ފިޔާގެ އަގު އުޑާހަމަޔަށް: ސިޔާސީ ލީޑަރުންގެ ލޮލުން ދިލަ ކަރުނަ

ސަރުކާރުން ވަނީ ފިޔާގެ އަގު ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އަޅާފައި

އިންޑިއާގައި ފިޔާގެ އަގު އުފުލެމުން ބޮޑުވަމުންގޮސް، މިހާރު ވަނީ އުޑާހަމައަށް އުފުލިގެން ގޮސްފައެވެ.

ފިޔާގައި ވަގުންގެ ސަމާލުކަން ދަމައިގަތުމުގެ ބާރު، ރައްޔިތުންނަށް އާމުދަނީ ލިބުމާއި ނުލިބުމުގެ ބާރު، ދަނޑުވެރިން މަގުތަކަށް ނިކުމެ މުޒާހަރާ ކުރުމުގެ އާރާއިބާރު، އަދި ރައްޔިތުން މަގުތަކަށް ނިކުމެ ސިޔާސީ ލީޑަރުންގެ ނައު ފެއްތުމުގެ ބާރު އެކުލެވިގެންވެއެވެ. ކަން އެހެން އޮތުމުން ފިޔާގެ ދިލައިން ސިޔާސީ ލީޑަރުންގެ ލޮލުން ދިލަ ކަރުނަ ފޭބުން އޮންނަނީ އާއްމު ކަމަކަށްވެފައެވެ.

އިންޑިއާގެ ކޮންމެ ގެޔަކަށް، އަދި ކޮންމެ މީހަކަށް ވެސް ކެއްކުމާއި ކެއުމުގައި ފިޔާ ބޭނުންވެއެވެ. ފަގީރުން ފިޔާ ބޭނުން ކުރަނީ ތަރުކާރީއެއްގެ ގޮތުގައެވެ.

އަގު ބޮޑުވާން ފެށީ އޮގަސްޓު މަހު

ކުރު ގޮތަކަށް ބުނާނަމަ އިންޑިއާގައި ފިޔާގެ އަގު ވަނީ އުޑާހަމައަށް އުފުލިގެން ގޮސްފައެވެ.

މިކަންތައް ފެށުނީ އޮގަސްޓު މަހުގެތެރޭގައެވެ. އެދުވަސްވަރު 25 ރުޕީސްއަށް ލިބުނު ފިޔާ ކިލޯއެއް، މިހާރު މި އޮކްޓޯބަރު މަހު ވަނީ 80 ރުޕީސްއަށް އުފުލިގެންގޮސްފައެވެ.

އަތްނުފޯރާފަށަށް ފިޔާގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން ސިޔާސީ މައްސަލަތަކެއް އުފެދި، ރައްޔިތުން މަގުމައްޗަށް ނިކުމެދާނެކަމުގެ ބިރު ހީވެގެން ވެރިކަން ހިންގާ ބީޖޭޕީގެ ސަރުކާރުން ވަނީ ފިޔާގެ ކޮންޓްރޯލް ސަރުކާރުގެ ބާރުގެދަށަށް ގެންގޮސް، ފިޔާގެ އަގު އިތުރަށް އުފުލިގެން ނުދާނޭ ގޮތްތައް ހަދަންފަށާފައެވެ.

ފިޔާގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ފިޔަވަޅުއަޅާ ކޮންމެ ފަހަރަކު ފިޔާ ބޭރުގައުމުތަކަށް ވިއްކުން މަނާކުރެއެވެ. އެކަމުގެ ސަބަބުން އާއްމުކޮށް އިންޑިއާއިން ފިޔާ ގެންދާ ގައުމުތަކަށް ވަރަށްބޮޑު ދުއްތުރާތަކާ ކުރިމަތިލާންޖެއެވެ.

ސެޕްޓެމްބަރު މަހު އިންޑިއާގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔަ

ފިޔާ އެހާ މުހިއްމީ ކީއްވެގެން؟

އިންޑިއާގެ ކެއްކުމުގެ ތާރީޚީ ޢިލްމުވެރިއެއްކަމުގައިވާ ޑޮކްޓަރ މޯސިންހާ މަކްދަމް ވިދާޅުވި ގޮތުގައި މަހާރާޝްޓްރާ އަދި އިންޑިއާގެ އެހެން ބައެއް ސްޓޭޓުތަކުގައި ތަރުކާރީ ނުލިބޭނަމަ، މީހުން ރޮށި ކާނީ ފިޔާލައިގެންނެވެ. ފިޔާގެ މުހިއްމުކަން އެހާވެސް ބޮޑެވެ. 

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި އާދަޔާ ޚިލާފަށް ފިޔާ ބޭނުންކުރެއެވެ.

ސަރުކާރުގެ ސިޔާސަތު ދިރާސާ ކުރާ މީހެއްކަމުގައިވާ މިލަންދު މުރޫގިރުކަރު ބުނިގޮތުގައި ފިޔާގެ މައްސަލައިގައި އުތުރު އިންޑިއާމީހުންގެ ސިޔާސަތު ސަރުކާރުގެ މައްޗަށް ވަރަށް ބޮޑަށް ފޯރައެވެ. ފިޔާގެ އަގު ބޮޑުވާނަމަ ސަރުކާރަށް ޕްރެޝަރ ބޮޑުވާނެއެވެ. 

ފިޔާ ހަގުހެއުކޮށް ވިއްކާތަނެއްގެ ބޭރުގައި ފިޔާގަންނަން ކިއުހަދައިގެން

ފިޔާގެ އަގު ދަށަށްދާނަމަ މަހާރާޝްޓްރާ، ކަރުނާޓަކާ، ގުޖްރާތު، ފަދަ ސްޓޭޓުތަކުގެ ދަނޑުވެރިންގެ އާމުދަނީއަށް ވަރަށް ނުބައި އަސަރެއް ކުރާނެއެވެ.

ދަނޑުވެރިކަމާ ގުޅޭ ތަޖުރިބާކާރު ނޫސްވެރިއެއްކަމުގައިވާ ދިޕްތީ ރޫތު ބުނި ގޮތުގައި މިދެންނެވި ސްޓޭޓުތަކުގެ ދަނޑުވެރިން ގަބޫލުކުރާގޮތުގައި ފިޔާ ހައްދަން ފަސޭހައެވެ. އަދި ވިއްކަން އެހާ ފަސޭހައެވެ.

އޭނާ ބުނިގޮތުގައި ދަނޑުވެރިންނަށް ފިޔާއަކީ އޭޓީއެމް މެޝިނެއްފަދަ އެއްޗެކެވެ. ވަގުތުން ފައިސާ ލިބެއެވެ. ގޭގެ ޚަރަދުބަރަދުތައް ކުރެވެއެވެ.

ވަގުންގެ ސަމާލުކަން ލިބޭ އެއްޗަކަށް ފިޔާވެގެން ދިޔަކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2013 ވަނަ އަހަރުގައެވެ. އެ އަހަރު ފިޔާގެ އަގު ބޮޑުވިދުވަސްވަރު ގިނައަދަދަކަށް ފިޔާއަރުވާފައި އޮތް ބޮޑު ލޯރިއެއް ވަގަށް ގެންދަން ބަޔަކު މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުންގެ ސަބަބުން ވަގުންގެ ރޭވުން ކާމިޔާބެއްނުވިއެވެ.   

ފިޔާގެ ފިކުރު ބޮޑުވަނީ ކީއްވެގެން؟

ފިޔާގެ އަގު އާއްމުކޮށް ހުންނަވަރަށްވުރެ މައްޗަށް އުފުލޭއިރަށް ގިނަ ބަޔަކަށް ނިކަން އަވަހަށް އޭގެ އަސަރުކުރެއެވެ. އެކަމާ ރައްޔިތުން ވަރަށް އަވަހަށް ކެކެންފަށައެވެ.

އިންޑިއާގެ ރައްޔިތުންނަށް ފިޔާގެ މުހިއްމުކަމުގެ ބޮޑުކަމުން އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި ވެސް ފިޔާގެ އަގާ ގުޅޭ ވާހަކަތައް ދައްކައި ހަދައެވެ.

ފިޔާގެ އަގު އުފުލެން ފެށުމުން ދިއްލީ ސަރުކާރުން ރައްޔިތުންނަށް ހެއު އަގުގައި ފިޔާ ގަންނަން ލިބޭނޭ އިންތިޒާމު މިފަހަރު ހަމަޖައްސައިދިނެވެ.

ދިއްލީ ސަރުކާރުން ފިޔާ ރައްޔިތުންނަށް އަގުހެއުކޮށް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިން

މާޒީއަށް ބަލާއިރު 1980 ގައި ފިޔާގެ އަގުބޮޑުވާންފެށުމުން ބޮޑުވަޒީރު އިންދިރާ ގާނދީ ވަނީ އެކަމަކީ ސަރުކާރުގެ ދަނޑުވެރިކަމުގެ ޕޮލިސީ ނާކާމިޔާބުވުންކަމަށް ވިދާޅުވެފައެވެ.

މިއަހަރު ފިޔާގެ އަގު ބޮޑުވީ ކީއްވެގެން؟

ޑައިރެކްޓަރ އޮފް ނެޝަނަލް އެގްރިކަލްޗަރ ކޯޕަރޭޓިވް ފެޑެރޭޝަން ނާނާ ސާޙަބް ޕަޓިލް ވިދާޅުވި ގޮތުގައި ފިޔާގެ އަގު ބޮޑުވީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ފިޔާދަނޑުތައް ނެތިގެން ދިއުމުންނެވެ. އޭގެ އިތުރަށް ގުދަންކޮށްފައި ހުރި ފިޔާތަކުގެ 35 ޕަސެންޓު ވެސް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެގެންދިޔައެވެ.

އޭނާ ވިދާޅުވިގޮތުގައި ސެޕްޓެމްބަރު މަހު ދަނޑުތަކުން ލިބޭނެ ކަމަށް ބެލި ފިޔާ ވެސް ވިއްސާރައިގެ ސަބަބުން ވަނީ ލިބޭގޮތް ނުވެފައެވެ.

މޫގްރޫކަރު ބުނިގޮތުގައި ފާއިތުވި އަހަރުތަކަށް ބަލާއިރުވެސް ފިޔާގެ އަގަށް ބޮޑެތި ބަދަލުތަކެއް އައުން ވަނީ އާއްމުކަމަކަށް ވެފައެވެ. ފިޔާ ގިނައިން ހައްދައިފިނަމަ އަގުވެއްޓެއެވެ. މަދުން ލިބޭނަމަ އަގު އުފުލިގެންދެއެވެ.

"މިއީ ކޮންމެ އަހަރަކު ދިމާވާ އާއްމުކަމަކަށް ވެއްޖެ." ނޫސްވެރިޔާ ދިޕްތީ ރޫތު ބުންޏެވެ. "މިކަމުގެ ފައިދާ ނަގަނީ ވިޔަފާރިވެރިންނާއި އެޖެންޓުން."

ޙައްލަކީ ކޮބާ؟

ރުތު ބުނި ގޮތުގައި ފިޔާ ހަލާކުނުވެ ގިނަ ދުވަހަށް ދެމިހުންނަ ފަދަގޮތަކަށް ފިޔާ ގިނަ އަދަދަކަށް ރައްކައު ކުރެވޭނެ ނިޒާމެއް ގާއިމުކުރަންޖެހެއެވެ.

އަދި ރައްޔިތުން ފިޔާއަށް ލޯބިޖެހިފައިވާ މިންވަރު ކުޑަކުރަން އެހެނިހެން ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުކުރަންވެސް ޖެހެއެވެ.

ފިޔާނުލައި ކުޅި ކާއެއްޗެއް އިންޑިއާގައި ހެދޭކަމަކަށް ނުވޭ

ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހިގެން މަހާރާޝްޓްރާގެ ދަނޑުވެރިއެއްކަމުގައިވާ ވިކާސް ދާރޭކަރު ސުއާލުކުރިއެވެ.

"ފިޔާގެ އަގު ވެއްޓިގެންދާއިރު އެކަމަށް ހައްލެއް ހޯދައިދޭން ސަރުކާރުން އެއްވެސް ކަމެއް ނުކުރަނީ ކީއްވެގެންތަ؟"

ވިކާސް ބުނި ގޮތުގައި ދަނޑުވެރިންގެ މަންފާއަށްޓަކައި ސަރުކާރުން ވެސް ޖެހެނީ ފިޔާ ގަންނާށެވެ.

މިއަހަރުގެ ކުރީކޮޅު ފިޔާގެ އަގު ވެއްޓި ކިލޯއެއް ރުފިޔާއަކަށް ވިއްކަން ޖެހުމުން ދަނޑުވެރިން ވަނީ ފިޔާ މަގުމައްޗަށް އުކައި މުޒާހަރާކޮށްފައެވެ. މިފަހަރު އޮތީ އަދި އެހެން ގޮތެއްވުމުގެ ބިރުވެރިކަމެވެ. ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްފާނެކަމުގެ ބިރެވެ. ސިޔާސީ ލީޑަރުންގެ ލޮލުން ދިލަ ކަރުނަ އަންނަނީ އެހެންވެގެންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.