ބާސަލޯނާގައި އިހުތިޖާޖުކުރާ މީހުންނާ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް

ބާސަލޯނާގައި އިހުތިޖާޖުކުރާ މީހުން ފުލުހުންނާ ކުރިމަތިލަނީ

ސްޕޭންގެ ސުޕްރީމް ކޯޓުން ކަޓަލޯނިޔާގެ ވަކިވެގަތުމުގެ ހަރަކާތުގެ އިސް ނުވަ މީހަކު ޖަލަށްލާން ހުކުމް ކުރުމާ ދެކޮޅަށް އެ ސަރަހައްދުގައި ފެށުނު އިހުތިޖާޖުތަކުގެ ރޭވެސް އިތުޖާޖުކުރާ މީހުންނާ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ. އެންމެ ވަރަގަދަ މުޒާހަރާތައް ކުރިއަށް ގޮސްފައި ވަނީ ކަޓަލޯނިޔާގެ ވެރިރަށް ބާސަލޯނާގައެވެ. ސުޕްރީމް ކޯޓުން އެ ނުވަ މީހުންގެ މައްޗަށް ހުކުމްކުރީ ސްޕޭނުން ކެޓަލޯނިޔާ ވަކިކޮށް ވަކި ދައުލަތެއް އިއުލާންކުރަން 2017 ވަނަ އަހަރު ކުރި މަސައްކަތާ ގުޅިގެންނެވެ.

ބާސަލޯނާގައި ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރޭގައި ތަންތަނުގައި އަލިފާން ރޯކޮށްފައިވާއިރު، އިހުތިޖާޖުކުރާ މީހުން ވަނީ ސަރުކާރު އޮފީސްތަކަށް ވަދެގަންނަން މަސައްކަތްކޮށްފައެވެ.

ކެޓެލޯނިޔާގެ މިނިވަންކަމަށް ތާއީދުކުރާ މީހުން ބުނަމުން ދަނީ، މިނިވަންވުމާ މެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސްޕޭން ސަރުކާރަށް ކުރިމަތިކުރާ ފިއްތުން އިތުރުކުރާނެ ކަމުގައެވެ. އެމީހުން ބުނާގޮތުގައި ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގެ ސަބަބުން އެމީހުންގެ އަޒުމު ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ސްޕޭނުން ކެޓަލޯނިޔާ ވަކިވުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން 1 އޮކްޓޯބަރު 2017 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގި މައްސަލައިގައި ގައުމަށް ޚިޔާނާތްތެރި ވުމުގެ ދައުވާ ސްޕޭން ސަރުކާރުން އުފުލި 12 މީހުންގެ ތެރޭން 9 މީހަކު ޖަލަށްލުމަށް ސުޕްރީމް ކޯޓުން ވަނީ ހޯމަ ދުވަހު ހުކުމްކޮށްފައެވެ. އެ މީހުންގެ ތެރެއިން ކެޓަލޯނިޔާގެ ކުރީގެ ނާއިބު ރައީސު އުރިއަލް ޖުންކެރާސް 13 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. 3 މީހަކު 12 އަހަރަށް ޖަލަށްލާން ހުކުމްކުރި އިރު، ދެން ތިބި މީހުންގެ މައްޗަށް ވަނީ 11 އަހަރާ 9 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މި ހުކުމާ ގުޅިގެން ހޯމަ ދުވަހުގެރޭ ކެޓަލޯނިޔާގެ ގިނަ ރަށްތަކެއްގައި އެތައް ހާސް ބަޔަކު ވަނީ އިހުތިޖާޖުކުރުމަށް މަގުމައްޗަށް ނުކުމެފައެވެ. ރޭވެސް ބާސަލޯނާގެ އިތުރަށް ގިރޯނާއާއި ޓަރަންގޯނާގައި ވެސް ވަނީ އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައެވެ.

ކެޓެލޯނިޔާއަކީ ސްޕޭންގެ އެންމެ މުއްސަނދި ސަރަހައްދެވެ. އެއްހާސް އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް އަމިއްލަ ސަގާފަތެއް އޮތް ކެޓެލޯނިޔާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެމީހުންގެ މުއްސަނދި ސަރަހައްދުން ލިބޭ އާމްދަނީ ސުޕޭންގެ ފަގީރު ސަރަހައްދުތަކަށް މާ ބޮޑަށް ޚަރަދު ކުރުމެވެ. 32 ހާސް އަކަކިލޯމީޓަރު ހުންނަ މި ސަރަހައްދުގައި 7.5 މިލިއަން މީހުން ދިރިއެޅެއެވެ.

ސްޕޭންގެ އެންމެ މަޝްހޫރު އެއް ރަށް ބާސަލޯނާއަކީ ކެޓަލޯނިޔާގެ ވެރިރަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.