ވޭލްސަބްމެރީންގެ ދިހަހާސްވަނަ ޑައިވް ބުރާސްފަތި ދުވަހު

ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން އޮޕަރޭޓުކުރާ ވޭލް ސަބްމެރިންގެ ދިހަ ހާސް ވަނަ ޑައިވް ކުރުމަށް އެތަނުން ތައްޔާރު ވެއްޖެއެވެ.

މިއީ ދުނިޔޭގައި ބޭނުންކުރާ މިޒާތުގެ އެންމެބޮޑި އަދި އެންމެ ފުނަށް ފީނާ ސަބްމެރީނެވެ. ސަބްމެރީންގެ ވެރިޔާ ޢުމަރު ނަސީރު ވިދާޅުވީ ދިހަހާސްވަނަ ޑައިވް ދިމާވާނީ މިހަފްތާގެ ބުރާސްފަތިދުވަހަށް ކަމަށް ބެލެވޭ ކަމަށެވެ.

ސަބްމެރީން ރާއްޖޭގައި އޮޕަރޭޓުކުރަން ފެށިފަހުން މިއަދާހަމައަށް ވަނީ ނުވަ ހާސް ނުވަސަތޭކަ ނުވަދިހަ އެއް ޑައިވް ކޮށްފައެވެ. އެ ޑައިވްތަކުގައި ސަބްމެރީންވަނީ ތިންލައްކަ ފަންސާސް ހާސް މީހުންނަށްވުރެ ގިނަ ފަތުރުވެރިން ގޮވައިގެން ކަނޑުއަޑިއަށް ފީނައިފައެވެ. އެއީ ރާއްޖޭގެ އާބާދީއަށްވުރެ އިތުރު ޢަދަދެއް ކަމަށް ވޭލް ސަބްމެރީން އިން މަޢުލޫމާތު ދެއްވިއެވެ.

"އަޅުގަނޑުމެން މިބަލަނީ ދިހަ ހާސްވަނަ ޑައިވްދިމާވާނީ މި ހަފްތާގެ ބުރާސްފަތި ދުވަހާކަމަށް. އެޑައިވް ވެގެންދާނީ ތާރީޚީ ގޮތުން ވެސް ވަރަށް ޚާއްސަ ޑައިވަކަށް" ޢުމަރު ވިދާޅުވިއެވެ. ދިހާ ހާސް ވަނަ ޑައިވަށްފަހު ދިހަހާސް އެއްވަނަ ޑައިވް ވެގެންދާނީ ވަރަށް ޚާއްސަ ޑައިވަކަށެވެ. އެއީ ސަބްމެރީންއިން ފަށާ ވަރަށް ޚާއްސަ ޚިދުމަތެއް ކަމަށްވާ ރެސްޓޯރެންޓުގެ ޚިދުމަތް ފަށާ ޑައިވް އެވެ. އެ ޚިދުމަތް ދޭނީ ދުވާލުގެ އޮޕަރޭޝަންތަކަށްފަހު ރޭގަނޑު އެކަންޏެވެ. "ކަނޑުއަޑީގައި ދޭނީ ހަމައެކަނި ރޭގަނޑުގެ ކެއުމުގެ ޚިދުމަތް. އެ ޚިދުމަތުގެ އަގު ފަދަ އެއްޗެހި އަދި މުޅުން ފައިނަލްނުވޭ. ރާއްޖޭގެ ފަތުރުވެރިކަމަށް މިއީ ވަރަށް ޚާއްސަ ކަމެއް ކަމަށް ވެގެންދާނެ،" ޢުމަރު ވިދާޅުވިއެވެ.

އެކުންފުނިން ވިދާޅުވީ ރާއްޖެއަށް އަހަރަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދަށް ބަލާއިރު 19 އަހަރުތެރޭގައި ތިންލައްކައަށްވުރެ ގިނަ މީހުން ގޮވައިގެން ފީނުމަކީ ރާއްޖޭގެ ނިސްބަތުގައި މަދު ޢަދަދެއްނޫން ކަމަށެވެ. އެހެންމަވެސް ދުނިޔޭގެ ނިސްބަތުގައި އެއީ މަދު ޢަދަދެއް ކަމަށްވެދާނެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުންދާ ވަރަކުން ސަބްމެރިންގެ ދަތުރުތައް ވެސް އިތުރުވަމުންދާނެ ކަމަށް އެތަނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.