ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ޣައިރުދުސްތޫރީ އަމަލުތަކެއް ހިންގާކަމަށް، ބަޔާން ނެރުއްވުމުން، އުއްތަމަ ފަނޑިޔާރުގެ އިތުރު ސްލޫކީ މައްސަލައެއް ބަލައްވަން އެކޮމިޝަނުން ނިންމަވައިފިއެވެ.
ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ވަނީ. އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަނުން ނިންމެވީ، އުއްތަމަފަޑިޔާރު ވެސް ހިމެނިވަޑައިގަންވާގޮތަށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް، ކަމުގެ ހަޤީގަތް އޮޅޭގޮތަށް އެމަނިކުފާނު ބަޔާނެއް ނެރުއްވާފައިވާތީ ކަމަށެވެ.
އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހުޤީގު ކުރުމަށްޓަކައި ޖޭއެސްސީއަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން އެ މައްސަލަ ބެލުމުގެ އިޚްތިޞާސް، ޖޭއެސްސީއަށް ލިބިގެންނުވާކަމަށް ބަޔާން ކުރައްވައި ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ،އުއްތަމަ ފަނޑިޔާރު ސިޓީއެއް ފޮނުއްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. ކޮމިޝަނުން ތަހުޤީގުކުރާ މައްސަލައާ މެދު ހަޤީގަތާ ޚިލާފު ވާހަކަތަކެއް އާންމު ކުރެއްވުމަކީ، އެކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދެކޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ޖޭއެސްސީން އުއްތަމަފަނޑިޔާރުގެ މައްސަލައެއް ބަލައި ނަސޭހަތްދޭން ނިންމައި އެކަމުގެ ލިޔުން ފޮނުވުމުން އެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ވެސް އުއްތަމަފަނޑިޔާރު އިންކާރު ކުރައްވާފައިވާތީ، ސުލޫކީ މައްސަލައިގެ ތެރޭގައި އެކަން ވެސް ބަލަން ނިންމައިފައިވާ ކަމަށް ޖޭއެސް ވަނީ ބުނެފައެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުން މައްސަލައެއްގައި ގޮތެއް ނިންމެވުމުން، އެ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ، ނޫންތޯ ބެލުމުގެ އެއްވެސް ޤާނޫނީ ބާރެއް ޖޭއެސްސީއަށް ލިބިގެން ނުވާނެ ކަމަށެވެ. އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި އެ ނިންމުން ނިންމިކަމަށްޓަކައި ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ޤާނޫނީ ޞައްޙަ ކަމާމެދު ގޮތް ނިންމުމަށް ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރުދުސްތޫރީ އަމަލުތަކެއް ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދުގެ ސުލޫކީ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
މި ހަތަރު ފަނޑިޔާރުންގެ އިތުރުން މިހާރު ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފައިވާއ ޢާއިޝާ ޝުޖޫން މުޙައްމަދާއި އަޒްމިރާލްދާ ޒާހިރެވެ. ސްޕްރީމް ކޯރޓްގެ ކުރީގެ ފަނޑިޔާ ޢަބްދުﷲ ދީދީ ސްލޫކީ މައްސަލައެއް ޖެއެސްސީ ނިންމައި މަޖިލީހަށް ފޮނުވުން މަޖީލީހުން ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އެހެން ކަމުން ސްޕްރީމް ކޯޓްގެ ބެންޗްގެ އެއްޖާގަ މިހާރު ހުރީ ހުސްވެފައިއެވެ.