މިއަހަރު ނޯބަލް ސުލްހައިގެ އިނާމު އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދަށް

އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު

ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމުގައި ބެލެވޭ ނޯބަލް ސުލްހައިގެ އިނާމު މިއަހަރު ހާސިލުކުރެއްވި ބޭފުޅަކަށް އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު ވެވަޑައިގެންފިއެވެ.

ނޯވޭ އޮސްލޯގައި މިކަން އިއުލާންކުރަމުން ނޯބަލް އިނާމު ކޮމިޓީން ބުނި ގޮތުގައި އަބީ އަޙްމަދަށް މި އިނާމު ދޭން ނިންމީ ކުރިން އިތިއޯޕީޔާގެ ދަށުގައި އޮތުމަށް ފަހު 1991 ވަނަ އަހަރު މިނިވަންވި އެރިޓްރިޔާއާއެކު އޮތް ދެކޮޅުވެރިކަން ނައްތާލައި ދެގައުމު ސުލްހަވުމަށް އޭނާ ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

"އަބީ އަޙަމަދު (ސުލްހައިގެ) އަތްޕުޅު ދިއްކޮށްލެވުމުން އިސާއިއަސް އަފްވާކީ (އެރިޓްރިޔާގެ ރައީސު) އެ އަތްޕުޅުގައި ހިއްޕެވި އަދި ދެގައުގެ ދެމެދުގައި ރަސްމީކޮށް ސުލްހަ ގާއިމުކުރިމަށް އެހީތެރިވެވަޑައިގަތް." ނޯބަލް ސުލްހައިގެ އިނާމު ކޮމިޓީގެ ރައީސު ބެރިޓް ރީސް-އެންޑަސަން ވިދާޅުވިއެވެ.

"އިތިއޯޕިޔާގައި، އަދި ގިނަ މަސައްކަތްތަކެއް ކުރަން ހުރި ނަމަވެސް، އޭނާ ވަނީ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ދިރިއުޅުމަކާއި އުޖާލާ ކުރިމަގެއްގެ އުއްމީދު ލިބޭފަދަ މުހިއްމު އިސްލާހުތަކެއް ފަށްޓަވާފައި." އެންޑަސަން ވިދާޅުވިއެވެ.

ޝަރަފުވެރި އިނާމު ލިބުނު ކަމަށްޓަކައި "ގައުމެއްގެ ގޮތުގައި އަހަރުމެން އުފާކުރަން". ސުލްހައިގެ އިނާމު އަބީ އަޙްމަދަށް ލިބިވަޑައިގަތުމާ ގުޅިގެން އިތިއޯޕިޔާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ މިފަހަރު ނޯބަލް ސުލްހައިގެ އިނާމު ލިބޭނީ ތިމާވެށީގެ ހިމާޔަތުގައި މުޅި ދުނިޔޭގައި ކުރާ އިހްތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސްވިޑަންގެ ދަރިވަރު ގްރެޓާ ތުންބާގްއަށް ކަމަށެވެ. އަދި މި ފަހަރު އެ އިނާމު ލިބޭނެ ކަމަށް ބެލެވުނު ފަރާތްތަކުގެ ތެރޭގައި، އުތުރު ކޮރެޔާއާއެކު ގުޅުން ރަނގަޅުކުރުމަށް މަސައްކަތްޕުޅުކުރެއްވި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ އިތުރުން، ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަން ފޯ ރެފިއުޖީސްއާ 'ރިޕޯޓާސް ވިތައުޓް ބޯޑާސް' ޖަމާއަތް ހިމެނެއެވެ.

އިތިއޯޕިޔާގެ ބޮޑުވަޒީރު ވަނީ ސޫދާނުގެ އަސްކަރިއްޔާއާއި، އެގައުމުގައި މުޒާހަރާކުރަމުން ދިޔަ ފަރާތްތައް އެއް މޭޒުދޮށަށް ގެންނެވުމަށްވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

މުސްލިމް ބައްޕައަކާއި އޯތޮޑޮކްސް ނަސާރާ މަންމައަކަށް 15 އޯގަސްޓް 1976 ގައި އިތިއޯޕިޔާގެ ބިޝާޝާއަށް އުފަންވެވަޑައިގަތް އަބިއްޔީ އަޙްމަދު ޢަލީ (އަބީ އަޙްމަދު) ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2 އޭޕްރީލް 2018 ގައެވެ. ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ ގައުމާއި ގައުމުން ބޭރުގައި ފާހަގަކޮށްލެވޭ ފަދަ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.