ޠޫފާން 'ހަގިބިސް' ގެ ސަބަބުން ޖަޕާނުގައި މަރުވި މީހުންގެ އަދަދު 19 އަށް

ނަގާނޯގެ ބައެއް ގެތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އަސްކަރީ ހެލިކޮޕްޓަރެއް ހަރަކާތްތެރި ވަނީ

ޖަޕާނުގެ ފަހުގެ ތާރީޚުގައި އެގައުމަށް އެރި އެންމެ ބާރުގަދަ ޠޫފާން 'ހަގިބިސް' ގެ ސަބަބުން މިހާތަނަށް މަރުވި މީހުންގ އަދަދު 19 އަރައިފި ކަމަށް އެގައުމުން ބުނެފިއެވެ.

ގަޑިއަކު 216 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހުނު ވަޔާ، ބޯ ވާރެއާއެކު ހޮނިހިރު ދުވަހުހުގެ ރޭ 7:00 ޖެހި އިރު (ރާއްޖޭ ގަޑިން ހޮނިހިރު ދުވަހު ހަވީރު 3:00 ޖެހި އިރު) ހޮންޝޫ ޖަޒީރާއަށް އެރި ޠޫފާންގެ ސަބަބުން 100 މީހަކު ޒަޚަމްވެފައި ވާއިރު 16 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ހޮންޝޫ ޖަޒީރާއަށް ޠޫފާން އެރިތާ މާގިނަ އިރެއް ނުވެ ޓޯކިޔޯ އަށް ރިޚްޓާ މިންގަނޑުން 5.7 މެގްނިޓިއުޑްގެ ބިން ހެލުމެއްވެސް އައިސްފައި ވެއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށްަ ޖަޕާނުގެ ސެލްފް ޑިފެންސް ފޯސަސް (ޖަޕާނު ސިފައިން) ގެ 27 ހާސް މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އާދިއްތަ ދުވަހު (މިއަދު) ހެނދުނު ޠޫފާނުގެ ބާރުދެރަވެ ހޮކައިދޫ ޖަޒީރާ ހުރަސްކޮށް ކަނޑަށް މިސުރާބު ޖަހާފައި ވިޔަސް، ޠޫފާން ދަތުރުކުރި މަގުގައި ހުރި ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އެންމެ ބޮޑަށް ފެން ބޮޑުވި ރަށް ކަމުގައިވާ ނަގާނޯ ގައި އޮންނަ ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން އެރަށުގެ ގިނަ ގެތަކެއް ހުރީ ދެވަނަ ފަންގިފިލާއާ ހަމައަށް ފެނުއަޑީގައެވެ.

ޠޫފާން 'ހަގިބިސް' އައުމުގެ ކުރިން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ގާތްގަނޑަކަށް 6 މިލިއަން މީހުންނަށް އޮތީ އަންގާފައި ވާއިރު، ޠޫފާން އެރުމުގެ ސަބަބު އަމިއްލަ ގެތަކުގައި ނޫޅެވިގެން ގެ ދޫކޮށް ދާންޖެހުނު މީހުންގެ ތެރެއިން 80 ހާސް މީހުން މިހާރު ތިބީ ވަގުތީ ހިޔާތަކުގައެވެ.

ގިނަ ސަރަހައްދުތަކުއް އަދިވެސް ފެނު އަޑީގައި އޮތުމުގެ ސަބަބުން ލިބުނު ގެއްލުން އަންދާޒާކުރަން ވަނީ ދަތިވެފައެވެ. ޠޫފާން އެރި ސަހަރައްދުގައި ހުރި 4 ލައްކައަށް  ވުރެ ގިނަ ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީން ވަނީ ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.