭނުމެއް ނޫނެވެ." ޓްރަމްޕްގެ ސިޓީފުޅުގައި ލިއުއްވާފައި ވެއެވެ.

ޓްރަމްޕްގެ ސިޓފުޅާ މެދު ރައީސު އެރްދޮޣާން އަމަލުކުރެއްވި ގޮތް އެނގޭ ބައެއް ފަރާތްތަކުން ބީބިސީއަށް ކިޔައިދީފައިވާ ގޮތުގައި ތުރުކީގެ އިގްތިސާދު ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރާއެކު އެ ސިޓީ ލިބިވަޑައިގަތުމުން އެރްދޮޣާން އެ ސިޓީގައިވާ އެއްޗެއް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އެރްދޮޣާން އެ ސިޓީފުޅު އެއްލަވާލެއްވީ ކުނިވަށިގަނޑަށެވެ.

ފޮކްސް ބިޒިނަސް ނިއުސްއިން ފުރަތަމަ އާއްމުކުރި އެ ސިޓީ ރައީސު ޓްރަމްޕް ލިއުއްވާފައި ވަނީ ތުރުކީ ސިފައިން ސިރިޔާގެ އިރުއުތުރުގައި ކުރުދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފެށި ދުވަހުއެވެ. އެއީ މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހެވެ.  

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ރައީސު ޓްރަމްޕެގެ ސިޓީފުޅުގައި ބިރުދެއްކެވުމާއި، މަލާމާތްކުރެއްވުމުގެ އިބާރާތް ބޭނުންކުރައްވައިގެން، ތުރުކީން ސީރިޔާގައި ފަށަން ތައްޔާރުވަމުން އައި އޮޕަރޭޝަން ކުރިއަށް ނުގެންދިއުމަށް އިންޒާރުދެއްވާފައިވާތީ، އެރްދޮޣާން ކޯފާ އިސްކުރައްވައި، ވަގުތުން އަސްކަރީ އޮޕަރޭޝަން ފެށުމަށް އަމުރުކުރެއްވީއެވެ.

ތުރުކީން ސީރިޔާގައި ކުރިއަށް ގެންދާ އޮޕަރޭޝަނާ މެދު މަޝްވަރާކުރެއްވުމަށް އެމެރިކާގެ ނާއިބު ރައީސު މައިކް ޕެންސް މިހާރު ވަޑައިގެން އުޅުއްވަނީ ތުރުކީގައެވެ.

ރައީސު އެރްދޮޣާން ވިދާޅުވެފައި ވަނީ ކުރުދީންގެ ފަރާތުން ތުރުކީއަށް އޮތް ނުރައްކާ ނައްތާލައި، ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކުގައި ކުރުދީ ހަނގުރާމަވެރިން ނެތްކަން ޔަގީންވަންދެން އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދަވާނެކަމަށެވެ. ދެން އޮތް ގޮތަކީ ކުރުދީ ހަނގުރާމަވެރިން އަމާންދީ ހަތިޔާރު ބެހެއްޓުމެވެ. އެރްދޮޣާން ވިދާޅުވީ އޭރުން ތުރުކީގެ ހަމަލާ ވަގުތުން ހުއްޓާލާނެ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.